ޚަބަރު
ޤަވާއިދާ ޚިލާފަށް ކުނަވަށީގައި ސީޕްލޭން ޕްލެޓްފޯމެއް ތަރައްޤީ ކުރާތީ ސީޖޭއެލް ޖޫރިމަނާކޮށްފި
ސީޕްލޭން ޕްލެޓްފޯމެއް---
އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގެ ހުއްދަ ނުހޯދާ ވ. ކުނަވަށީގައި ސީޕްލޭން ޕްލެޓްފޯމެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރި މައްސަލައިގައި، ސީޖޭއެލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކޮށްފިއެވެ.
ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު (އީއައިއޭ) ހެދުމާބެހޭ ގަވާއިދާ ޚިލާފަށް އެ ކުންފުނިން އަމަލުކޮށްފައިވާތީ، އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީން ވަނީ އެ ކުންފުނި 20،000 (ވިހިހާސް) ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. މިއީ މިފަދަ ކުށެއް އެ ކުންފުނިން ކުރި ފުރަތަމަ ފަހަރު ކަމަށްވާތީ، ޖޫރިމަނާ ކޮށްފައިވަނީ ޤަވާއިދުގައި އެފަދަ ކަންކަމަށް ފުރަތަމަ ފަހަރު ކަނޑައަޅާފައިވާ އެންމެ ކުޑަ އަދަދުންނެވެ.
ރާއްޖޭގެ އެއްވެސް ސަރަޙައްދެއްގައި ތަރައްޤީގެ މަޝްރޫޢެއް ކުރިއަށްގެންދާނަމަ، އޭގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާނެ މިންވަރު ބަލައި، ކަމާބެހޭ ހުއްދަތައް ހޯދުމަކީ ޤާނޫނީ ގޮތުން ލާޒިމުކަމެކެވެ. ނަމަވެސް، ސީޖޭއެލް އިންވެސްޓްމަންޓުން ވ. ކުނަވަށީގައި ސީޕްލޭން ޕްލެޓްފޯމެއް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ، އީއައިއޭގެ މަސައްކަތް ފުރިހަމަނުކޮށް އަދި އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގެ ހުއްދަވެސް ނުހޯދައެވެ.
އެ އޮތޯރިޓީން ބުނި ގޮތުގައި، ޖޫރިމަނާގެ ފައިސާ ސަރުކާރު ބަންދު ދުވަސްތައް ހިމެނޭހެން 30 ދުވަހުގެ ތެރޭގައި 'ބަނޑޭރި ޕޭ' މެދުވެރިކޮށް ދައްކާ ޚަލާސްކުރުމަށް އެ ކުންފުންޏަށް މިހާރު ވަނީ އަންގާފައެވެ. މީގެ އިތުރުން، އެ ކުންފުނިން ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްގެންދަންވާނީ ކަނޑައެޅިފައިވާ ގަވާއިދުތަކާ އެއްގޮތަށް ކަމަށްވެސް އެ އޮތޯރިޓީން ވަނީ ހަނދާންކޮށްދީފައެވެ.
މި ފަހަކަށް އައިސް ތިމާވެށީގެ ގަވާއިދުތަކަށް އަމަލުނުކުރާ ކުންފުނިތަކާމެދު ފިޔަވަޅު އެޅުން ވަނީ އިތުރުވެފައެވެ. މިގޮތުން، މީގެ ކުރިންވެސް ހުއްދަ ނުހޯދާ ސީޕްލޭން ޕްލެޓްފޯމެއް ތަރައްޤީކުރި އެހެން ކުންފުންޏެއް ޖޫރިމަނާކޮށްފައިވާކަން ފާހަގަކުރެވެއެވެ.