ޚަބަރު
ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބު އަންނަ މަހު 11 ގައި، ކުރިމަތިލުމަށް މިއަދު ހުޅުވާލައިފި
ޕީއެންސީ ފޮޓޯ: ލައިވް
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކުގެ އިންތިހާބު އަންނަ ޖުލައި މަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް ނިންމައި، އެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން އިއުލާނުކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ އިސް މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ޕާޓީގެ މަތީ މަޖިލިސް އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށް ބޭއްވުމަށް ވެސް މިހާރު ނިންމާފައިވާ ކަމަށެވެ. އަދި އެ މަޖިލީހުގެ ކަންކަން އިންތިޒާމުކުރުމަށްޓަކައި 13 މެމްބަރުންގެ ޓާސްކްފޯހެއް އެކުލަވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެއެވެ. މި އިންތިހާބުގައި ހޮވުމަށް ހަމަޖެހިފައިވަނީ:
- ދާއިރާގެ ރައީސުން (މަޖިލިސް މެމްބަރުން ނެތް ދާއިރާތަކަށް)
- ދާއިރާގެ ނައިބު ރައީސުން
- އަންހެނުންގެ ހަރަކާތުގެ ރައީސުން
- ޒުވާނުންގެ ހަރަކާތުގެ ރައީސުން
- ސްޓިއަރިން ކޮމިޓީގެ ރައީސުން
މި މަގާމުތަކަށް ކުރިމަތިލުމަށްޓަކައި ހާއްސަ ޕޯޓަލްއެއް މިއަދު ވަނީ އިފްތިތާހުކޮށްފައެވެ. އިންތިހާބުގައި ވާދަކުރެވޭނީ އަދި ވޯޓުލެވޭނީ ވެސް މިއަދާ ހަމައަށް ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މެމްބަރުންނަށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އިންތިހާބުގެ ތާވަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ޖުލައި 1 ވަނަ ދުވަހު ވަގުތީ ވޯޓާސް ލިސްޓު އިއުލާނުކުރާނެ ކަމަށާއި، ޝަކުވާ ހުށަހެޅުމަށް ތިން ދުވަހުގެ މުއްދަތެއް ދިނުމަށްފަހު ޖުލައި 4 ގައި ދާއިމީ ލިސްޓު އާންމުކުރާނެ ކަމަށެވެ.
ދާއިރާތަކުގެ ރައީސުން އިންތިހާބުކުރުމާ ގުޅޭގޮތުން އޭނާ އިތުރަށް ވިދާޅުވީ، ޕީއެންސީގެ މަޖިލިސް މެމްބަރުން ތިއްބެވި ދާއިރާތަކުގެ ރައީސުންނަކީ އެ މެމްބަރުން ކަމަށެވެ. ނަމަވެސް، މެމްބަރަކު ޕާޓީގެ އަސާސީ ގަވާއިދާ ހިލާފުވެއްޖެނަމަ ނުވަތަ ޕާޓީއަށް ގެއްލުންވާ ފަދަ އަމަލެއް ކޮށްފިނަމަ، އެ މެމްބަރަކު މަގާމުން ވަކިކުރުމުގެ ބާރު ޕާޓީގެ ލީޑާޝިޕަށް އޮންނާނެ ކަމަށާއި، އެފަދަ ހާލަތެއްގައި އެ ދާއިރާއަކަށް ވެސް ރައީސަކު އިންތިހާބުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.