ދުނިޔެ
ޞުލްޙައިގެ އެއްބަސްވުމުގައި މާދަމާ ސޮއި ކުރެވޭނެ: ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. ފޮޓޯ: ރޮއިޓާސް
އީރާނާއެކު ވެވޭ ޚާއްޞަ އެއްބަސްވުމެއްގައި މާދަމާ ސޮއިކުރުމަށް ތާވަލުކުރެވިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު އިޢުލާނު ކޮށްފިއެވެ.
މިއީ ބައިނަލްއަޤުވާމީ މަސްރަޙަށް އަންނާނެ ބޮޑު ބަދަލެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.
ރައީސް ޓްރަމްޕް ބުނެފައިވާ ގޮތުގައި މި އެއްބަސްވުމުގައި ސޮއިކުރެވޭ ވަގުތުން ފެށިގެން، "ހޯރްމޫޒް ކަނޑުއޮޅި އެންމެހާ ފަރާތްތަކަށް ހުޅުވާލެވޭނެ" އެވެ. މިއީ ދުނިޔޭގެ ތެލުގެ ވިޔަފާރިއާއި ދަތުރުފަތުރަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއްކަން އޭނާ ފާހަގަކޮށްފައިވެއެވެ.
މި އެއްބަސްވުމުގެ ސަބަބުން އީރާނަށް ނިއުކްލިއަރ ހަތިޔާރު ހޯދުމުގެ ފުރުޞަތު ދާއިމީ ގޮތަކަށް ބަންދުވެގެންދާނެ ކަމަށް ޓްރަމްޕް ބުނެއެވެ. އަދި މިއީ ކުރީގެ ރައީސް އޮބާމާގެ ދައުރުގައި އެކުލަވާލި ނިއުކްލިއަރ އެއްބަސްވުމާ މުޅިން ޚިލާފު، އޭގެ އިދިކޮޅު ވަރުގަދަ އެއްބަސްވުމެއްގެ ގޮތުގައި އޭނާ ސިފަކުރެއެވެ.
މީގެ އިތުރުން، މި އެއްބަސްވުމުގެ ދަށުން އެއްވެސް ފައިސާއެއްގެ މުޢާމަލާތެއް ނުހިނގާނެ ކަމަށް ޓްރަމްޕް ކަށަވަރުކޮށްދީފައިވެއެވެ. ނަމަވެސް، މި މަރުޙަލާގައި އެއްވެސް މައްސަލައެއް ޖެހި އެއްބަސްވުން ކުރިއަށް ނުގެންދެވިއްޖެ ނަމަ، އެމެރިކާގެ އަތުގައި "އެންމެ ފަހުގެ ވަރުގަދަ ބަދަލު" އެބައޮތް ކަމަށް ވިދާޅުވެ އޭނާ ވަނީ އިންޒާރު ދީފައިވެއެވެ.