ދުނިޔެ
ޚާމަނާއީގެ ޖަނާޒާއާއި ވަޅުލުމުގެ ތާރީޚުތައް އިއުލާންކޮށްފި
އާޔަތުއްﷲ ޢަލީ ޚާމަނައީ. ފޮޓޯ: އޭއޭ
އީރާނުގެ ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގެ ކަންކަން ޖުލައި މަހުގެ 4 ވަނަ ދުވަހު ތެހެރާނުގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި، އޭނާ ވަޅުލުމަށް ހަމަޖެހިފައިވަނީ ޖުލައި 9 ވަނަ ދުވަހު އޭނާގެ އުފަން ރަށް ކަމަށްވާ މަޝްހަދުގައި ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.
ޚާމަނޭއީ ވަޅުލުމުގެ ރަސްމިއްޔާތު ކުރިން މާރިޗު މަހަށް ތާވަލުކުރި ނަމަވެސް، އެމެރިކާއާއި އިސްރާއިލުން އީރާނާ ދެކޮޅަށް ކުރަމުންދިޔަ ހަނގުރާމަ ދިގުލައިގެން ދިއުމުގެ ސަބަބުން އެކަން އޮތީ ފަސްކޮށްފައެވެ. ޖުލައި 4 އިން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ތެހެރާނުގައި ޖަނާޒާގެ ރަސްމިއްޔާތުތައް ކުރިއަށްދާނެ ކަމަށާއި، ޖުލައި 7 ވަނަ ދުވަހު އިރާންގެ ސިޓީއެއް ކަމަށްވާ ގުމްގައި ވެސް ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.
އުމުރުފުޅުން 86 އަހަރުގެ ޚާމަނާއީ އަވަހާރަވީ މިދިޔަ ފެބްރުއަރީ މަހު އެމެރިކާއާއި އިސްރާއިލުން ގުޅިގެން އޭނާ ދިރިއުޅުއްވާ ކޮމްޕައުންޑަށް ދިން ވައިގެ ހަމަލާއެއްގައެވެ. ޚާމަނާއީ އީރާނުގެ ލީޑަރުކަމާ ހަވާލުވެވަޑައިގަތީ 1989 ވަނަ އަހަރު، އިސްލާމީ އިންގިލާބުގެ ބާނީ އާޔަތުﷲ ރޫހުﷲ ޚުމައިނީ އަވަހާރަވުމާ ގުޅިގެންނެވެ.
އީރާނުގެ ރަސްކަން ނިމުމަކަށް ގެނައި އިންގިލާބުގެ ފަހަތުގައި އޮތް ފިކުރީ ބާރަކީ ޚުމައިނީ ކަމުގައި ވީނަމަވެސް، ޚާމަނާއީ ބޮޑަށް ފާހަގަކުރެވިފައިވަނީ އެ ގައުމުގެ އަސްކަރީ އަދި ޕެރަމިލިޓަރީ ނިޒާމު ބައްޓަންކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.
ޚާމަނާއީގެ ފަހުން އެ މަގާމާ ހަވާލުވެވަޑައިގަތް އޭނާގެ ދަރިކަލުން މުޖްތަބާ ޚާމަނާއީ، އެމެރިކާ-އިސްރާއިލް ހަނގުރާމަ ފެށުނު ފަހުން އާންމުންގެ ތެރެއަށް ފެނިފައެއް ނުވެއެވެ. ނަމަވެސް، އެޕްރީލް 8 ގައި އިއުލާންކުރި ސުލްހައިގެ އެއްބަސްވުމަށްފަހު ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ މަޝްވަރާތަކުގައި މުޖްތަބާ ޚާމަނާއީ އިސް ދައުރެއް އަދާކުރައްވަމުން ގެންދަވާ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ މި މަހުގެ ކުރީކޮޅު ވަނީ ބުނެފައެވެ.