ޚަބަރު
ޕެންޝަން އޮފީހުގެ ސީއީއޯގެ މަޤާމަށް ކުރިމަތިލުމަށް އަލުން ހުޅުވާލައިފި
ޕެންޝަން އޮފީސް
ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އެ އޮފީހުން އަލުން ހުޅުވާލައިފިއެވެ.
މި މަޤާމަށް ކުރިމަތިލުމަށް މީގެ ކުރިން މިދިޔަ އޭޕްރީލް މަހު ހުޅުވާލާފައި ވަނިކޮށް، އަލުން އިއުލާން ކުރަން ނިންމީ ޕެންޝަނާ ބެހޭ ޤާނޫނަށް ގެނައި މުހިންމު އިސްލާޙުތަކާ ގުޅިގެންނެވެ.
ޕެންޝަން އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، އަލަށް އައްޔަންކުރާ ސީއީއޯގެ އެންމެ މުހިންމު މަސްއޫލިޔަތަކީ ޕެންޝަނާ ބެހޭ ޤާނޫނަށް ގެނައި ހަވަނަ އިސްލާޙު ތަންފީޒުކުރުމުގައި އިސްދައުރެއް އަދާކުރެއްވުމެވެ. މިއީ މުއައްސަސާގެ ހިންގުން ހަރުދަނާކޮށް، އަންނަމުންދާ ބަދަލުތަކަށް ތައްޔާރުވުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި އެ އޮފީހުން ސިފަކުރެއެވެ. ސީއީއޯގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރެވޭނީ 5 އަހަރު ދުވަހުގެ މުއްދަތަށެވެ.
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ މަހު ތަސްދީޤުކުރެއްވި އިސްލާޙުތަކުގެ ތެރޭގައި، އަސާސީ ޕެންޝަނަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންނަށް އެ ޕެންޝަން ނުލިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، ގެދޮރު އިމާރާތް ކުރުމާއި މަރާމާތު ކުރުމަށް ޕެންޝަން ފަންޑުގައިވާ ފައިސާ ކޮލެޓަރަލައިޒް ކުރެވޭނެ އިންތިޒާމާއި، ޙައްޖުވުމަށްޓަކައި ޖާގަ ރިޒާވް ކުރަން ފަންޑުގެ ފައިސާ ބޭނުންކުރެވޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.
އަލަށް ގެނައި އިސްލާޙުގައި "ޓަރމިނަލް އިލްނަސް" ނުވަތަ ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް، އެމީހުންގެ ރިޓަޔަމަންޓް ސޭވިން އެކައުންޓުގައި ހުރި ހުރިހާ ފައިސާއެއް ދޫކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. މި ހާލަތަކީ ބަލިމީހާ 12 މަސް ދުވަހަށްވުރެ އިތުރަށް ދިރިހުރުމުގެ ފުރުސަތު ކުޑަކަމަށް ސްޕެޝަލިސްޓް ޑޮކްޓަރަކު ކަނޑައަޅާ ހާލަތްތަކެވެ.
ޕެންޝަން ލިބޭ އުމުރު ހަމަވެފައިވާ މީހަކީ އަސާސީ ޕެންޝަން ޙައްޤުވާ މީހެއްތޯ ބެލުމުގެ އުސޫލުތައް ކަނޑައަޅާނީ މާލީ ވުޒާރާގެ މަޝްވަރާއާއެކު ޕެންޝަން އޮފީހުގެ ބޯޑުންނެވެ. އަދި އިންތިޚާބީ މަޤާމެއްގައި ހުރި މީހަކަށް ނުވަތަ ދައުލަތުގެ ކުންފުންޏެއްގެ ވަޒީފާގައި ހުރި މީހަކަށް އަސާސީ ޕެންޝަން ނުލިބޭނެ ކަމަށްވެސް ޤާނޫނުގައި މިހާރު ވަނީ ބަޔާންކޮށްފައެވެ.