ވިޔަފާރި / ޚަބަރު
ޕޭޕަލް މެދުވެރިކޮށް ދުނިޔޭގެ ޑިޖިޓަލް އިޤްތިޞާދުގައި ދިވެހިންގެ ބައިވެރިވުން ފުޅާވެގެންދާނެ: ވަޒީރު ސަޢީދު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ފޮޓޯ:ރައީސް އޮފީސް
ޕޭޕަލްގެ ޚިދުމަތާއެކު ދުނިޔޭގެ ޑިޖިޓަލް އިޤްތިޞާދުގައި ދިވެހިންގެ ބައިވެރިވުން އިތުރަށް ފުޅާކުރެވިގެންދާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ އުރީދޫ މޯލްޑިވްސް އިން ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފުކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ޕޭޕަލްގެ ޚިދުމަތް އެއްވެސް ދަތިކަމެއް ނެތި ރާއްޖޭގައި އިންޓަގްރޭޓް ކުރެވިގެން ދިއުމަކީ ދުނިޔޭގެ ޑިޖިޓަލް އިޤްތިޞާދުގައި ދިވެހިން ބައިވެރިވުމަށް އޮތް އެންމެ ބޮޑު އެއް ހުރަސް ނައްތާލުން ކަމަށެވެ. މީގެ އިތުރުން، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2023 ނޮވެންބަރު 17 ގައި ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު، ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރުމަށް ކުރެއްވި ގިނަގުނަ މަސައްކަތްތަކުގެ ފޮނި ނަތީޖާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ރަނގަޅު ތަޞައްވުރެއްގެ މައްޗަށް ބިނާކޮށް ހަރުދަނާ ލީޑަރޝިޕަކުން މަސައްކަތް ކުރުމުން ކާމިޔާބީ ޙާޞިލްކުރެވޭނެ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ މާކެޓް ކުޑަވުމަކީ ނުވަތަ ޖަޒީރާ ޤައުމަކަށް ވުމަކީ ރާއްޖެ ފަހަތަށް ޖެހެންޖެހޭ ސަބަބެއް ނޫންކަން މި ނަތީޖާއިން ސާފުވެގެންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ޕޭޕަލްގެ ޚިދުމަތް ރާއްޖޭގައި ރަސްމީކޮށް ފެށިގެން ދިއުމަކީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށް ބައިނަލްއަޤްވާމީ މާކެޓުގައި ފައިސާގެ މުޢާމަލާތްތައް ހިންގުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެކެވެ.