ރިޕޯޓް

ޕޭޕަލްއާއެކު ރަށުގައި ހުރެގެން ބައިނަލްއަގުވާމީ މާކެޓުން އާމްދަނީ ހޯދުމުގެ މަގު ފަހިވެ މުޅި ދުނިޔެ ފަންނުވެރިންގެ އިނގިލިކުރިއަށް !

ޕޭޕަލްއާއެކު ރަށުގައި ހުރެގެން ބައިނަލްއަގުވާމީ މާކެޓުން އާމްދަނީ ހޯދުމުގެ މަގު ފަހިވެ މުޅި ދުނިޔެ ފަންނުވެރިންގެ އިނގިލިކުރިއަށް !

ފަންނުވެރިއަކު ކްރިއޭޓިވް މަސައްކަތް ކުރަނީ ފޮޓޯ: އޭއައި

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

16 ޖޫން 2026، 12:05

16 ޖޫން 2026، 12:05

ޚިޔާލަށް ގެންނަވާށެވެ؛ ދިވެހިރާއްޖޭގެ ހިތްގައިމު ރަށެއްގައި ހުރެގެން، ނިއުޔޯކް ނުވަތަ ލަންޑަނުގެ ކްލައިންޓަކަށް ޚިދުމަތްދޭ ދިވެހި ފަންނުވެރިޔަކަށް، އެއްވެސް ދަތިކަމެއް ނެތި ވަގުތުން ފައިސާ ލިބޭ މަންޒަރެވެ. ނުވަތަ ރާއްޖޭގެ ރަށްރަށުގައި ހިންގާ ރަށު ފަތުރުވެރިކަމުގެ ގެސްޓްހައުސްތަކަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ ފަތުރުވެރިން ފަސޭހަކަމާއެކު ފައިސާ ދައްކާލެވޭ މަންޒަރެވެ. 15 ޖޫން 2026 ވީ ހޯމަ ދުވަހަކީ މި އުުންމީދުތަކުގައި ޙަޤީޤީ ކުލަޖެހިގެންދިޔަ ތާރީޚީ ދުވަހެކެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް އޮންލައިން ޕްލެޓްފޯމް، ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފްވީއެވެ. ޕޭޕަލްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވުމާއެކު، ދިވެހި ކޮންމެ ރައްޔިތަކަށް ދުނިޔޭގެ ބާޒާރަށް ހުޅުވައިލެވުނު އަގުހުރި ފުރުޞަތަކަށް މިވަނީ ވެފައެވެ.

މިއީ ހަމައެކަނި ޑިޖިޓަލް ޕްލެޓްފޯމަކަށް އައި ބަދަލެއް ނޫނެވެ. މިއީ ރާއްޖޭގެ އުފެއްދުންތެރިންނާއި، ވިޔަފާރިވެރިންގެ އިތުރުން ހުނަރުވެރި ޒުވާނުންގެ ކުރިމަގަށް ލިބުނު ވަރަށް ބޮޑު އުންމީދެކެވެ. ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، "ވިޜަން 2040" ގެ ލަނޑުދަނޑިތަކަށް ވާޞިލުވުމަށް އެޅުނު މި ފިޔަވަޅަކީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، ބައިނަލްއަޤްވާމީ ޑިޖިޓަލް އިޤްތިޞާދުގައި ރާއްޖެ ފައިތިލަ ސާބިތުކުރުމަށް ލިބުނު ވަރުގަދަ ބާރެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ ދުނިޔޭގެ ވިޔަފާރީގެ މައިދާނުގައި ދިވެހިންނަށް ސީދާ ބައިވެރިވެވޭނެ މަގު ފަހިކޮށްދީ، ރާއްޖޭގެ އަމިއްލަ އުފެއްދުންތެރިކަން މުޅި ދުނިޔެއަށް ފުޅާކޮށް، ދިވެހި ރައްޔިތުންނަށް ހަގީގީ މާލީ މިނިވަންކަން ކަށަވަރުކޮށްދެއްވުމެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޕޭޕަލް ރާއްޖެ ގެނައުމަކީ އެމަނިކުފާނު ވެރިކަމާ ޙަވާލުވަޑައިގެންނެވުމުގެ ކުރީންވެސް ވެވަޑައިގެންނެވި ވަޢުދުފުޅެއް ކަމަށެވެ. މީގެކުރިން ބައެއްފަރާތްތަކުން ބުނަމުން ދިޔައީ ބައިނަލްއަޤްވާމީ މާކެޓްގެ ތެރެއަށް ވިޔަފާރީގެ ގޮތުން ރާއްޖެ ވަނުމަކީ ކުރެވޭނެކަމެއް ނޫންކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެކުރިން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ ފުރުސަތު އޮތްނަމަވެސް، ފައިސާ ބަލައިގަނެވޭނެ ފުރުސަތެއް ނެތުމަކީ ދިވެހީންނަށް ގެއްލިފައި އޮތް ފުރުސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

