ދުނިޔެ
ޕާކިސްތާނުގެ ފުލުހުން އޮޅިގެން ބަޑިޖަހައި އޮސްޓްރޭލިއާގެ ކުޑަކުއްޖަކު މަރާލައިފި
ޕާކިސްތާނުގެ ފުލުހުން ބަޑިޖެހުމުގެ ސަބަބުން މަރުވި ކުއްޖާ އާއި ހާދިސާގައި ބަޑީގެހަމަލާތައް އެރި ކާރު. ފޮޓޯ: ޑެއިލީ ޕިއޮނީރް
ޕާކިސްތާނުގެ ފުލުހުންގެ ކޮމާންޑޯއިންތަކެއް، އޮސްޓްރޭލިއާގެ އާއިލާއަކީ ހަތިޔާރު އެޅި ވަގުންތަކެއް ކަމަށް އޮޅިގެން ދިން ބަޑީގެ ހަމަލާތަކެއްގައި ކުޑަ އަންހެން ކުއްޖަކު މަރުވެ، އެ ކުއްޖާގެ ބައްޕައާއި ބޭބެއަށް ނުރައްކާތެރި އަނިޔާތަކެއް ވެއްޖެއެވެ.
ޕާކިސްތާނުގެ ޗަކްވާލް ސިޓީގައި މިދިޔަ ބުދަ ދުވަހު ހިނގި މި ހާދިސާގައި މަރުވެފައިވަނީ އޮސްޓްރޭލިއާގެ ޕާތްއަށް ނިސްބަތްވާ، ގްރޭޑް ހަތަރެއްގައި ކިޔަވަމުންދިޔަ ހާނިއާ އަހުމަދު އެވެ. މި ހަމަލާގައި ހާނިއާގެ ބައްޕަ، އުމުރުން 39 އަހަރުގެ އަދީލް އަހުމަދާއި، 11 އަހަރުގެ ބޭބެ އާފާންއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު، އެ ކުއްޖާގެ މަންމަ ސަލާމަތްވީ އެއްވެސް އަނިޔާއެއް ނުލިބިއެވެ.
ޕަންޖާބު ފުލުހުންގެ ކްރައިމް ކޮންޓްރޯލް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހާދިސާ ހިނގަން މެދުވެރިވީ ވަގުންތަކެއް ބަޑިޖަހައި އެ އާއިލާ ފޭރެން އުޅުމުން، އެމީހުން ކުއްޔަށް ހިފައިގެން އުޅުނު ކާރުގައި އެ ސަރަހައްދުން ސަލާމަތްވާން މަސައްކަތް ކުރަނިކޮށް ކަމަށެވެ. "އެ ވަގުތު އުފެދުނު ހާސްކަމުގެ ތެރޭގައި، ފުލުސް އޮފިސަރަށް އޮޅިގެން ނިންމުނީ ކުށްވެރިން ފިލަން އުޅެނީ އެ އާއިލާގެ ކާރުގައި ކަމަށެވެ. އެހެންކަމުން އޭނާ ވަނީ ބަޑިޖަހާފައެވެ،" ފުލުހުންގެ ބަޔާނުގައިވެއެވެ.
މި ހާދިސާއާ ގުޅިގެން އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އެލްބަނީޒް ވިދާޅުވީ، މިކަމުގައި ފުރިހަމަ ތަހުގީގެއް ހިންގައި ކަންކަން ހާމަކުރުމަށް އޮސްޓްރޭލިއާ ސަރުކާރުން ބޭނުންވާ ކަމަށެވެ. އަދި މިއީ ވަރަށް ހިތާމަވެރި ހާދިސާއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރި ގޮތުގައި، އާއިލާއަށް ބަޑިޖެހި އޮފިސަރު މިހާރު ހުރީ ފުލުހުންގެ ބަންދުގައެވެ. އަދި އެ އާއިލާ ފޭރެން އުޅުނު ދެ މީހުން ފުލުހުންނާއެކު ހިނގި އެހެން ކުރިމަތިލުމެއްގައި މަރުވެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.