ޚަބަރު
ހިޔާގެ ތިން ޓަވަރެއްގައި ހަރުކުރި އިތުރު ލިފްޓުތައް އާންމުންނަށް ހުޅުވާލައިފި
ހިޔާ ޓަވަރުގައި އަލަށް ބޭނުންކުރަން ފެށި ލިފްޓުތައް / ފޮޓޯ: އެޗްޑީސީ
ހިޔާ ފްލެޓުތަކުގައި ލިފްޓު މަދުވުމުގެ ސަބަބުން އާންމުންނަށް ކުރިމަތިވެފައިއޮތް އުނދަގުލުން ސަލާމަތްކޮށްދިނުމަށް ކޮންމެ ޓަވަރެއްގައި އިތުރު ލިފްޓު ހަރުކުރުމަށް މި ސަރުކާރުން ފެށި މަސައްކަތުގެ ތެރެއިން، ޓަވަރު 13، 14 އަދި 15 ގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް އެއްކޮށް ނިންމައި އާންމުންނަށް ބޭނުންކުރެވޭ ގޮތަށް މިއަދު ހުޅުވާލައިފިއެވެ.
މި މަސައްކަތަކީ ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑާ ހަވާލުކޮށްގެން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިޔަށްގެންދާ މަޝްރޫޢެކެވެ.
ހިޔާ ޓަވަރުތަކުގައި ކުރިން ހަރުކޮށްފައި ހުރި ލިފްޓުތަކުގެ ޖާގައިގެ ދަތިކަމުން، ބަލި މީހުން އުފުލާ ހެދުމަށް ވެސް އޮތީ އުނދަގޫވެފައެވެ. އަދި ޓަވަރުތަކުގައި ލިފްޓު މަދުވުމުގެ ސަބަބުން ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އަރައި ފޭބުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާތީ، އެކަމުގެ ކަންބޮޑުވުން އާންމުން ވަނީ މީގެ ކުރިން ފާޅުކޮށްފައެވެ.
އެހެންކަމުން ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.
ހިޔާ ޓަވަރުގައި އަލަށް ހަރުކުރި ލިފްޓު / ފޮޓޯ: އެޗްޑީސީ
އަލަށް ހަރުކުރާ ލިފްޓުތަކަކީ 21 މީހުންގެ ޖާގަ ހިމެނޭ، ސްޓްރެޗާ އެރުވޭ ވަރުގެ ބޮޑެތި ލިފްޓުތަކެކެވެ. މީގެ ސަބަބުން ބަލިމީހުން އުފުލުމަށާއި، ކާރޫބާރޫ ބޮޑު ވަގުތުތަކުގައިވެސް ލިބޭ ވަރަށް ބޮޑު ލުޔަކަށް މިލިފްޓްތައް ވާނެ ކަމަށް އެޗްޑީސީން ވިދާޅުވިއެވެ. އެޗްޑީސީން ވިދާޅުވީ ހިޔާ ޓަވަރު 16 ފިޔަވައި ހުރިހާ ޓަވަރެއްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެ ކޯޕަރޭޝަންގެ އަމާޒަކީ އެ ޓަވަރުގެ މަސައްކަތްވެސް ވީހާވެސް އަވަހަކަށް ނިންމައި އާންމުންނަށް ހުޅުވާލުން ކަމަށް ވިދާޅުވިއެވެ.
ހިޔާ މަޝްރޫޢުގައި 6720 ހައުސިން ޔުނިޓް ހިމެނެއެވެ. ހިޔާގެ ކޮންމެ ޓަވަރެއްގައި 400 އެއްހާ އެޕަރޓުމަންޓު ހިމެނެއެވެ. ކޮންމެ ޓަވަރެއްގެ އާބާދީ 2000އާއި ގާތްކުރެއެވެ.