އެ ހުރަސްތަކަށް މިއަދުން ފެށިގެން ނިމުމަކަށް އައީ. 2023 ގައި ވެރިކަމުގެ ހުވާކުރިއިރު ރާއްޖެއަށް ލިބޭ ފުރުޞަތުތައް ހަނިވާން ޖެހޭނެކަމަކަށް ގަބޫލެއް ނުކުރަން، ދިވެހި އުފެއްދުންތެރިން ބައިނަލްއަގްވާމީ ބޭންކިން ނިޒާމަށް ނުފެންނަ މީހެއްގެ ގޮތުގައި ހުންނަންޖެހޭނެ ކަމަކަށް ގަބޫލެއް ނުކުރަން. ސަރުކާރާއި ސަރުކާރުގެ ބައިވެރިންނާއެކު މިއަދު ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ފަސޭހަކަމާއެކު ލިބިގެންދިއުމަކީ ރާއްޖޭގެ އިޤްތިޞާދީ ތާރީޚުގައި ހުޅުވިގެންދާ އާ ބާބެއް

      ރައީސުލްޖުމްހޫރިއްޔާ

ވޭތުވެދިޔަ ދިގު މާޒީގައި، ދިވެހިންނަށް ޕޭޕަލް ވެފައިވަނީ ގިރާކުރަން އުނދަގޫ، "ފެންނަން ނެތް" ހުރަހަކަށެވެ. އޮންލައިންކޮށް ތަފާތު ޚިދުމަތްތަކަށާއި ސަބްސްކްރިޕްޝަންތަކަށް ފައިސާ ދެއްކުމުގެ ފުރުސަތު އޮތް ނަމަވެސް، ރާއްޖޭގައި ތިބެގެން ބޭރުގެ ކްލައިންޓުންގެ އަތުން ފައިސާ ބަލައިގަތުމަކީ ދިވެހިންނަށް ކުރެވެން ނެތް، ތަހައްމަލުކުރަން ޖެހިފައި އޮތް ބޮޑު ގޮންޖެހުމެކެވެ.

މާލޭގައި ހުރެގެން ވިލާތުގެ ކަސްޓަމަރުންނަށް ލޯގޯ ފަރުމާކޮށްދޭ ފްރީލާންސް ގްރެފިކް ޑިޒައިނަރަކަށް، އޭނާގެ ބުރަ މަސައްކަތުގެ އުޖޫރަ ހޯދުމުގައި ކުރިމަތިވީ ނާއުންމީދީ އޮއިވަރެކެވެ. އަމިއްލަ އަތްތެރި މަސައްކަތުން އުފައްދާ ތަކެތި ބައިނަލްއަޤްވާމީ ބާޒާރަށް ނެރެން ބޭނުންވި ކުދި ވިޔަފާރިވެރިންނަށްވެސް، ފައިސާގެ މުއާމަލާތްތައް ހިންގުމުގައި އޮތީ ބަންދުވެފައިވާ ދޮރުތަކެކެވެ. ހަމައެހެންމެ، ބޭރުގެ ބޮޑެތި ކުންފުނިތަކަށް ރިމޯޓްކޮށް މަސައްކަތްކޮށްދޭ ހުނަރުވެރި ސޮފްޓްވެއަރ ޑިވެލޮޕަރުންނަށްވެސް، އުޖޫރަ ލިބިގަތުމަށްޓަކައި ބޭނުންކުރަން ޖެހުނީ ނުހަނު އުނދަގޫ އަދި ބުރަ އިޖުރާއަތްތަކެކެވެ.

މިކަމުގައި އޮތް އަސްލު މައްސަލައަކީ ހުނަރުވެރިކަން ނެތުމެއް ނޫނެވެ. އޭގެ ބަދަލުގައި، މައްސަލައަކީ ފުރުސަތުތަކަށް މަގުފަހިކޮށްދޭން އޮތް މައިގަނޑު މަގު ބަންދުވެފައި އޮތުމެވެ. ގިނަ ދިވެހިންނަށް ޕޭޕަލްއަކީ ހަމައެކަނި މޯބައިލް އެޕްލިކޭޝަނެއް ނޫނެވެ. އެއީ ދުނިޔޭގެ ޑިޖިޓަލް އިޤްތިޞާދުގެ ތެރެއަށް ދިވެހި ހުނަރުވެރިން ވައްދައިދޭނެ މައިގަނޑު ދޮރާއްޓެވެ.

