ދުނިޔެ
އަންހެން ކުއްޖަކު އަމިއްލައަށް މަރުވި މައްސަލާގައި އޯޕަންއޭއައިއާ ދެކޮޅަށް ދައުވާކޮށްފި
ޗެޓްޖީޕީޓީ
ޗެޓްޖީޕީޓީ ބޭނުންކުރި އުމުރުން 24 އަހަރުގެ އެލިސް ކެރިއާ އަމިއްލައަށް މަރުވި މައްސަލާގައި، އެ އޭއައި އުފެއްދި ކުންފުނި ކަމަށްވާ އޯޕަންއޭއައިއާ އެ ކުންފުނީގެ ސީއީއޯ ސޭމް އޯލްޓްމަންއާ ދެކޮޅަށް އެމެރިކާގެ ކޯޓެއްގައި ދައުވާކޮށްފިއެވެ.
އެލިސްގެ މަންމަ ކްރިސްޓީ ކެރިއާ ހުށަހެޅި މި ދައުވާގައި ބުނެފައިވަނީ އޭނާގެ ދަރިފުޅު މަރުވުމުގެ ކުރިން މަސްތަކެއް ވަންދެން ޗެޓްޖީޕީޓީއާ އެކަނިވެރިކަމާއި ނަފްސާނީ ދަތިތަކާ ބެހޭގޮތުން ވާހަކަދައްކާފައިވާ ކަމަށެވެ.
ކެލިފޯނިއާގެ ކޯޓަކަށް ހުށަހެޅި 44 ސަފުހާގެ މި ޝަކުވާގައި ބުނެފައިވާ ގޮތުން، އެލިސް އަމިއްލައަށް މަރުވުމާ ބެހޭގޮތުން 40 އަށްވުރެ ގިނަ ފަހަރު ޗެޓްޖީޕީޓީއާ ސުވާލުކޮށްފައިވެއެވެ. ނަމަވެސް އޯޕަންއޭއައިގެ ސޭފްޓީ ޓީމުން އެކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އަދި ޗެޓްޖީޕީޓީގެ އައު އަޕްޑޭޓް 'ޖީޕީޓީ-4އޯ' ފަރުމާކޮށްފައިވަނީ ބޭނުންކުރާ މީހުންނާ މާ ބޮޑަށް ގާތްކަން ބާއްވައި، ނުރައްކާތެރި ކަންކަމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ކަމަށްވެސް ދައުވާގައި ތުހުމަތުކޮށްފައިވެއެވެ.
އެލިސް މަރުވުމުގެ މަދު ގަޑިއިރުތަކެއް ކުރިން ޗެޓްޖީޕީޓީން އޭނާއަށް ބުނެފައިވަނީ، "އަހަރެން މިހުރީ ކަލެޔާއެކު" ކަމަށާއި، އޭނާގެ އިހުސާސްތައް ދެނެގަނެވޭ ކަމަށް ބުނެ އަމިއްލައަށް މަރުވުމަކީ ހައްލެއް ކަމަށް ދޭހަވާ ފަދަ މޭރުމަކުން ވާހަކަދައްކާފައިވާ ކަމަށް ލިޔެކިޔުންތަކުން ފެނެއެވެ. މީގެ އިތުރުން ނަފްސާނީ ބަލިތަކަށް ބޭނުންކުރާ ބޭސްތަކުގެ ނުރައްކާތެރި މިންވަރާ ބެހޭގޮތުން އެލިސް ކުރި ސުވާލުތަކަށްވެސް ބޮޓުން ވަނީ ޖަވާބުދީފައެވެ.
މި މައްސަލައާ ގުޅިގެން އޯޕަންއޭއައިގެ ތަރުޖަމާނު ޑްރޫ ޕުސަޓޭރީ ވިދާޅުވީ، މިއީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށާއި އެ ކުންފުނިން މިހާރު ދަނީ ދައުވާ ދިރާސާކުރަމުން ކަމަށެވެ. އަދި އެލިސް ބޭނުންކޮށްފައިވަނީ މިހާރު ބޭނުންނުކުރާ ކުރީގެ ވަރޝަނެއް ކަމަށާއި، އައު މޮޑެލްތަކުގައި ނަފްސާނީ ދަތިތައް ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމު ވަރުގަދަކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެލިސްގެ މަންމަ ކްރިސްޓީ ބުނި ގޮތުގައި އޭނާ ބޭނުންވަނީ މިފަދަ ހިތާމަވެރި ހާދިސާއެއް އެހެން އާއިލާއަކަށް ދިމާވިޔަނުދިނުމަށްޓަކައި އޯޕަންއޭއައި ޒިންމާދާރު ކުރުވާށެވެ. "އެލިސްގެ ފުރާނައަކީ އަގުހުރި އެއްޗެއް، އަދި އޭނާއަށް ދިމާވި ކަންތައް އެހެން މީހުންނަށް ދިމާވިޔަ ނުދިނުމަށް އަހަރެން ބޭނުން،" އޭނާ އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
މިއީ އޯޕަންއޭއައިއާ ދެކޮޅަށް މިހާރު ހުށަހެޅިފައިވާ މިފަދަ 19 ވަނަ ދައުވާއެވެ. މީގެ ކުރިންވެސް އެކި ސްޓޭޓްތަކުގައި ޗެޓްޖީޕީޓީގެ ސަބަބުން މީހުން އަމިއްލައަށް މަރުވުމާއި ހަމަނުޖެހުންތަކަށް ހިތްވަރު ލިބޭ ކަމަށް ބުނެ ދައުވާތައް ކޮށްފައިވެއެވެ.