ދުނިޔެ

އެއާ ކެނެޑާގެ ޕައިލެޓެއް ފޭކު ލައިސަންސެއްގައި 17 އަހަރު ވަންދެން ބޯޓު ދުއްވައިފި

އެއާ ކެނެޑާގެ ޕައިލެޓެއް ފޭކު ލައިސަންސެއްގައި 17 އަހަރު ވަންދެން ބޯޓު ދުއްވައިފި

ޖެފްތީ އާ ގުޅޭ ނޫސްވެރިންގެ ބައްދަލުވުން ފޮޓޯ: އެއަރ ކެނެޑާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 ޖޫން 2026، 01:25

14 ޖޫން 2026، 01:25

ކެނެޑާގެ ގައުމީ އެއާލައިން، އެއާ ކެނެޑާގެ ކުރީގެ ޕައިލެޓަކު ސައްހަ ނޫން ލައިސަންސެއް ބޭނުންކޮށްގެން ގާތްގަނޑަކަށް 17 އަހަރު ވަންދެން އެތައް ހާސް ފަސިންޖަރުންނަކާއެކު ދަތުރުކުރި މައްސަލައެއްގައި އޭނާގެ މައްޗަށް ޖިނާއީ ދައުވާ އުފުލައިފިއެވެ.

ކެނެޑާގެ ފުލުހުން މިދިޔަ އަންގާރަ ދުވަހު ހާމަކުރި ގޮތުގައި، ޖެފްރީ ވޯލް ނަމަކަށް ކިޔާ މި ޕައިލެޓް ހައްޔަރުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 1 ވަނަ ދުވަހުއެވެ. ތަހުގީގު އިދާރާތަކުން ބުނާ ގޮތުގައި އޭނާ ވަނީ 2009 އަކުން ފެށިގެން 2025 އާ ހަމައަށް، ބޭނުންވާ މުހިންމު ލައިސަންސް ނެތި އަދި ފުރިހަމަކުރަންޖެހޭ އިމްތިހާނުތައް ފުރިހަމަނުކޮށް، އެތެރޭގެ އަދި ބައިނަލްއަގުވާމީ 900 އަށްވުރެ ގިނަ ފްލައިޓްގެ ކެޕްޓަނެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.

އޮންޓޭރިއޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީލް ރީޖަނަލް ޕޮލިސްގެ ޑެޕިއުޓީ ޗީފް މިލިނޮވިޗް ވިދާޅުވީ، މި ހާދިސާއަކީ ފިލްމެއްގެ ސްކްރިޕްޓެއް ފަދަ ހައިރާންކުރުވަނިވި ކަމެއް ކަމަށެވެ. "ވޯލް ވަނީ ގާތްގަނޑަކަށް 17 އަހަރު ވަންދެން ބޯއިންގް 767، 777 އަދި 787 މަރުކާގެ ބޯޓުތަކުގެ ކެޕްޓަނެއްގެ ގޮތުގައި މަސައްކަތްކޮށް، މުސާރައިގެ ގޮތުގައި 3 މިލިއަން ކެނެޑާ ޑޮލަރު (ގާތްގަނޑަކަށް 2 މިލިއަން އެމެރިކާ ޑޮލަރު) ހޯދާފައި،" އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި ވޯލްގެ މައްޗަށް ކުރެވޭ ތުހުމަތަކީ، އޭނާ އެއާ ކެނެޑާގައި ހޭދަކުރި 27 އަހަރުގެ ތެރޭގައި ކޮމާޝަލް ޕްލޭން ދުއްވުމުގެ ލައިސަންސް އޮތް ނަމަވެސް، 2009 ގައި ކެޕްޓަނަކަށް ޕްރޮމޯޓްވިއިރު އޮންނަންޖެހޭ "އެއާލައިން ޓްރާންސްޕޯޓް ޕައިލެޓް ލައިސަންސް" (ATPL-A) އޭނާގެ އަތުގައި ނެތް ކަމުގެ ތުހުމަތެވެ. މިލިނޮވިޗް މިކަން ސިފަކުރެއްވީ އާންމު ބަލިތަކުގެ ޑޮކްޓަރަކު ސިކުނޑީގެ އޮޕަރޭޝަނެއް ކުރުމާ އެއްފަދަ ނުރައްކާތެރި ކަމެއްގެ ގޮތުގައެވެ.

މި މައްސަލަ ފަޅާއެރީ 2025 ވަނަ އަހަރު އޭނާގެ ލިޔެކިޔުންތައް ރޫޓިންކޮށް ޗެކްކުރުމުގެ ތެރޭގައި ފާހަގަކުރެވުނު އާދަޔާ ހިލާފު ކަންތައްތަކަކާ ގުޅިގެންނެވެ. އޭނާ ވަނީ މި މައްސަލައިގެ ތަހުގީގު "ޕްރޮޖެކްޓް އިކަރަސް" ގެ ނަމުގައި މިއަހަރުގެ ޖެނުއަރީ މަހު ފެށުމުގެ ކުރިން ވަޒީފާއިން ރިޓަޔާކޮށްފައެވެ.

އެއާ ކެނެޑާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވޯލް އަކީ ބޮޑެތި ބޯޓުތައް ދުއްވުމުގެ ގާބިލުކަން ހުރި ޕައިލެޓެއްކަން އޭނާގެ މަސައްކަތުން ސާބިތުކޮށްދީފައިވާ ކަމަށާއި، ކޮންމެ ހަ މަހަކުން އެއާލައިނުން ހަދާ ތަމްރީނުތަކާއި ޓެސްޓުތަކުން އޭނާ ފާސްވަމުން ގޮސްފައިވާތީ ދަތުރުތަކުގެ ސަލާމަތީ ކަންކަމަށް ބުރޫއަރާފައި ނުވާ ކަމަށެވެ. ނަމަވެސް، ރަނގަޅު ލައިސަންސް އޮތުމަކީ ސަލާމަތީ ގޮތުން ކޮންމެހެން މުހިންމު ކަމެއް ކަމަށްވާތީ މި މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުންދާ ކަމަށް އެއާލައިނުން ބުންޏެވެ.

މި މައްސަލައިގައި ވޯލްގެ މައްޗަށް 7 ޖިނާއީ ދައުވާއެއް އުފުލާފައިވެއެވެ. އޭގެ ތެރޭގައި މަކަރާއި ހީލަތް ހެދުމާއި، ފޭކު ލިޔެކިޔުން ބޭނުންކުރުން ހިމެނެއެވެ. އޭނާ ކޯޓަށް ހާޒިރުކުރުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450