ވިޔަފާރި / ޚަބަރު

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިލިއަނަކާ ގާތްވެއްޖެ

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިލިއަނަކާ ގާތްވެއްޖެ

ރާއްޖޭގެ ރިސޯޓެއް ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

15 ޖޫން 2026، 10:10

15 ޖޫން 2026، 10:10

މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އެއް މިލިއަނާ ގާތްވެފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 994،901 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %4.5 އިތުރު އަދަދެކެވެ. ނަމަވެސް މިދިޔަ އަހަރާ އަޅާބަލާއިރު މިއީ %4.9 ދަށް އަދަދެއްކަން ފާހަގަކުރެވެއެވެ.

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ ވައިގެ މަގުންނެވެ. އެއީ 980,054 ފަތުރުވެރިންނެވެ. އަދި ކަނޑުމަގުން ރާއްޖެއަށް 14,847 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

މިއަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ޗައިނާއެވެ. އެ ގައުމުން މިހާތަނަށް 153,790 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. ލިސްޓުގެ ދެވަނައިގައި 136,495 ފަތުރުވެރިންނާއެކު ރަޝިޔާ އޮތްއިރު، ތިންވަނައިގައި އޮތީ 82,850 ފަތުރުވެރިންނާއެކު އިނގިރޭސިވިލާތެވެ. މީގެ އިތުރުން އިޓަލީވިލާތުން 70,888 ފަތުރުވެރިން އަދި ޖަރުމަނުވިލާތުން 64,075 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ ތަންތަނަށް ބަލާއިރު، އެންމެ ގިނަ ބަޔަކު ތިބީ ރިސޯޓުތަކުގައެވެ. އެގޮތުން 694,411 ފަތުރުވެރިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރިއިރު، 231,189 ފަތުރުވެރިން ގެސްޓްހައުސްތަކުގައި އަދި 24,321 ފަތުރުވެރިން ހޮޓެލްތަކުގައި މަޑުކޮށްފައިވެއެވެ.

މިވަގުތު ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި 1,286 ތަނެއް ދަނީ ހިންގަމުންނެވެ. މީގެ ތެރޭގައި ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ހޮޓެލްތަކުގެ އިތުރުން ސަފާރީތައް ހިމެނެއެވެ. މި ތަންތަނުގެ ޖުމްލަ ބެޑް ކެޕޭސިޓީއަކީ 67,468 އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ މިއަހަރު ނިމޭއިރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ރެކޯޑު މިންވަރަކަށް އިތުރުކުރުމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450