ދުނިޔޭގެ މާލީ ޓެކްނޮލޮޖީ "ފިންޓެކް" ކުންފުނިތައް ރާއްޖެއަށް ޝައުގުވެރިކުރުވުމަށްޓަކައި، ހަމައެކަނި ޤާނޫނުތަކެއް އޮތުމުން ނުފުދޭ ކަމެވެ. އެކަމަށްޓަކައި ބޭނުންވަނީ ވަރުގަދަ ވިޔަފާރި ގުޅުންތަކާއި، ޒަމާނީ އިންފްރާސްޓްރަކްޗަރ އަދި އެކަށީގެންވާ މާކެޓް ޑިމާންޑެއް އޮތްކަން އެ ފަރާތްތަކަށް ކަށަވަރުކޮށްދިނުމެވެ.

ދިވެހިރާއްޖޭގައި ޕޭޕަލް  ގެ ޚިދުމަތް ފަހިކުރުމާ ގުޅޭގޮތުން، ދިވެހި ސަރުކާރާއި ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫ.އެސް.އޭޑް) އާ ދެމެދު މުހިންމު މަޝްވަރާތަކެއް ބޭއްވިއެވެ. މި މަޝްވަރާތައް ކުރިއަށްދިޔައީ އދ. ގެ 79 ވަނަ އާންމު މަޖިލީހުގެ ހަވާސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ޔޫ.އެސް.އޭޑްގެ އެޑްމިނިސްޓްރޭޓަރ ސަމަންތާ ޕަވަރ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ތަރައްޤީއަށްޓަކައި ސަރުކާރުން ގެންގުޅުއްވާ އުންމީދީ ރޭވުންތަކަށް ސަމަންތާ ޕަވަރ ތައުރީފު ކުރެއްވިއެވެ. އަދި އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި ގުޅިގެން މަސައްކަތް ކުރުމަށް ޔޫ.އެސް.އޭޑް އިން ތައްޔާރަށް އޮތްކަން އެކަމަނާ ހާމަކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖެ "އޯޕަން ގަވަރމަންޓް ޕާޓްނަރޝިޕް"  ގައި ބައިވެރިވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ފެށުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މި ދެކަމަކީވެސް ސަރުކާރުގެ ތަރައްޤީގެ އެޖެންޑާއާ ނުހަނު ގުޅުންހުރި ކަންކަމެވެ.


ތަޞައްވުރަކުން ޙަޤީޤަތަކަށް: ގުޅިފައިވާ ވަރުގަދަ މަސައްކަތެއް

މި ތާރީޚީ ކާމިޔާބީއަކީ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި އަމިއްލަ ކުންފުނިތަކުގެ އީޖާދީ މަސައްކަތްތައް ގުޅިލާމެހިގެން އައި ފުރިހަމަ ނަތީޖާއެކެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދުގެ ސީދާ އިރުޝާދުގެ ދަށުން، ޚާރިޖީ ގުޅުންތައް ވަރުގަދަކޮށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގެ ގަވާއިދުތަކަށް ގެނައި ޒަމާނީ އިޞްލާޙުތަކަކީ މި މަގު ކޮށައިދިން މުހިންމު ބިންގަލެވެ. ސަރުކާރުން އެކުލަވައިލި ސިޔާސީ އަދި ޤާނޫނީ އޮނިގަނޑުގެ ތެރެއިން، އޫރިދޫ ފިންޓެކްއިން ވަނީ ޓެކްނޮލޮޖީގެ ރަނގަޅު ފާލަމެއް ބިނާކޮށްދީފައެވެ. މިއީ ދިވެހި ދައުލަތާއި އަމިއްލަ ދާއިރާ ގުޅިގެން ހޯދި ބޮޑު ޤައުމީ ކާމިޔާބީއެކެވެ. ސަރުކާރުން ވަނީ ޕޭޕަލްގެ ފަރާތްތަކާ އެކު މަޘް

ރަނގަޅު ތަޞައްވުރެއްގެ މައްޗަށް ބިނާކޮށް ހަރުދަނާ ލީޑަރޝިޕަކުން މަސައްކަތްކުރުމުން ނަތީޖާ ޙާޞިލްކުރެވޭނެ، ދިވެހިރާއްޖޭގެ މާކެޓް ސައިޒް ކުޑަވެގެން ނުވަތަ ޤުދުރަތީގޮތުން ރާއްޖެ އުފެދިފައި އޮތްގޮތުގެ މައްޗަށް ބުރަވެ ރާއްޖެ ފަހަތަށްޖެހޭނެ ސަބަބެއް ނެތްކަން މިނަތީޖާއިން ދޭހަވޭ

      އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު

ޕޭޕަލްގެ ޚިދުމަތްތައް ދިވެހިރާއްޖެއަށް ތަޢާރަފުކުރުމުގައި، ސަރުކާރުން އިސްކަންދީފައިވަނީ ހަމައެކަނި އެ ކުންފުނީގެ ވަކި ނިޒާމަކަށް އިންތިޒާރުކުރުމުގެ ބަދަލުގައި، ޒަމާނީ އަދި އިސްތިރާތީޖީ އުސޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ ހަރުދަނާ ހައްލެއް ހޯދުމަށެވެ.

