ދުނިޔެ
ބެން-ގްވީރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގައި އީޔޫއަށް އެއްބަސްވުމަކަށް ނާދެވުނު
ބެން ގަވީރް. ފޮޓޯ: ގެޓީ އިމޭޖްސް
އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މެންބަރު ގައުމުތަކުން ހުށަހެޅި ހުށަހެޅުމަށް އެއްބަސްވުމަކަށް ނާދެވުނު ކަމަށް އެ އިއްތިހާދުގެ ފޮރިން ޕޮލިސީ ޗީފް ކާޖާ ކާލަސް ބުނެފިއެވެ.
ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކާލަސް ބުނީ، އީޔޫގެ ގިނަ ގައުމުތަކަކުން އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ހުށަހެޅި ނަމަވެސް، މިއަދުގެ ބައްދަލުވުމުގައި އެކަމަށް އިއްތިފާގުވެވިފައި ނުވާ ކަމަށެވެ. މި ފިޔަވަޅުތައް އެޅުމަށް ހުރިހާ މެންބަރު ގައުމުތަކެއްގެ ރުހުން ބޭނުންވާއިރު، ބައެއް ގައުމުތަކުން ވަނީ މިކަމާ ދެކޮޅު ހަދާފައެވެ. މިގޮތުން ޖަރުމަނުވިލާތް، އޮސްޓްރިއާ އަދި ޗެކް ރިޕަބްލިކުން މި ހުށަހެޅުމާ ދެކޮޅު ހަދާފައިވާ ކަމަށް ބެލެވެއެވެ.
ހަރުކަށި ފިކުރުގެ ބެން-ގްވީރާ އަށް ފާޑުކިޔުން އަމާޒުވެފައިވަނީ މިދިޔަ މަހު ގާޒާއަށް ދިއުމަށް މަސައްކަތް ކުރި 'ގްލޯބަލް ސުމޫދު ފްލޮޓިލާ' ގެ އެކްޓިވިސްޓުންނާ މެދު އިސްރާއީލުގެ ސިފައިން އަމަލުކުރި ގޮތުގެ ސަބަބުންނެވެ. ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކުން ފެންނަ ގޮތުގައި، އަތްފަސްލައި ބަނދެފައި ތިބި އެކްޓިވިސްޓުންނަށް ބެން-ގްވީރާ ވަނީ މަލާމާތްކޮށް ފުރައްސާރަކޮށްފައެވެ.
މީގެ އިތުރުން، ހިފާފައިވާ ހުޅަނގު އައްސޭރީގައި ގާއިމުކޮށްފައިވާ ޣައިރު ގާނޫނީ އާބާދީތަކުން އުފައްދާ މުދާ އެތެރެކުރުން ހުއްޓުވުމާ ގުޅޭގޮތުން ވެސް އީޔޫގެ ގައުމުތަކުން ވަނީ މަޝްވަރާކޮށްފައެވެ. "އަންނަ ފޮރިން އެފެއާޒް ކައުންސިލްގެ ކުރިން، ޣައިރު ގާނޫނީ އާބާދީތަކުން އަންނަ މުދާ އެތެރެކުރުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ލިސްޓެއް ތައްޔާރުކުރުމަށް އަޅުގަނޑު ކޮމިޝަނުގައި އެދޭނަން،" ކާލަސް ބުނެފައިވެއެވެ.
މި މައްސަލައިގައި އިޓަލީން ވަނީ އެ ގައުމުގެ ރައްޔިތުން ރަހީނުކޮށް އަނިޔާކުރި ކަމުގެ ތުހުމަތުގައި ތަހުގީގެއް ފަށާފައެވެ. އަދި ފްރާންސްގެ ޕްރޮސެކިއުޓަރުން ވެސް ވަނީ ހަނގުރާމައިގެ ކުށްތަކާއި އަނިޔާކުރުމުގެ ތުހުމަތުގައި ތަހުގީގެއް ފަށާފައެވެ. އީޔޫއަކީ އިސްރާއީލުގެ އެންމެ ބޮޑު ވިޔަފާރި ބައިވެރިޔާ ކަމަށްވާއިރު، މިދިޔަ އަހަރު އިސްރާއީލުގެ ޖުމްލަ މުދަލުގެ ވިޔަފާރީގެ 30 އިންސައްތައަށްވުރެ ގިނައީ އީޔޫއާ އެކު ކުރެވުނު ވިޔަފާރިއެވެ.