ޚަބަރު
އައު ގަވާއިދާ އެއްގޮތަށް ކާބޯތަކެތި ލޭބަލް ކުރުމަށް 6 މަސްދުވަހުގެ މުއްދަތެއް ދީފި
މާރުކޭޓުގައި ވިއްކަން ހުރި ވެކިޔުމް މަސް ޕެކެޓްތަކެއް. ފޮޓޯ: ޓްރިޕް އެޑްވައިޒަރ
ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމަށް އެކުލަވާލާފައިވާ އައު ގަވާއިދާ އެއްގޮތަށް ކާބޯތަކެތި ލޭބަލް ކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން 6 މަސްދުވަހުގެ މުއްދަތެއް ދީފިއެވެ.
މިދިޔަ ހަފުތާގައި އާންމުކުރި މި ގަވާއިދަށް އަމަލުކުރަން މިހާރު ވަނީ ފަށާފައެވެ.
މި ގަވާއިދުގައިވާ ގޮތުން ކާބޯތަކެތި ބަންދުކުރަންވާނީ އެކަމަށް ޚާއްޞަ 'ފުޑް ގްރޭޑަޑް' މެޓީރިއަލްތަކުގައެވެ. އަދި އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕެޓް ފުޅި ފަދަ ތަކެތީގައި ކާބޯތަކެތި ބަންދުކުރުމަކީ މިހާރު މަނާކަމެކެވެ. މީގެ އިތުރުން، އަސްލު އޮޅޭގޮތަށް ލޭބަލްކޮށްފައިވާ ކާބޯތަކެތި އެތެރެކުރުމާއި ވިޔަފާރީގެ ބޭނުމަށް އުފެއްދުމަކީ ކުށެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.
ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައެވެ. އެގޮތުން ކުށް ތަކުރާރުވާ މިންވަރަށް ބަލައި 10,000 ރުފިޔާއިން ފެށިގެން 750,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ލައިސަންސް ހިފެހެއްޓުމާއި ބާތިލުކުރުމުގެ ބާރުވެސް އެމްއެފްޑީއޭއަށް ލިބިގެންވެއެވެ.
އަސްލު އޮޅޭގޮތަށް ލޭބަލް ކުރުމުގެ ސަބަބުން މީހެއްގެ ސިއްޙަތަށް ގެއްލުމެއް ލިބިއްޖެނަމަ ނުވަތަ ފުރާނައަށް ނުރައްކާވެއްޖެނަމަ، އެ އަމަލު ކުރި ފަރާތެއް 1,000,000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
ލޭބަލްކުރުމުގެ މިންގަނޑާ ޚިލާފުވާ ފަރާތްތައް ފަސްވަނަ ފަހަރަށް ކުށް ތަކުރާރުކޮށްފިނަމަ، އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމާއެކު އެ ފަރާތެއްގެ ލައިސަންސް ނުވަތަ ރަޖިސްޓްރީ ބާތިލުކުރެވޭނެއެވެ. މި އައު ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ކުރިން އަމަލުކުރަމުން އައި ޤައުމީ މިންގަނޑު މިހާރު ވަނީ އުވާލާފައެވެ.