Ads by Farudhun

ޚަބަރު

ޠާރިޤް އިބްރާހިމާއި އާދަމް ޝަރީފް ސަފީރުކަމަށް އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި

ޠާރިޤް އިބްރާހިމާއި އާދަމް ޝަރީފް ސަފީރުކަމަށް އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި

ޠާރިޤް އިބްރާހިމްއާއި އާދަމް ޝަރީފް އުމަރު ފޮޓޯ: ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

15 ޖޫން 2026، 01:12

15 ޖޫން 2026، 01:12

ކުރީގެ ދެ ވަޒީރުން ކަމުގައިވާ ޠާރިޤް އިބްރާހިމްއާއި އާދަމް ޝަރީފް އުމަރު، ރާއްޖެއިން ބޭރުގެ ދެ ޤައުމަކަށް ކަނޑައަޅާ ސަފީރުންގެ ގޮތުގައި އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

މި ދެ ބޭފުޅުން ސަފީރުކަމަށް އައްޔަން ކުރެއްވުމަށް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވަނީ އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) އަށް ރާއްޖޭން ކަނޑައަޅާ ސަފީރަކަށް ޠާރިޤް އިބްރާހީމް އަދި ޤަތަރަށް ކަނޑައަޅާ ސަފީރަކަށް އާދަމް ޝަރީފް އުމަރު އައްޔަން ކުރެއްވުމަށެވެ.

މި ދެ ބޭފުޅުންނަށް ރުހުން ދިނުމަށް މަޖިލީހުގެ ތަޅުމުން ފާސްކުރީ 57 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މި މައްސަލަ ދިރާސާކުރުމަށްފަހު ނިންމާފައިވަނީ، ދެ ބޭފުޅުންނަކީވެސް ތަޢުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން ބަލާއިރު އެ މަޤާމަށް ވަރަށް ޤާބިލު ބޭފުޅުން ކަމަށެވެ. އެހެންކަމުން، އިތުރު އިންޓަވިއުއަކާ ނުލައި ދެ ބޭފުޅުންނަށް ރުހުން ދިނުމަށް ކޮމިޓީން ވަނީ އިއްތިފާޤުވެފައެވެ.

ޔޫއޭއީގެ ސަފީރުކަމަށް ރުހުން ދިން ޠާރިޤް އިބްރާހީމަކީ، މި ސަރުކާރުގެ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާ ބެހޭ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ކުރީގެ ސަރުކާރުތަކުގައިވެސް ވަޒީރުކަމާއި ސަރުކާރުގެ އިސް މަޤާމުތައް އޭނާ ވަނީ ފުރުއްވާފައެވެ.

ޤަތަރުގެ ސަފީރުކަމަށް ރުހުން ދިން އާދަމް ޝަރީފް އުމަރަކީ، މި ސަރުކާރުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީވެސް ކުރީގެ ސަރުކާރުތަކުގައި ވަޒީރުކަން ކުރައްވާފައިވާ، އަދި މިހާރުވެސް ޚާރިޖީ ވުޒާރާގެ އިސް މަޤާމެއް ފުރުއްވަމުންދާ ތަޖުރިބާކާރު ބޭފުޅެކެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން މި ވޯޓު ކުރިއަށް ގެންދެވީ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. މި ދެ ބޭފުޅުންނަށް ރުހުން ލިބުމާ ގުޅިގެން، ރަސްމީކޮށް ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ކަންކަން ކުރިއަށް އޮތް ތަނުގައި ހަމަޖެހިގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450