ދުނިޔެ / ރިޕޯޓް
އީރާނާއި އެމެރިކާއިން އެއްބަސްވުމަކާ ގާތަށް
އިރާނާއި އެމެރިކާއާއި ދެމެދު ޞުލްޙައިގެ އެއްބަސްވުން ވަނީ ވަރަށް ގާތުގަައި ކަމަށް ދަނީ ބުނަމުން
އީރާނާއި އެމެރިކާއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކާ ގާތްވެފައިވާކަމުގެ ނިޝާންތައް ފެންނަމުންދާއިރު، މީގެ އަހަރެއް ކުރިން އިސްރާއިލާއެކު ހިނގި 12 ދުވަހުގެ ހަނގުރާމައިގެ ހަނދާންތައް ތެހެރާނުން އާކުރަން ފަށައިފިއެވެ.
މިހާރު ކުރިއަށްދާ 60 ދުވަހުގެ ސުލްހައިގެ އެއްބަސްވުން ދާއިމީ ސުލްހައަކަށް ބަދަލުކުރުމުގެ މަޝްވަރާތައް އެމެރިކާއާއި އީރާނުގެ އޮފިޝަލުން ކުރަމުންދާއިރު، މި މަޝްވަރާތަކަށް އިސްރާއިލުން ހުރަސްއަޅާފާނެ ކަމުގެ ބިރު އޮތްކަން އީރާނުން ފާހަގަކުރެއެވެ.
2025 ވަނަ އަހަރުގެ ޖޫން މަހު އިސްރާއިލުން ހިންގި "އޮޕަރޭޝަން ރައިޒިންގ ލަޔަން" ގައި ޝަހީދުވި އީރާނުގެ އިސް ކޮމާންޑަރުންގެ ހަނދާންތައް އާކުރުމަށް ތެހެރާނުގެ އެކި ސަރަހައްދުތަކުގައި ދަނީ ހަރަކާތްތައް ބާއްވަމުންނެވެ. މީގެ ތެރޭގައި އީރާނުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް މުހައްމަދު ބާގިރީ އާއި އައިއާރްޖީސީގެ ކޮމާންޑަރު ހުސައިން ސަލާމީ ފަދަ އިސް ބޭފުޅުން ހިމެނެއެވެ. ދައުލަތުގެ މީޑިއާތަކުން މި ބޭފުޅުން ސިފަކުރަނީ އިސްލާމީ ތާރީޚުގެ މަތިވެރި ޝަހީދުންގެ ގޮތުގައެވެ.
މީގެ އިތުރުން، މިދިޔަ އަހަރުގެ ހަނގުރާމައިގައި އަވަހާރަކޮށްލެވުނު ނިއުކްލިއާ ސައިންސްވެރިންގެ ހަނދާން އާކުރުމަށް ޔުނިވާސިޓީތަކުގައި ޚާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެމެރިކާއާއި އިސްރާއިލުން ދިން ހަމަލާތަކުގައި މިހާތަނަށް 3,468 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި މިދިޔަ ފެބްރުއަރީ މަހު އަވަހާރަވި އީރާނުގެ ރޫހާނީ މީޑިއާ އާޔަތުﷲ އަލީ ޚާމަނާއީ ވެސް ހިމެނެއެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވި ގޮތުގައި، އީރާނުން ހަނގުރާމައަށް ދިޔައީ އެމެރިކާގެ ނުފޫޒަށް ބޯނުލެނބުމުގެ ސަބަބުންނެވެ. "މަޝްވަރާތަކަކުން ނޫން ހަނގުރާމަ އުފެދުނީ، ހަނގުރާމަ އުފެދުނީ އަޅުގަނޑުމެން ދެއްކި ސާބިތުކަމުގެ ސަބަބުން،" އަރަގްޗީ ވިދާޅުވިއެވެ. އީރާނުގެ އިސް ގާޒީ ގޮލާމް ހުސައިން މުހްސިނީ އެޖެއީ ވިދާޅުވީ އީރާނުގެ އަސްކަރިއްޔާ އޮތީ ކޮންމެ ފަދަ ގުރުބާނީއެއް ވުމަށްވެސް ތައްޔާރަށް ކަމަށެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އެމެރިކާއާއި އީރާނާ ދެމެދު ވަގުތީ އެއްބަސްވުމެއްގައި ސޮއިކުރެވިދާނެއެވެ. ނަމަވެސް، އީރާނުގެ ހަރުކަށި ފިކުރުގެ މަޖިލިސް މެންބަރުން ދަނީ މި އެއްބަސްވުމާ ދެކޮޅަށް އަޑުއުފުލަމުންނެވެ. އެބޭފުޅުން ގަބޫލުކުރާ ގޮތުގައި މިއީ 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމަށްވުރެ ވެސް އީރާނަށް ގެއްލުން ބޮޑު އެއްބަސްވުމަކަށް ވެދާނެއެވެ.
އެހެންނަމަވެސް، އީރާނުގެ ސަރުކާރަށް ތާއީދުކުރާ ބައެއް ނޫސްތަކުން ބުނާގޮތުގައި، މި އެއްބަސްވުމަކީ ގައުމަށް ލިބިދާނެ އިތުރު ގެއްލުންތަކުން ސަލާމަތްވުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މަޝްވަރާތައް ކާމިޔާބުވުމުގެ ފުރުސަތު ކުޑަވި ނަމަވެސް، މަޝްވަރާ ނުކޮށް ތިބުމުގެ ގެއްލުން މާ ބޮޑުވާނެ ކަމަށް އެ ނޫސްތަކުން ފާހަގަކުރެއެވެ.