Ads by Farudhun

ޚަބަރު

ލޭ ހަދިޔާކުރާ ފަރާތްތަކުން އެ ކުރަނީ އެއްވެސް އަމިއްލަ އެދުމެއް ނެތް، ދީލަތި މަސައްކަތެއް : މެޑަމް ސާޖިދާ

ލޭ ހަދިޔާކުރާ ފަރާތްތަކުން އެ ކުރަނީ އެއްވެސް އަމިއްލަ އެދުމެއް ނެތް، ދީލަތި މަސައްކަތެއް : މެޑަމް ސާޖިދާ

މެޑަމް ސާޖިދާ މުޙައްމަދު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 ޖޫން 2026، 10:01

14 ޖޫން 2026، 10:01

ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ލޭ ހަދިޔާކުރާ ފަރާތްތަކުން ދައްކުވައިދޭ އޯގާތެރިކަމާއި އިންސާނިއްޔަތުކަމަށް ތައުރީފު ކުރައްވައިފިއެވެ.

މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހާ ގުޅިގެން ދެއްވި މެސެޖެއްގައި ފަސްޓްލޭޑީ ވިދާޅުވީ، ލޭ ހަދިޔާކުރާ ފަރާތްތަކުން އެ ކުރަނީ އެއްވެސް އަމިއްލަ އެދުމެއް ނެތް، ދީލަތި މަސައްކަތެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބަލިމީހުންނަށާއި އެމީހުންގެ އާއިލާތަކަށް، ހަޔާތުގެ އެންމެ ދަތި އުނދަގޫ ވަގުތުތަކުގައި އާ އުންމީދެއް ލިބިގެންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މެޑަމް ސާޖިދާ އިތުރަށް ވިދާޅުވީ، ކޮންމެ ލޭ ހަދިޔާކުރުމެއްގެ ފަހަތުގައިވަނީ އޯގާތެރިކަމާއި އިންސާނިއްޔަތުކަމުގެ ފުން މާނައެއް އެކުލެވިގެންވާ ވާހަކައެއް ކަމަށެވެ. ޚާއްޞަކޮށް ނާޒުކު ހާލަތްތަކުގައި ފަރުވާ ހޯދަމުންދާ ބަލިމީހުންނަށާއި، އެމީހުންގެ ގާތުގައި ތިބޭ އާއިލާތަކަށް، ލޭ ހަދިޔާކުރާ މީހެއްގެ އެ އެހީތެރިކަމަކީ ބިރުވެރިކަމާއި އުންމީދު ކަނޑާލުމުގެ ބަދަލުގައި އާ ހިތްވަރެއް ލިބިގެންދާ ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ފުރާނަ ސަލާމަތްކުރުމަކީ އަބަދުވެސް ވަރަށް ބޮޑެތި ކަންތައްތަކެއް ކޮށްގެން ކުރެވޭނެ ކަމެއް ނޫންކަން މިއަދު އަޅުގަނޑުމެންނަށް ހަނދާންކޮށްދޭ ކަމަށްވެސް ފަސްޓްލޭޑީ ވިދާޅުވިއެވެ. ބައެއް ފަހަރު ވަރަށް ކުޑަ އޯގާތެރި އަމަލަކުންވެސް މީހެއްގެ މުޅި ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނެވިދާނެކަން އެކަމަނާގެ މެސެޖުގައި ބަޔާންކުރެއްވިއެވެ.

މެޑަމް ސާޖިދާގެ މެސެޖު ނިންމަވާލައްވަމުން، އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ އިސްނެގުމުގެ މަތިން ގަވާއިދުން ލޭ ހަދިޔާކުރުމުގެ މުހިންމުކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމަށާއި، އެއީ އެންމެންގެ އިޖުތިމާއީ ޒިންމާއެއްގެ ގޮތުގައި ދެމެހެއްޓުމަށް ބާރުއެޅުއްވިއެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450