ދުނިޔެ

ޓްރަމްޕްގެ ކެބިނެޓު ބައެއް މެންބަރުންނަށް ބޮމުގެ އިންޒާރު

ޓްރަމްޕްގެ ކެބިނެޓު ބައެއް މެންބަރުންނަށް ބޮމުގެ އިންޒާރު

ޓްރަމްޕްގެ ކެބިނެޓްގެ ބައެއް މެމްބަރުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 ނޮވެމްބަރު 2024، 10:24

28 ނޮވެމްބަރު 2024، 10:24

މިދިޔަ އަންގާރަ އަދި ބުދަ ދުވަހު، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ ކެބިނެޓަށް ހޮވާފައިވާ ގިނަ އަދަދެއްގެ މީހުންނަށް ބޮން ގޮވާލާނެކަމުގެ އިންޒާރު ދީފައިވާކަމަށް އެފްބީއައިން ބުނެފިއެވެ. މިގޮތުން މަދުވެގެން 9 މީހަކަށް މިފަދަ އިންޒާރު ދީފައިވާކަމަށް ވެއެވެ.

މި އިންޒާރުތަކުގެ ތެރޭގައި ދިފާއީ، ހައުސިންގ، އެގްރިކަލްޗަރ އަދި ލޭބަރ މިނިސްޓްރީތަކަށް ހޮވާފައިވާ ފަރާތްތަކާއި، އދ. އަށް ފޮނުވަން ހަމަޖެހިފައިވާ ސަފީރު ހިމެނެއެވެ. މީގެ އިތުރުން ވައިޓް ހައުސްގެ އިސް މަޤާމުތަކަށް ހޮވާފައިވާ ބައެއް މީހުންނަށްވެސް މިފަދަ އިންޒާރު ދީފައިވެއެވެ.

ޓްރަމްޕްގެ ޓްރާންސިޝަން ޓީމުގެ ތަރުޖަމާނު ކެރޮލައިން ލެވިޓް ވިދާޅުވީ މި އިންޒާރުތަކަކީ "އެމެރިކާގެ އާދަކާދައާ ޚިލާފު، އަނިޔާވެރި" ޢަމަލުތަކެއް ކަމަށެވެ. އަދި މިކަމުން އެމީހުން ފަހަތަށް ނުޖެހޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އދ. އަށް ފޮނުވަން ހަމަޖެހިފައިވާ ސަފީރު އެލިސް ސްޓެފަނިކްގެ ގޭގައި ބޮން ގޮވާލާނެކަމުގެ އިންޒާރު ދިންއިރު އޭނާ ދަތުރެއްގައި އުޅުއްވިކަމަށް އޭނާގެ އޮފީހުން ބުނެފައިވެއެވެ. ދިފާއީ ވަޒީރުކަމަށް ހޮވާފައިވާ ޕީޓް ހެގްސެތްގެ ގޭގައި 7 ކުދިން ނިދާފައި ތިއްބާ ފުލުހުން އައިސް މިފަދަ އިންޒާރެއް ލިބިފައިވާކަން އެންގިކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ބައިޑެންއަށް މިކަމުގެ މަޢުލޫމާތު ދީފައިވާކަމަށް ވައިޓް ހައުސްއިން ބުނެފައިވެއެވެ. އަދި ފެޑެރަލް ތަޙުޤީޤީ އިދާރާތަކާއި ޓްރަމްޕްގެ ޓީމާއެކު ގުޅިގެން މިކަން ބަލަމުންދާކަމަށްވެސް ވައިޓް ހައުސްއިން ބުނެފައިވެއެވެ.

މިފަދަ އިންޒާރުތައް ކުރިން ވެސް އެމެރިކާގެ އިސް ސިޔާސީ ފަރާތްތަކަށް ދީފައިވާކަން ފާހަގަކުރެވެއެވެ. މިގޮތުން ޓްރަމްޕްގެ މައްޗަށް ހިންގި ޝަރީޢަތްތަކުގައި ބައިވެރިވި ފަނޑިޔާރުންނާއި ދަޢުވާކުރި ފަރާތްތަކަށްވެސް މިފަދަ އިންޒާރު ދީފައިވެއެވެ. މިހާރު ފުލުހުން މިކަން ތަޙުޤީޤު ކުރަމުންދާކަމަށް ބުނެފައިވެއެވެ.
                    

މި ލިޔުން ކިޔާލުމުން