Ads by Farudhun

ޚަބަރު

އޮސްޓްރޭލިއާއިން ހަދިޔާކުރި ނޭވީ މަނަވަރު ރާއްޖެ ގެނެސްފި

އޮސްޓްރޭލިއާއިން ހަދިޔާކުރި ނޭވީ މަނަވަރު ރާއްޖެ ގެނެސްފި

އޮސްޓްރޭލިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދިޔާކުރި މުޅިން އައު ނޭވީ މަނަވަރު ފޮޓޯ: އެމްއެންޑީއެފް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

15 ޖޫން 2026، 01:19

15 ޖޫން 2026، 01:19

އޮސްޓްރޭލިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ހަދިޔާކުރި މުޅިން އައު ނޭވީ މަނަވަރު، ދިވެހި އަސްކަރިއްޔާގެ ތާރީޚުގައި ކަނޑުމަގުން ކުރި އެންމެ ދިގު ދަތުރަށްފަހު ހޯމަ ދުވަހުގެ ހެނދުނު ރާއްޖެ ގެނެސްފިއެވެ.

މި މަނަވަރު ހުޅުމާލެ ބަނދަރަށް ވަނުމުން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ސެރެމޯނިއަލް އެސްކޯޓާއެކު ވޯޓަރ ސެލިއުޓެއް އަރުވައި ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ. މަނަވަރާއި އޭގެ ކްރޫއަށް މަރުޙަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އާއި އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ ޑޭވިޑް ޖެސަޕް ބައިވެރިވެވަޑައިގެންނެވިއެވެ. މި ދެ ބޭފުޅުން ވަނީ މަނަވަރު ބަނދަރުކުރުމަށްފަހު އުޅަނދު ބައްލަވާލައްވާފައެވެ.

މި އުޅަނދަކީ އޮސްޓްރޭލިއާގެ ޕާތުގެ ހެންޑަސަން ޝިޕްޔާޑުގައި، އޮސްޓަލް ލިމިޓެޑުން ބަނދެފައިވާ އުޅަނދެކެވެ. މިއީ އޮސްޓްރޭލިއާގެ ޑިފެންސް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން، ދެޤައުމުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުން ރަމްޒުކޮށްދޭ ހަދިޔާއެކެވެ. މި އުޅަނދު ރާއްޖެއަށް ގެނައުމުގެ ކުރިން އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަޅުވެރިން ވަނީ އޮސްޓްރޭލިއާގައި އުޅަނދު އޮޕަރޭޓްކުރުމުގެ ޚާއްޞަ ތަމްރީނުތަކާއި ފެމިލިއަރައިޒޭޝަން ޓްރަޔަލްސްތައް ފުރިހަމަކޮށްފައެވެ.



އެމްއެންޑީއެފްއިން ހާމަކުރެއްވި ގޮތުގައި، މި މަނަވަރަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި އަސްކަރިއްޔާގެ ދިފާއީ ވަސީލަތްތައް ވަރުގަދަކޮށް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ހޯއްދަވައިދެއްވި އުޅަނދެކެވެ. ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ދެގުނަކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުރިހަމައަށް ބެލެހެއްޓޭނެ ފަދަ ބާރަކަށް އެމްއެންޑީއެފް ހެއްދެވުމަކީ ރައީސް މުޢިއްޒުގެ މުހިންމު ވައުދުފުޅެކެވެ.

އަންނަ ޖުލައި މަހުގެ ތެރޭގައި މި މަނަވަރު ރަސްމީކޮށް ކޮމިޝަންކޮށް ބޭނުންކުރަން ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި އުޅަނދުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމާއި، ޣައިރު ޤާނޫނީ ޢަމަލުތައް ހުއްޓުވުމުގެ އިތުރުން، ކަނޑުމަތީގެ ހާދިސާތަކުގައި މީހުން ހޯދާ ސަލާމަތްކުރުމުގެ ޤާބިލުކަން އިތުރުވެ، ސަރަޙައްދީ ސަލާމަތާއި ހަމަޖެހުމަށް ރާއްޖެއިން އަދާކުރާ ދައުރު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450