މި މަގުސަދު ހާސިލުކުރުމަށްޓަކައި އެޅުނު އެންމެ މުހިންމު ފިޔަވަޅަކީ، އުރީދޫ ފިންޓެކް އާއި ޕޭޕަލްއާ ދެމެދު ގާއިމުކުރެވުނު ޕާޓްނަޝިޕެވެ. މި އިއްތިހާދުގެ ސަބަބުން، ރާއްޖޭގައި މިހާރުވެސް މަގުބޫލު "އެމް-ފައިސާ" ޑިޖިޓަލް ވޮލެޓް މެދުވެރިކޮށް، ދިވެހި ކަސްޓަމަރުންނަށް ބައިނަލްއަގުވާމީ މާލީ މުއާމަލާތްތަކާ ފަސޭހަކަމާއެކު ގުޅާލުމުގެ ފުރުސަތު ފަހިވެގެންދިޔައެވެ.

މި އައު މޮޑެލްގެ ސަބަބުން، ޕޭޕަލް ފަދަ ބައިނަލްއަގުވާމީ މުއައްސަސާއަކަށް ރާއްޖޭގައި ވަކި އޮފީސްތަކެއް ގާއިމުކޮށް، އިދާރީ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ބަދަލުގައި، އުރީދޫ ފިންޓެކްގެ ހަރުދަނާ މާލީ އޮނިގަނޑާއި، ގަވާއިދުތަކަށް ފެތޭ ނިޒާމުތަކުގެ ބޭނުން ހިފުމުގެ ލުއިފަސޭހަކަން ލިބިގެންދެއެވެ. މިއީ ރާއްޖޭގެ މާލީ މާހައުލަށް އެންމެ އެކަށީގެންވާ، ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދެވޭނެ އުސޫލެކެވެ. ޚުލާސާކޮށް ދަންނަވާނަމަ، ޕޭޕަލް ރާއްޖޭގެ ބާޒާރަށް ތަޢާރަފުވެގެން މިދަނީ ރާއްޖޭގެ އިތުބާރުހިފޭ މާލީ ބައިވެރިއަކާއެކު، ވަރުގަދަ އަދި ރައްކާތެރި ނިޒާމެއްގެ ތެރެއިންނެވެ.

އޫރިދޫގެ ބައިވެރިވުމާއިއެކު އެމް-ފައިސާ މެދުވެރިކޮށް ދުނިޔެއާ ގުޅުވައިދިނުން

މި އިންގިލާބީ ބަދަލުގެ މައިބަދައަކީ އޫރިދޫ ފިންޓެކް މޯލްޑިވްސްގެ "އެމް-ފައިސާ" އެވެ. 2005 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މުވާޞަލާތީ ޚިދުމަތް ދެމުން އަންނަ އޫރިދޫއިން، 2025 ވަނަ އަހަރު އެމް.އެމް.އޭ އިން ހޯދި 'އިންވާޑް ރެމިޓަންސް ލައިސަންސް' އާއެކު، ޕޭޕަލްގެ ޚިދުމަތް ދިވެހިންގެ އަތްފޯރާ ފަށަށް ގެނެސްދިނުމުގެ މަސައްކަތް ކާމިޔާބުކުރިއެވެ.

ކޮންޓެންޓް ކްރިއޭޓަރުންނަށާއި ފްރީލާންސަރުންނަށް، މިއީ އަދި ނިމުމެއްނޫން، މިއަދަކީ އައު ބޮޑު ސަފުހާއެއްގެ ފެށުމެއް، މިއަދަކީ އިންތިޒާރެއްގެ ނިމުމެއް، ދުނިޔެ މިހާރު މި އޮތީ އަޅުގަނޑުމެންގެ އިނގިލި ކުރީގައި،

      އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު

ވަޒީރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށްދާއިރު، ރާއްޖޭގެ ޖީ.ޑީ.ޕީގެ 15 އިންސައްތައަކީ ޑިޖިޓަލް އިގްތިސާދުން ލިބޭ އާމްދަނީއަށް ހެދުންކަމަށެވެ. މިކަން ހާސިލުވާނީ ޒަމާނީ ހިދުމަތްތަކާއި، ފަސޭހަ ޑިޖިޓަލް ޕޭމަންޓް ނިޒާމުތަކާއި، ދުނިޔޭގެ ބާޒާރުގައި ދިވެހިން ބައިވެރިވުން އިތުރުކޮށްގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޕޭޕަލް ރާއްޖެއަށް ގެނައުމަކީ އެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކުގެ ފެށުންކަމަށް ވިދާޅުވިއެވެ.

