ޚަބަރު
އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ހިޖުރީ އައު އަހަރުގެ ތަޙުނިޔާ ރައީސް ފޮނުއްވައިފި
ރައީސުލްޖުމްހޫރިއްޔާ / ފޮޓޯ: ރައީސް އޮފީސް
އިސްލާމީ ޤައުމުތަކާ، ސަރުކާރުތަކުގެ އިސްވެރިންނަށާއި، ބައިނަލްއަޤުވާމީ އިސްލާމީ ޖަމާޢަތްތަކުގެ އިސްވެރިންނަށް ހިޖުރީ އައު އަހަރުގެ ތަޙުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.
ހިޖުރީ ސަނަތުން 1448 ވަނަ އަހަރު ފެށުމުގެ އުފާވެރި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިސްލާމީ ޤައުމުތަކުގެ އިސްވެރިންނަށް ޚާއްޞަ މެސެޖެއް ފޮނުއްވާފައެވެ.
އިސްލާމީ ޤައުމުތަކާއި ސަރުކާރުގެ އިސްވެރީންނަށް ފޮނުއްވި މި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިފެށުނު ހިޖުރީ އައު އަހަރަކީ، ތިމާގެ އަމިއްލަ ނަފުސާއި މުޖުތަމަޢުގެ ޙާލަތާމެދު ފުންކޮށް ވިސްނައި، އެއްބައިވަންތަކަން އާލާކުރަންވީ ވަޤުތު ކަމަށެވެ. ހަމަ އެހެންމެ، މުޅި މުޖުތަމަޢުގެ ލާބަޔާއި މަންފާއަށްޓަކައި އޯގާތެރިކަން އިސްކޮށް، އަމިއްލަ އެދުމެއްނެތި، އިޚްލާޞްތެރިކަމާއެކު އެކަކު އަނެކަކަށް އެހީތެރިވެ އުޅުމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން، ކުރިއަށް އޮތް އަހަރަކީ އިސްލާމީ އުންމަތުގެ އީމާންތެރިކަން އިތުރަށް ވަރުގަދަވެގެންދާނެ އަހަރަކަށް ވުމަށް ވަނީ އެދިވަޑައިގެންފައެވެ. ހަމަ އެއާއެކު، މުޅި އިސްލާމީ އުންމަތަށް ދެމިގެންދާފަދަ ޞުލްޙަވެރިކަމާއި، ފާގަތިކަމާއި، އެއްބައިވަންތަކަން މިންވަރުކޮށްދެއްވުން އެދިވަޑައިގެން، އިޚްލާޞްތެރިކަމާއެކު ދުޢާ ދެންނެވިއެވެ.
މީގެ އިތުރުން، މި ފެށުނު އައު އަހަރަކީ އިޤްތިޞާދު އާރާސްތުކޮށް، އިޖުތިމާޢީ ފޭރާން ވަރުގަދަކުރުމަށް ލިބޭ ފުރުޞަތެއްގެ ގޮތުގައި ރައީސް މީގެކުރިން ވެސް ވަނީ ސިފަކުރައްވާފައެވެ.