ޚަބަރު
މީދޫ ކައުންސިލް އިންތިޚާބު: 2 ޖެހުމާ ހަމައަށް 70 އިންސައްތަ މީހުން ވޯޓުލައިފި
މީދޫ ކައުންސިލް ރައީސް ހޮވުމަށް ބާއްވާ ދެވަނަ ބުރުގެ އިންތިޚާބު / ފޮޓޯ: އީސީ
ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިޚާބުގެ ނަތީޖާ އެއްވަރުވުމާ ގުޅިގެން މިއަދު ކުރިޔަށްދާ ދެވަނަ ބުރުގެ ވޯޓުލުމުގައި މެންދުރުފަހު 2 ޖެހުމާ ހަމައަށް، ވޯޓު ލެވޭ މީހުންގެ ތެރެއިން 70 އިންސައްތައަށް ވުރެ ގިނަ މީހުން ލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ހާމަކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު، 2 ޖެހުމާ ހަމައަށް 73.59 އިންސައްތަ މީހުން ވަނީ ވޯޓުލާފައެވެ. އެއީ ޖުމްލަ 772 މީހުންނެވެ. އޭގެތެރޭގައި ހިމެނެނީ 338 އަންހެނުންނާއި 434 ފިރިހެނުންނެވެ.
މި ފޮށްޓަށް ވޯޓު ދިނުމުގެ ހައްޤު ލިބިފައި ވަނީ 1،049 މީހުންނަށެވެ. އެއީ 483 އަންހެނުންނާއި 566 ފިރިހެނުންނެވެ. އެހެންކަމުން މިހާތަނަށް އައިއިރު ވޯޓުލާފައިވާ އަންހެނުންނަށް ވުރެ ފިރިހެނުން ގިނައެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި ވޯޓުލުން ކުރިޔަށް ދާނީ ހަވީރު 4:00އާ ހަމައަށެވެ.
މި އިންތިޚާބުގެ އިތުރު ބުރެއް ބާއްވަން ޖެހުނީ، މިދިޔަ އޭޕްރީލް މަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއާ މެދު ހައިކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ. މީދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވަނީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ފަރާތުން މުޙައްމަދު ޝާހިދާއި، ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ފަރާތުން ސުހާ އިބްރާހީމެވެ.
ކުރިން ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާ ދެއްކި ގޮތުން ސުހާއަށް 393 ވޯޓު އަދި ޝާހިދަށް 392 ވޯޓު ލިބުނެވެ. ނަމަވެސް އެމްޑީއޭއިން ހުށަހެޅި ޝަކުވާއަކާ ގުޅިގެން ވޯޓު އަލުން ގުނުމުން، ސުހާއަށް ލިބުނު ދެ ވޯޓެއް ބާތިލު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމިއެވެ. މި ނިންމުން ސުހާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ކޯޓުން ހުކުމް ކުރީ ބާތިލުކުރި ދެ ވޯޓުގެ ތެރެއިން އެއް ވޯޓަކީ ސައްހަ ވޯޓެއް ކަމަށެވެ. އެ ވޯޓުގައި ފާހަގަ މަތިން އިތުރަށް ފަވާފައިވީ ނަމަވެސް، ވޯޓު ދިނީ ކާކަށްކަން ސާފުކޮށް އެނގެން އޮތުމުން ކޯޓުން އެއީ ސައްހަ ވޯޓެއްގެ ގޮތުގައި ކަނޑައެޅީއެވެ. މި ހުކުމާއެކު ދެ ކެންޑިޑޭޓުންގެ ވޯޓު ވަނީ 392 އިން އެއްވަރުވެފައެވެ.