މި ޚިދުމަތް ބޭނުންކުރުމަކީ އިންތިހާއަށް ފަސޭހަ ކަމެކެވެ. ކޮންމެ މޮބައިލް ނެޓްވޯކެއް ބޭނުންކުރާ ފަރާތަކަށްވެސް އޫރިދޫ އެޕް މެދުވެރިކޮށް، އެމް-ފައިސާ ވޮލެޓާއި ޕޭޕަލް އެކައުންޓް ފަސޭހަކަމާއެކު ގުޅުވައިލެވޭނެއެވެ. މީގެ ސަބަބުން ބޭރުގެ ޤައުމުތަކުން ލިބޭ ފައިސާ ސީދާ ވޮލެޓަށް ޖަމާވެ، އެ ފައިސާ ބޭންކު އެކައުންޓަށް ބަދަލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ކަސްޓަމަރުންނަށް ލިބިގެންދެއެވެ. 

އެމް-ފައިސާ އިޚްތިޔާރުކުރަނީ ކިއްވެ؟

ދުވަހުން ދުވަހަށް ކުރަންޖެހޭ މާލީ މުއާމަލާތްތަކަށް ޚާއްޞަކޮށްގެން ތަޢާރަފުކުރި 'އެމް-ފައިސާ' މިއަދު ވަނީ ފުރިހަމަ ޑިޖިޓަލް މާލީ ނިޒާމަކަށް ބަދަލުވެފައެވެ.

މި ޚިދުމަތް ބޭނުންކުރާ ފަރާތްތަކަށް ފައިސާ ފޮނުވުމާއި، ބިލްތަކަށް ފައިސާ ދެއްކުމުގެ އިތުރުން، ކިއުއާރު ކޯޑު މެދުވެރިކޮށް ތަފާތު މާލީ މުއާމަލާތްތައް ފޯނުން ވަރަށް ފަސޭހަކަމާއެކު ކުރެވެއެވެ. މީގެއިތުރުން، ޕޭޕަލްގެ ޚިދުމަތް މި ނިޒާމުގެ ތެރެއަށް ތަޢާރަފުވުމާއެކު، އެމް-ފައިސާ ވެގެންދާނީ ހަމައެކަނި ރާއްޖޭގެ އެތެރޭގައި ބޭނުންކުރާ ވަސީލަތެއްގެ ބަދަލުގައި، ބައިނަލްއަގުވާމީ މާލީ މުއާމަލާތްތަކަށް ހުޅުވޭ ފުޅާ ދޮރާއްޓަކަށެވެ.

ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ދިވެހިރާއްޖޭގައި، ޑިޖިޓަލް މާލީ ޚިދުމަތްތަކަކީ ހަމައެކަނި ލިބޭ ފަސޭހައެއް ނޫނެވެ. އެއީ ގައުމުގެ އިގްތިސާދީ ކުރިއެރުމަށް ކޮންމެހެން ބޭނުންތެރި، އަސާސީ ޚިދުމަތެކެވެ.

މާލީ މުއާމަލާތްތައް ފަސޭހަކޮށްދޭ އެމް-ފައިސާގެ ޒަމާނީ ޚިދުމަތް

އެމް-ފައިސާގެ ނިޒާމަކީ ދިވެހިރާއްޖޭގެ ބޭންކިންގް ދާއިރާއާ ފުރިހަމައަށް ގުޅިފައިވާ، އިތުބާރު ހުރި އަދި ފަސޭހަ ނިޒާމެކެވެ. މި ޚިދުމަތުގެ އެންމެ ބޮޑު އެއް ބޭނުމަކީ، އެމް-ފައިސާ ވޮލެޓުގައި ހުންނަ ފައިސާ، ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) ގެ އެކައުންޓްތަކަށް ސީދާ ފޮނުވޭނެ އިންތިޒާމު ހަމަޖެހިފައި އޮތުމެވެ. މިއީ ޑިޖިޓަލް ވޮލެޓްތަކާއި ބޭންކިންގް ނިޒާމާ ދެމެދު ގާއިމުކުރެވުނު ވަރުގަދަ ފާލަމެކެވެ.

