ވިޔަފާރި / ޚަބަރު

މި މަހުގެ 30 ވަނަދުވަހުގެ ނިޔަލަށް ސަމްޕާ ސަރަހައްދަށް ދާ އުޅަނދުގެ ބުރަފަތީގައި ގާޑް ހަރުކުރަންޖެހޭ

މި މަހުގެ 30 ވަނަދުވަހުގެ ނިޔަލަށް ސަމްޕާ ސަރަހައްދަށް ދާ އުޅަނދުގެ ބުރަފަތީގައި ގާޑް ހަރުކުރަންޖެހޭ

ސަމްޕާސަރަހައްދު ފޮޓޯ: ހެޓެލިއަރ މޯލްޑިވްސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

15 ޖޫން 2026، 09:23

15 ޖޫން 2026، 09:23

ރާއްޖޭގައި އުޅޭ ފެހުރިހި ހިމާޔަތްކުރުމަށާއި އޭގެ ގުދުރަތީ މާހައުލު ރައްކާތެރިކަމާއެކު ދެމެހެއްޓުމަށްޓަކައި، ފެހުރިހި ބަލަންދާ އުޅަނދުފަހަރުގެ ބުރަފަތީގައި ރައްކާތެރިކަމުގެ ގާޑް ހަރުކުރުމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން އަންގައިފިއެވެ.

މި އެންގުމުގައިވާ ގޮތުން، މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ފެހުރިހި ބަލަންދާ ހުރިހާ އުޅަނދެއްގެ ބުރަފަތީގައި ގާޑް ހަރުކޮށް ނިންމަންޖެހޭނެއެވެ. މިއީ އަރިއަތޮޅު ދެކުނުބުރީގެ މެރިން ޕްރޮޓެކްޓެޑް އޭރިއާ (އޭ.ޑީ.އެޗް.އެމް.ޕީ.އޭ) ސަންޕާ މެނޭޖްމަންޓް ޕްލޭންގެ ދަށުން ތަންފީޒުކުރަން ނިންމާފައިވާ މުހިންމު މަސައްކަތެކެވެ.

ތިމާވެށްޓާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި ނިންމުމަކީ ކަނޑުގެ ދިރުންތަކުގެ އިތުރުން އިންސާނުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު ފިޔަވަޅެކެވެ. ބުރަފަތީގައި ދާ ނުވަތަ ގާޑް ހަރުކުރުމުގެ މައިގަނޑު މަގުސަދަކީ އެއްޗެއްގައި ޖެހިގެން ބުރަފައްޗަށް ނުވަތަ ގިއަރު ބޮކްސަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުމާއި، މޫދުގައި އުޅޭ މީހުންނާއި ފެހުރިހި ފަދަ ދިރުންތައް އެނބުރޭ ބުރަފައްޗެއްގައި ޖެހި ލިބިދާނެ ނުރައްކާތެރި އަނިޔާތަކުން ރައްކާތެރިކުރުމެވެ.

ނަމަވެސް، ހަމައެކަނި ބުރަފަތީގައި ދާ ހަރުކުރުމުން ހުރިހާ ނުރައްކަލަކުން ސަލާމަތް ނުވެވޭނެކަން ފާހަގަކުރައްވައި އެ ވުޒާރާއިން ވިދާޅުވީ، އެންމެ ރަނގަޅު ގޮތަކީ އެނބުރޭ ބުރަފައްޗެއްގެ ކައިރީގައި އެއްވެސް މީހަކު ނުވަތަ ދިރުމެއް ހުރިޔަނުދިނުން ކަމަށެވެ. އެގޮތުން އުޅަނދު ދުއްވާ ފަރާތްތަކުން ތިރީގައިވާ ކަންކަމަށް ސަމާލުވުމަށް ވަނީ އިރުޝާދު ދެއްވާފައެވެ:

  • އުޅަނދު ދުއްވާއިރު އަބަދުވެސް ވަށައިގެންވާ މާހައުލަށް ރަނގަޅަށް ބެލުން.
  • އިންޖީނު ޖެއްސުމުގެ ކުރިން ބުރަފަތި ކައިރީގައި އެއްވެސް ނުރައްކަލެއް އޮތްތޯ ޗެކްކުރުން.
  • އިންޖީނު ހިނގާ ވަގުތު "ކިލް ކޯޑް" ބޭނުންކުރުން.
  • މޫދުގައި އުޅޭ މީހަކަށް ނުރައްކަލެއް އޮތްނަމަ ވަގުތުން އިންޖީނު ނިއްވާލުން.
  • ފަސިންޖަރުންނަށް ބުރަފަތީގެ ނުރައްކަލާ ބެހޭ މައުލޫމާތު ދިނުން.


މީގެ އިތުރުން، 2024 ވަނަ އަހަރު އަލަށް އެކުލަވާލާފައިވާ ގާނޫނީ އުސޫލުގެ ދަށުން ފެހުރިހީގެ ވަށައިގެންވާ 250 މީޓަރުގެ ސަރަހައްދަކީ "ކޮންޓެކްޓް ޒޯން" އެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. މި ޒޯނުގައި އެއްފަހަރާ ހަރަކާތްތެރިވެވޭނީ ގިނަވެގެން 3 އުޅަނދަށެވެ. އަދި މި ސަރަހައްދުގައި ދުވެލި ހުންނަންވާނީ ގަޑިއަކު 5 ނޮޓަށްވުރެ މަޑުންނެވެ. ފެހުރިއްސާ 50 މީޓަރަށް ގާތްވުމުން ދުވެލި ގަޑިއަކު 2 ނޮޓަށް މަޑުކުރަންޖެހެއެވެ.

ތިމާވެށްޓާ ބެހޭ ވުޒާރާއިން އިލްތިމާސްކުރައްވަނީ، މިފަދަ ހިތާމަވެރި ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި ކަނޑައެޅިފައިވާ އުސޫލުތަކަށް ހުރިހާ ފަރާތްތަކުންވެސް ފުރިހަމައަށް ބޯލެނބުމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450