ދުނިޔެ
ހުޅަނގު އައްސޭރީގެ ދަނޑުވެރިން ފެނަށް ޖެހިއްޖެ
ހުޅަނގުއައްސެރީގެ ދަނޑުވެރިއެއް. ފޮޓޯ: އޭއެފްޕީ
އިސްރާއީލުން ކުރިއަށްގެންދާ އިމާރާތްކުރުމުގެ މަޝްރޫއެއްގެ ސަބަބުން ހުޅަނގު އައްސޭރީގެ އުތުރުގެ ޓޫބާސް ކައިރީގައި ހުރި ދަނޑުބިންތަކަށް ފެން ފޯރުކޮށްދޭ ނިޒާމުތައް ހަލާކުވެ، އެ ސަރަހައްދުގެ ދަނޑުވެރިން ބޮޑު ތަދަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
މިކަމުގެ ސަބަބުން ދަނޑުބިންތައް ހިކި، ގެންގުޅޭ ޖަނަވާރުތަކަށް ބޯފެން ލިބުމުގައި ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.
ލޯކަލް ދަނޑުވެރިން މައުލޫމާތު ދޭ ގޮތުގައި، އިސްރާއީލު ސިފައިން ދަނީ އައިން ޝިބްލީ އާއި ތަޔާސީރު އަވަށް ގުޅުވައިދޭ 22 ކިލޯމީޓަރުގެ އަސްކަރީ މަގެއް ހެދުމުގެ މަސައްކަތް ފާއިތުވި މަސްތަކުގައި ކުރަމުންނެވެ. މި މަސައްކަތުގެ ތެރެއިން ދަނޑުބިންތަކަށާއި ޖަނަވާރުންނަށް ފެން ފޯރުކޮށްދޭ ހޮޅިތައް ވަނީ ހަލާކުކޮށްލާފައެވެ. މީގެ އިތުރުން، ދަނޑުވެރިން އެމީހުންގެ އަމިއްލަ ބިންތަކަށް ވަނުން ހުއްޓުވުމަށްޓަކައި ދަގަނޑު ހުރަސްތަކެއް ވެސް ވަނީ ގާއިމުކޮށްފައެވެ.
އޭއެފްޕީ ނިއުސް އެޖެންސީއާ ވާހަކަ ދައްކަމުން ދަނޑުވެރިއެއް ކަމަށްވާ ސާލިޙް ޙަމްދާން ބުނީ، "ފެބްރުއަރީ މަހުން ފެށިގެން އަހަރެމެން މިދަނީ ފެނުގެ ދަތިކަން ތަހައްމަލު ކުރަމުން. ގަސްތަކަށް ފެން ދެވޭނެ ގޮތެއް ނެތް، އަދި ބިމަށް ވަދެވޭނެ ގޮތެއް ވެސް ނެތް،" ކަމަށެވެ. އޭނާ އިތުރަށް ބުނި ގޮތުގައި ފެން ނުލިބޭނަމަ އެ ސަރަހައްދުގައި ދަނޑުވެރިންނަކަށް ދެން ނުތިބެވޭނެއެވެ.
އަސްކަރީ ބޭނުމަށް ކުރާ މަސައްކަތެއް ކަމަށް އިސްރާއީލުން ބުނޭ
އިސްރާއީލު އަސްކަރިއްޔާއިން ބުނާ ގޮތުގައި މި މަގު ހެދުމުގެ މަޝްރޫއަކީ ސަލާމަތީ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ނަމަވެސް ފަލަސްތީނުގެ ދަނޑުވެރިން ބުނަނީ މިއީ އެމީހުންގެ ދިރިއުޅުން ދަތިކުރުމަށް ހިންގާ އަމަލެއް ކަމަށެވެ. ދަނޑުވެރިއެއް ކަމަށްވާ ދިރުޣާމް ބަޝާރާތު ބުނި ގޮތުގައި، ދަނޑުބިންތަކަށް ވަންނަން އުޅޭ ކޮންމެ މީހަކަށް އިސްރާއީލު ސިފައިން އަނިޔާކޮށް، ހުއްޓުވައެވެ. އޭނާ ސިފަކުރި ގޮތުގައި މިހާރު އެމީހުން ތިބީ "ޖަލެއްގެ ތެރޭގައެވެ."
ޕީއެލްއޯއާ ގުޅުންހުރި އިދާރާއަކުން ހާމަކޮށްފައިވާ ގޮތުގައި، 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިސްރާއީލުން ވަނީ އެ ސަރަހައްދުގެ 1,000 އަށްވުރެ ގިނަ ދޫނަމްގެ ބިން އަސްކަރީ ބޭނުމަށް ނަގާފައެވެ. "ސްކާލެޓް ތްރެޑް" ގެ ނަމުން ނަންދީފައިވާ މި މަޝްރޫއު، އިސްރާއީލުގެ ސުޕްރީމް ކޯޓުން ވަގުތީ ގޮތުން ހުއްޓުވި ނަމަވެސް، 2026 ވަނަ އަހަރުގެ މާޗް މަހު ވަނީ އަލުން ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފައެވެ.
މި ހާލަތުގެ ސަބަބުން ހުޅަނގު އައްސޭރީގެ ދަނޑުވެރިކަމުގެ ސިނާއަތަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާއިރު، ގިނަ ދަނޑުވެރިންނަށް ވަނީ އެމީހުންގެ އާމްދަނީ ލިބޭނެ މަގުތައް ބަންދުވެ، ބޮޑު ނުތަނަވަސްކަމެއްގެ ތެރެއަށް ވެއްޓިފައެވެ.