ކުޅިވަރު
ފަނަރަ އަހަރަށްފަހު ލިވަޕޫލުން ރިއާލް މެޑްރިޑް ބަލިކޮށްފި
ގޯލު ކާމިޔާބުކުރުމަށްފަހު މެކަލިސްޓަރ އުފާފާޅުކުރަނީ--- ފޮޓޯ: ގެޓީ އިމޭޖަސް
ހުލާސާ
މިއީ 2008/09 ސީޒަންގެ ޗެމްޕިއަންސް ލީގުގެ ގަދަ-16 ގައި ލިވަޕޫލުން މެޑްރިޑް ބަލިކުރިފަހުން، އެ ޓީމަށް މެޑްރިޑްގެ މައްޗަށް ކުރި ހޯދުނު ފުރަތަމަ ފަހަރު.
މެޑްރިޑަށް ލިބުނު ޕެނަލްޓީ އެމްބައްޕޭ އަތުން ބޭކާރުވިއިރު، ލިވަޕޫލްގެ ޕެނަލްޓީ ވެސް ސަލާހްއަށް ކާމިޔާބު ނުކުރެވުނު.
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ފޭސްގައި ލިވަޕޫލުން ރެއާލް މެޑްރިޑް ބަލިކޮށް، ގަދަ-16ގެ ޖާގައެއް ޔަގީންކޮށްފިއެވެ. ބުދަ ދުވަހުގެރޭ ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 2-0 އިންނެވެ. މިއީ 2008/09 ސީޒަންގެ ޗެމްޕިއަންސް ލީގުގެ ގަދަ-16 ގައި ލިވަޕޫލުން މެޑްރިޑް ބަލިކުރިފަހުން، އެ ޓީމަށް މެޑްރިޑްގެ މައްޗަށް ކުރި ހޯދުނު ފުރަތަމަ ފަހަރެވެ. އަދި މިއި މި ސީޒަނުގެ ގްރޫޕް ފޭސްގައި ލިވަޕޫލުން ޖެހިޖެހިގެން ކާމިޔާބުކުރި 5 ވަނަ މެޗު ވެސް މެއެވެ.
ޗެމްޕިއަންސް ލީގުގެ 2008/09 ސީޒަނުގައި ލިވަޕޫލުން ވަނީ ދެ ލެގުގައި ވެސް މެޑްރިޑް ބަލިކޮށްފައެވެ. އެގޮތުން މެޑްރިޑްގެ ބާރނަބެއުގައި ކުޅުނު މެޗު 1-0 އިން ކާމިޔާބުކުރުމަށްފަހު އެންފީލްޑްގައި ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 4-0 އިންނެވެ. އޭގެ ފަހުން 2014/15 ސީޒަންގެ ގްރޫޕް ސްޓޭޖުގެ ދެ ލެގުގައި ވެސް މެޑްރިޑުން ލިވަޕޫލް ބަލިކުރިއެވެ.
މި ދެ ޓީމުގެ ކުރިމަތިލުމެއް ދެން ފެނުނީ 2017/18 ސީޒަންގެ ފައިނަލުގައެވެ. އެ މެޗުގައި ލިވަޕޫލްގެ ގޯލް ކީޕަރަށް ހެދުނު ގޯސްތަކަކާއެކު، މެޑްރިޑުން މެޗު ކާމިޔާބުކުރީ 3-1 އިންނެވެ. ޗެމްޕިއަންސް ލީގުގެ އިތުރު ފައިނަލެއްގައި މި ދެ ޓީމުން ވާދަކުރުމުގެ ކުރިން 2020/21 ސީޒަންގެ ކުއާޓާ ފައިނަލުން ވެސް މެޑްރިޑުން ވަނީ ލިވަޕޫލްގެ މައްޗަށް ކުރިހޯދާފައެވެ. ޖެހިގެން އައި ސީޒަނުގައި މި ދެ ޓީމުން އިތުރު ޗެމްޕިއަންސް ލީގު ފައިނަލެއްގައި ކުޅުނު އިރު، މި ފަހަރު މެޑްރިޑުން ކުރި ހޯދީ 1-0 އިންނެވެ. އެއަށްފަހު 2021/22 ސީޒަނުގެ ޗެމްޕިއަންސް ލީގުން އަނެއްކާ ވެސް ލިވަޕޫލަށް އަލްވަދާއު ކިޔަން ޖެހުނީ ގަދަ-16ގައި މެޑްރިޑުގެ އަތުން 6-2ގެ އެގްރިގޭޓް ސްކޯއަކުން ބަލިވެގެނެވެ.
އެ މެޗަށްފަހު ބުދަ ދުވަހުގެރޭ ލިވަޕޫލުން މެޑްރިޑް ބަލިކުރިއިރު، މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލުންނެވެ. އެ ޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކުރީ، ޗެމްޕިއަންސް ލީގު މެޗެއްގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެން ނިކުތް ކޮނޯރ ބްރެޑްލީ ދިން ބޯޅައަކުން، އެލެކްސިސް މެކަލިސްޓަރއެވެ.
މެކަލިސްޓަރ ގޯލު ކާމިޔާބު ކުރިތާ 9 މިނެޓު ފަހުން، އެންޑީ ރޮބަޓްސަން ލިވަޕޫލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ލޫކަސް ވަޒްކޭޒްއަށް ކުރި ފައުލަކާ ގުޅިގެން މެޑްރިޑަށް ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް އެ ޓީމުގެ ތަރި، ކީލިއަން އެމްބައްޕޭ ފޮނުވާލި ބޯޅަ ލިވަޕޫލްގެ ގޯލްކީޕަރ ކޮއިމިން ކެލަހާރ ވަނީ ދިފާއުކޮށްފައެވެ.
އޭގެ 9 މިނެޓު ފަހުން، މެޑްރިޑްގެ ޕެނަލްޓީ އޭރިއާ ތެރެއަށް މުހައްމަދު ސަލާހް ވަތް ބޯޅައެއްގައި، އޭނާއަށް ފަރލަންޑް މެންޑީ ކުރި ފައުލަކާ ގުޅިގެން ލިވަޕޫލްއަށް ޕެނަލްޓީއެއް ލިބުނެވެ. މި ޕެނަލްޓީ ލިވަޕޫލަށް ވެސް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. ސަލާހް ގޯލުގެ ވާތް ފަރާތަށް ފޮނުވާލި ބޯޅަ ގޯލު ދަނޑީގެ ބޭރު ފަޅީގައި ޖެހުމަށްފަހު ދިޔައީ ބޭރަށެވެ. ލިވަޕޫލުން ލީޑް ފުޅާކުރީ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުން ކޯޑީ ގަކްޕޯ ބޮލުން ކާމިޔާބުކުރި ގޯލަކުންނެވެ.
މި ކާމިޔާބަށްފަހު ލިވަޕޫލް އޮތީ 5 މެޗުން ލިބުނު 15 ޕޮއިންޓާއެކު ލީގު ފޭސްގެ 1 ވަނައިގައެވެ. އަދި 5 މެޗުން ލިބުނު 6 ޕޮއިންޓާއެކު ރެއާލް މެޑްރިޑް އޮތީ ގަދަ-16 ގެ ޕްލޭ އޮފުގެ އެންމެ ފަހު ޖާގަލިބޭނެ 24 ވަނައިގައެވެ.