އުރީދޫ މޯލްޑިވްސްއިން ފާހަގަކުރާ ގޮތުގައި، އެމް-ފައިސާ މެދުވެރިކޮށް ބީ.އެމް.އެލް އެކައުންޓަށް ފޮނުވާ ފައިސާ، އެއްވެސް ލަސްވުމެއް ނެތި ވަގުތުން ޖަމާވެއެވެ. މީގެ ސަބަބުން ބޭންކުގެ ބްރާންޗަކަށް ނުވަތަ އެޖެންޓެއްގެ ގާތަށް ދިއުމުގެ ބަދަލުގައި، ކޮންމެ ތަނެއްގައި ހުރެގެންވެސް ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްތައް ހިންގޭނެއެވެ. މީގެ އިތުރުން، މި ޚިދުމަތަށް އެއްވެސް ފީއެއް ނުނަގާތީ، މިއީ ކަސްޓަމަރުންނަށް ލިބޭ ވަރަށް ބޮޑު ލުޔެކެވެ.

ޚާއްޞަކޮށް، އަލަށް ތައާރަފުކުރި ޕޭޕަލް  އިންޓަގްރޭޝަނާއެކު، ބޭރުގެ ފައިސާއިން އާމްދަނީ ހޯދާ ފްރީލާންސަރުންނާއި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ކުދި ވިޔަފާރިތަކަށް މިވަނީ ބޮޑު ފަސޭހައެއް ލިބިފައެވެ. ޑިޖިޓަލްކޮށް ލިބޭ އާމްދަނީ، އެއްވެސް ދަތިކަމެއް ނެތި ރާއްޖޭގައި ބޭނުންކުރެވޭ ފައިސާއަށް މިހާރު ބަދަލުކޮށްލެވެއެވެ.

މިސާލަކަށް، ތިލަދުންމަތީގައި މަސައްކަތްކުރާ ފްރީލާންސް ފަންނުވެރިއަކަށް ބޭރުގެ ކްލަޔަންޓަކު ޕޭޕަލް މެދުވެރިކޮށް ފޮނުވާ ފައިސާ، އެމް-ފައިސާ ވޮލެޓަށް ޖަމާކުރުމަށްފަހު، އެއްވެސް އިތުރު ޚަރަދަކާ ނުލައި ވަގުތުން ބީ.އެމް.އެލް އެކައުންޓަށް ބަދަލުކޮށްލެވޭނެއެވެ. ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރި ކަމުގައިވިޔަސް، ބައިނަލްއަގުވާމީ މުއާމަލާތްތަކާއި ބޭންކިންގް ޚިދުމަތްތައް މިފަދަ ގޮތަކަށް ގުޅާލެވިފައި އޮތުމަކީ، ރާއްޖޭގެ މާލީ ދާއިރާއަށް ލިބުނު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.

އަމިއްލަ މަސައްކަތްތެރިންގެ އިގްތިސާދަށް ލިބޭނެ ކުރިއެރުން

ޕޭޕަލްގެ ޚިދުމަތާއެކު އެންމެ ބޮޑު ހެޔޮ ބަދަލެއް އަންނާނެ ކަމަށް ބެލެވެނީ، ބޮޑެތި ވިޔަފާރިތަކަށްވުރެ ބޮޑަށް، އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ ފަރުދުންނަށެވެ.

އިންޓަނެޓް މެދުވެރިކޮށް އުފެއްދުންތައް ވިއްކާ ފޮޓޯގްރާފަރުންނާއި، ބޭރުގެ ކްލައިންޓުންނަށް ޚިދުމަތްދޭ ޕްރޮގްރާމަރުންނާއި، އޮންލައިންކޮށް ކިޔަވައިދޭ މުދައްރިސުންގެ އިތުރުން ރިމޯޓްކޮށް މަސައްކަތްކުރާ ސޯޝަލް މީޑިއާ މެނޭޖަރުންނަށް މިކަމުގެ ސަބަބުން ބޮޑެތި ލުއިފަސޭހަތަކެއް ލިބޭނެއެވެ.

މީގެކުރިން މިފަދަ ފަރާތްތަކަށް އާމްދަނީ ހޯދުމުގައި ބޭންކުތަކުގެ ބޮޑެތި ފީތަކާއި، ތިންވަނަ ފަރާތްތަކުގެ އެހީތެރިކަން ހޯދަންޖެހުމުގެ ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. ނަމަވެސް، ޕޭޕަލްގެ ޚިދުމަތާއެކު މި ހުރަސްތައް ނެތިގޮސް، ފްރީލާންސަރުންނާއި، އުފެއްދުންތެރިންނާއި، ކުދި ވިޔަފާރިތަކަށް ރާއްޖޭގައި ތިބެގެން ދުނިޔޭގެ ބާޒާރުގައި ވާދަކުރުމުގެ ރަނގަޅު ފުރުސަތެއް ހުޅުވިގެންދާނެއެވެ.

