ދުނިޔެ
ޣައްޒާގެ ޑރ. ހުސާމް އަބޫ ސަފިއްޔާގެ ހާލަތު ދައްކުވައިދޭ ފޮޓޯއެއް އާންމުވެއްޖެ
ޣައްޒާގެ ކަމާލް އަދުވާން ހޮސްޕިޓަލުގެ ޑިރެކްޓަރު ޑރ. ހުސާމް އަބޫ ސަފިއްޔާ. ފޮޓޯ: އެކްސް
އިސްރާއީލުގެ އަސީރު ކޮށްފައި ހުންނެވި ޣައްޒާގެ ކަމާލް އަދުވާން ހޮސްޕިޓަލުގެ ޑިރެކްޓަރު ޑރ. ހުސާމް އަބޫ ސަފިއްޔާ، ގާތްގަނޑަކަށް އަހަރެއްހާ ދުވަހަށްފަހު ފުރަތަމަ ފަހަރަށް ކޯޓަށް ހާޒިރުކޮށްފިއެވެ.
ކޯޓުގައި ޑރ ހުސާމް ހުންނަވަނިކޮށް ފެނުނު ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާ ހުންނެވީ ވަރަށް ބޮޑަށް ހިކި އަނަރޫފަވެ، އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ހަށިގަނޑުން ފެންނާށެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އިސްރާއީލުގެ ސުޕްރީމް ކޯޓަށް ހާޒިރުކުރެވުނު އިރު، ޑރ. ހުސާމް ހުންނެވީ ބިޑިއަޅުވާފައެވެ. އޭނާގެ ވަކީލު ނާސިރު އަބޫ އޫދާ ވިދާޅުވި ގޮތުގައި، ޑރ. ހުސާމް ވަނީ އޭނާ ހައްޔަރުކޮށްފައިވަނީ އެއްވެސް އިންސާފެއް ނެތި ކަމަށް ވިދާޅުވެ، ވަގުތުން ދޫކޮށްލުމަށް ގޮވާލައްވާފައެވެ. "އަހަރެންނަކީ ބަލިމީހުންނާއި ޒަހަމްވެފައިވާ މީހުންނަށް ފަރުވާދޭ ކުޑަކުދިންގެ ޑޮކްޓަރެއް. އަހަރެން މަސައްކަތް ކުރީ ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް،" ޑރ. ހުސާމް ކޯޓުގައި ވިދާޅުވިއެވެ.
ކުރިން ދޫކޮށްލާފައިވާ އަސީރުންގެ ފަރާތުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޑރ. ހުސާމަށް ޖަލުގައި އިންތިހާއަށް އަނިޔާކޮށްފައިވެއެވެ. އެގޮތުން އޭނާ ބޮޑަށް ހިކި، ކާބޯތަކެތި ހަށިގަނޑަށް ނުހިފަހައްޓާ ވަރަށް ބަލިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ބައެއް ހެކިވެރިން ބުނި ގޮތުގައި އިސްރާއީލުގެ ސިފައިން ވަނީ އޭނާ ބޯކޮށް އޮރިޔާންކޮށް، ފުލުސް ކުއްތާތައް އޭނާގެ ގަޔަށް ދޫކޮށްލާފައެވެ.
މީގެ އިތުރުން، ޑރ. ހުސާމް ހުންނެވީ އަތާއި ފައިގައި ބިޑިއަޅުވާފައި ކަމަށާއި، ސާފު ބޯފެނާއި އެކަށީގެންވާ ކާނާ ނުލިބޭ ކަމަށް އޭނާގެ ވަކީލު ފާހަގަކުރެއްވިއެވެ. އޭނާއަކީ ދާއިމީ ބަލިތަކަށް ބޭސްކުރައްވާ ބޭފުޅަކަށް ވީނަމަވެސް، އިސްރާއީލުން ވަނީ އޭނާއަށް ބޭސްފަރުވާގެ ހިދުމަތް ދިނުމަށް އިންކާރުކޮށްފައެވެ.
އެމްނެސްޓީ އިންޓަނޭޝަނަލުން ބުނެފައިވަނީ ޑރ. ހުސާމް ހައްޔަރުކުރުމަކީ ޣައްޒާގެ ސިއްހީ ނިޒާމު ސިސްޓަމެޓިކްކޮށް ހަލާކުކޮށްލުމަށް އިސްރާއީލުން ހިންގާ ޖަރީމާއެއްގެ ބައެއް ކަމަށެވެ. އދ. ގެ މާހިރުން ވެސް ވަނީ އޭނާގެ ސިއްހީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް، އޭނާ ވަގުތުން ދޫކޮށްލުމަށް ގޮވާލާފައެވެ.
ޑރ. ހުސާމް އަބޫ ސަފިއްޔާ ހައްޔަރުކުރީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު، އުތުރު ޣައްޒާގައި ހުރި ހަމައެކަނި ހޮސްޕިޓަލް ކަމަށްވާ ކަމާލް އަދުވާން ހޮސްޕިޓަލް ދޫކޮށް ދިއުމަށް އިސްރާއީލުން އެންގުމުން އެކަމަށް އިންކާރުކުރުމާ ގުޅިގެންނެވެ. އިސްރާއީލުގެ ހަމަލާތަކުގައި މިހާތަނަށް ޣައްޒާގެ 1,700 އަށްވުރެ ގިނަ ސިއްހީ އެހީތެރިން ވަނީ ޝަހީދުކޮށްލާފައެވެ.