ޚަބަރު
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޯހިޔާވަހިކަމަށް އެދޭއިރު އެންސްޕާ ކާޑުގެ ކޮޕީ ހުށަހަޅާކަށް ނުޖެހޭނެ
ހުޅުމާލެ ފޭސް 2 ގެ ފްލެޓްތައް ފޮޓޯ: ފަރުދުން
އެންސްޕާގައި ރަޖިސްޓްރީވެފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް، އިތުރު ލިޔުމަކާ ނުލައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ކުރިމަތިލެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ބިނާރާ، ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ "ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަކިން ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ އެޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ. މި މަޝްރޫޢަށް ކުރިމަތިލުމުގެ މުއްދަތު މާދަމާ (ހޯމަ ދުވަސް) ރޭގެ 11:59 އަށް ހަމަވާނެއެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ބަދަލުގައި ބެލެނިވެރިޔާގެ ނަމުގައި އެޕްލިކޭޝަން ހުށަހަޅާއިރު، އެންސްޕާގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން އެންސްޕާ ކާޑުގެ ކޮޕީ މިހާރު ހުށަހަޅާކަށް ނުޖެހޭނެއެވެ. އެ ލިޔުމާ ނުލައިވެސް އެޕްލިކޭޝަން ބަލައިގަންނާނެ ކަމަށް އެ ވުޒާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.
މި މަޝްރޫޢަށް ޝަރުތު ހަމަވުމުގައިވެސް ސަރުކާރުން ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން މާލޭގައި ދިރިއުޅޭތާ މެދުނުކެނޑި 5 އަހަރު ވެފައިވާނަމަ ފްލެޓަށް ހުށަހެޅޭނެއެވެ. މީގެ އިތުރުން، އަތޮޅުތަކުން ފަރުވާ ލިބެން ނެތުމުގެ ސަބަބުން މާލެއަށް ބަދަލުވާން ޖެހިފައިވާ ފަރާތްތަކަށް ޚާއްޞަ އިސްކަމެއް ދީ، ވޭތުވެދިޔަ 1 އަހަރު މާލެއިން ފަރުވާ ހޯދާފައިވާ ފަރާތްތަކަށްވެސް މި ކެޓަގަރީއަށް ހުށަހެޅޭނެ ގޮތަށް ވަނީ އުސޫލު ބަދަލުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އިންޑިއާ އާއި ޗައިނާއާ ގުޅިގެން 4,500 އެއްހާ ހައުސިންގ ޔުނިޓުގެ މަސައްކަތް އެކި މަރުޙަލާތަކުގައި ދަނީ ކުރިއަށެވެ. އަދި އަތޮޅުތެރޭގައިވެސް ލުއި ލޯނާއި ކުންފުނިތަކާ ހަވާލުކޮށްގެން ގިނަ މަޝްރޫޢުތަކެއް ދަނީ ހިންގަމުންނެވެ.
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހޯމަ ދުވަހުގެ ނިޔަލަށް ހަމަވާއިރު، ވީހާވެސް ގިނަ ފަރާތްތަކަށް މި ފުރުޞަތުގެ ބޭނުން ހިފުމަށް ސަރުކާރުން ބާރުއަޅުއްވައެވެ.
ޚާއްޞަ އިސްކަންދެވޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްގެ ބަދަލުގައި، އެންސްޕާގައި ރަޖިސްޓްރީވެފައިވާ ބެލެނިވެރި ފަރާތުން އެޕްލިކޭޝަން ހުށަހަޅާނަމަ، އެކަން ސާބިތުކޮށްދޭ ލިޔުން ހުށަނާޅާ އެޕްލިކޭޝަން މިހާރު ހުށަހެޅޭނެ.… pic.twitter.com/lmqeCmIsJx
— Ministry of Infrastructure, Housing and Urban Dev. (@MIHUDmv) June 13, 2026