މި ޚިދުމަތުގެ ސަބަބުން ހުޅުވައިލެވޭ ރަން ފުރުޞަތުތައް

ފްރީލާންސަރުންނާއި ފަންނުވެރިން: މިސާލަކަށް އައްޑޫގައި ހުރި ފޮޓޯގްރާފަރަކަށް ނުވަތަ މާލޭގައި ހުރި އިންފްލުއެންސަރަކަށް ޔޫޓިއުބް ނުވަތަ އަޕްވޯކް ފަދަ ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުން ލިބޭ އާމްދަނީ، އެއްވެސް ދަތިކަމެއް ނެތި ސީދާ ލިބޭނެ މަގު ތަނަވަސްވުން.
ފަތުރުވެރިކަމާއި ކުދި ވިޔަފާރި: ގެސްޓްހައުސްތަކަށް ސީދާ ޕޭޕަލް މެދުވެރިކޮށް ބުކިންގް ހެދުމުގެ ފުރުޞަތު ލިބި، ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރު ކުޑަވެގެންދިއުން.
ޒުވާނުންނާއި އާއިލާތައް: ބޭރު ޤައުމުތަކުގައި ކިޔަވަން ތިބޭ ދަރިވަރުންނަށާއި އާއިލާތަކަށް ފަސޭހަކަމާއެކު ފައިސާ ފޮނުވުމާއި ބަލައިގަތުމުގެ ފުރުޞަތު ފުޅާވުން.

ފަސޭހަކަމަށްވުރެ ބޮޑު ކުރިއެރުމެއް: އިޤްތިޞާދު ސިންދަފާތުކުރުމަށް އެޅޭ ހަރުދަނާ ފިޔަވަޅެއް

ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައިގަނޑު ބިންގަލަކީ ފަތުރުވެރިކަމެވެ. އެ ދާއިރާއަކީ ރާއްޖޭގެ އިޤްތިޞާދީ މައިބަދަ ކަމުގައި ވީނަމަވެސް، ޓެކްނޮލޮޖީއާއި، ޑިޖިޓަލް ޚިދުމަތްތަކުގެ އިތުރުން އަމިއްލަ މަސައްކަތްތެރިކަން ފުޅާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން ޤަބޫލުކުރެއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ފާހަގަކުރާ ގޮތުގައި، ޕޭޕަލް ފަދަ ބައިނަލްއަޤްވާމީ މާލީ ޚިދުމަތްތައް ރާއްޖެއަށް ތަޢާރަފުވުމަކީ ޑިޖިޓަލް އިޤްތިޞާދެއް ބިނާކުރުމަށާއި، ބައިނަލްއަޤްވާމީ ބާޒާރުތަކުން ދިވެހިންނަށް އައު ފުރުޞަތުތައް ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. ދުނިޔޭގެ މަސްރަޙަށް އަންނަ ބަދަލުތަކުގެ ސަބަބުން އިޤްތިޞާދަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްކުރުމަކީ ރާއްޖޭގެ އިޤްތިޞާދީ ދެމެހެއްޓެނިވިކަން އިތުރަށް ވަރުގަދަކޮށްދޭނެ ކަމެކެވެ.

އުޖާލާ މުސްތަޤުބަލެއްގެ ފެށުން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ފާހަގަކުރެއްވި ފަދައިން، މިއީ ރާއްޖޭގެ ޖިއޮގްރަފީގެ ސަބަބުން ކުރިމަތިވާ "ހުރަސްތައް" ނައްތާލައި، ބައިނަލްއަޤްވާމީ އިޤްތިޞާދީ ހުރަސްތައް ގިރާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ސަރުކާރުން އިސްތިރާޖީ މިސްރާބު ކަނޑައަޅުއްވައިދެއްވިއިރު، އޫރިދޫއިން ވަނީ އެ އަމާޒަށް ވާޞިލުވުމަށް ބޭނުންވާ ޓެކްނޮލޮޖީގެ ބްރިޖް ކާމިޔާބީއާއެކު ބިނާކޮށްދީފައެވެ.

ރައީސް ވަނީ ޕޭޕަލްގެ ޚިދުމަތް ތަޢާރަފުވެ ބައިނަލްއަގުވާމީ މާކެޓަށް ވަނުމަށް ލިބިގެންދިޔަ ލުއިތަކާއެކު އޭގެ ފައިދާ ނެގުމަށް ރާއްޖޭގެ އުފެއްދުންތެރިންނަށް ގޮވާލައްވާފައެވެ. އެގޮތުން، ޒަމާނުއްސުރެ ކާބަފައިން ރާއްޖެއާ ބައިނަލްއަގުވާމީ ދުނިޔެއާ ގުޅުވައިދިނީ ކަނޑުމަގުން ކަމަށާއި އެމަނިކުފާނު މިއަދު ރާއްޖެ ބައިނަލްއަގުވާމީ ދުނިޔެއާ ގުޅުވާލަދިނީ ޑިޖިޓަލް އިގްތިސާދުގެ ތެރެއިން ކަމަށް ވިދާޅުވިއެވެ.

ވޭތުވެދިޔަ ދިގު މުއްދަތުގައި، ދިވެހިރާއްޖެ ބައިނަލްއަގުވާމީ މައިދާނުގައި ފާހަގަކުރެވިފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުން ގައުމުތަކާއި މީހުން ގުޅުވައިދޭ މުހިންމު މަންޒިލެއްގެ ގޮތުގައެވެ. ނަމަވެސް، މިއަދު މިވަނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދިވެހިންނާއި މުޅި ދުނިޔެ ގުޅުވައިދޭ އާ ފެށުމަކަށް މަގުކޮށިފައެވެ.

އެމް-ފައިސާ މެދުވެރިކޮށް ޕޭޕަލްގެ ޚިދުމަތް ތައާރަފުވެގެން ދިއުމަކީ ހަމައެކަނި ފައިސާގެ މުއާމަލާތްތަކަށް ލިބުނު ފަސޭހައެއް ނޫނެވެ. މިއީ ރާއްޖެއާއި ބޭރު ދުނިޔެއާ ދެމެދު ގާއިމުކުރެވުނު ވަރުގަދަ ޑިޖިޓަލް ބުރިޖެކެވެ. ރަށްތަކުގެ މެދުގައި ހުރި ޖިއޮގްރަފީީ ދުރުމިނަކީ މީގެ ކުރިން ދިރިއުޅުމުގެ އެކި ކަންކަމަށް އޮތް ގޮންޖެހުމަކަށް ވީ ނަމަވެސް، ޓެކްނޮލޮޖީގެ އިންގިލާބީ ބަދަލުތަކާއެކު އެ ދުރުމިން މިއަދު މިވަނީ ނެތިގޮސްފައެވެ.

މި ތާރީޚީ ބަދަލުގެ އަސްލު މަގުސަދަކީ ހަމައެކަނި ފައިސާ ފޮނުވުމާއި ލިބުމުގެ ނިޒާމެއް ގާއިމުކުރުމެއް ނޫނެވެ. މިއީ ދިވެހި ރައްޔިތުންނަށް އައު ފުރުޞަތުތަކެއްގެ ދޮރު ހުޅުވައިދިނުމެވެ. ކޮންމެ ރަށެއްގައި ހުރި ނަމަވެސް، ދިވެހިންގެ އުފެއްދުންތެރި ޚިޔާލުތަކާއި ހުނަރުވެރި މަސައްކަތްތައް، ފައިދާހުރި ވިޔަފާރިއަކަށް ބަދަލުކޮށް، ދުނިޔޭގެ ބާޒާރާ ސީދާ ގުޅުވައިލުމުގެ ބާރުވެރިކަން ފޯރުކޮށްދިނުމެވެ.

މި ފުރުޞަތުތަކާއެކު، ބޮޑެތި އުންމީދުތަކާއި ހުވަފެންތައް ދެކޭ ކޮންމެ ދިވެހި ރައްޔިތަކަށް މިއަދު ލިބިގެންދާ މެސެޖަކީ ނުހަނު ސާފު މެސެޖެކެވެ. މުޅި ދުނިޔެ މިހާރު މިއޮތީ ތިޔަބޭފުޅުންގެ އިނގިލިކުރިީގައެވެ. އެންމެ "ކްލިކެއް" ހާގާތުގައެވެ.

މިއަދު ތިޔަ ބޭފުޅުންގެ އެކައުންޓްތައް ގުޅުވައިލައްވާއިރު ހަނދާން ބަހައްޓަވާށެވެ؛ މިއީ އީޖާދީ، ގުޅިފައިވާ އަދި ފުރުޞަތުތަކުން ފުރިގެންވާ އައު ދިވެހިރާއްޖެއެއްގެ ފެށުމެވެ. އެމް-ފައިސާ މެދުވެރިކޮށް ދުނިޔޭގެ ބާޒާރަށް ނުކުމެވަޑައިގަންނަވާށެވެ. އުޖާލާ މުސްތަޤުބަލެއްގެ އުންމީދީ ރާޅުބާނިތައް މިއަދު މިވަނީ އަޅުގަނޑުމެންގެ ގޮނޑުދޮށްތަކަށް ބީއްސާލާފައެވެ.

މި ބޮޑު ކާމިޔާބީގެ މޭސްތިރި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި، އިޤްތިޞާދީ ވުޒާރާއަށާއި، އޫރިދޫ ފިންޓެކް އަދި އެމް.އެމް.އޭ އަށް އިޚުލާޞްތެރި މަރުޙަބާއެއް ދަންނަވަމެވެ. ދިވެހިރާއްޖޭގެ ޑިޖިޓަލް މުސްތަޤުބަލު މިއަދު މިވަނީ އުޖާލާވެފައެވެ.



Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450