ދުނިޔެ / ވިޔަފާރި / ޚަބަރު
ޖަޕާނުގެ އިންޓްރެސްޓް ރޭޓުތައް މީގެ 31 އަހަރުގެ ތެރޭގައި ވެސް ނާރާހާ މައްޗަށް އަރައިފި
ޖަޕާނުގެ މަންޒަރެއް
ދުނިޔޭގެ ހަކަތައިގެ ބާޒާރުގެ އަގުތައް އުފުލުމާއި ގުޅިގެން ޖަޕާނުގެ ސެންޓްރަލް ބެންކުން އެ ބޭންކުގެ އިންޓްރެސްޓް ރޭޓުތައް ފާއިތުވެދިޔަ 31 އަހަރުގެ ތެރޭގައި ވެސް ނުކުރާވަރަށް މަތިކޮށްފިއެވެ.
މިދިޔަ އަންގާރަ ދުވަހު ބޭންކް އޮފް ޖަޕާން (ބީއޯޖޭ) އިން ވަނީ ބޭންކުގެ ޕޮލިސީ ރޭޓްސް %0.75 އިން %1 އަށް މަތިކޮށްފައެވެ. މިއީ 1995 ވަނަ އަހަރުގެ ފަހުން މިހާ ބޮޑަށް އިންޓްރެސްޓު ރޭޓު އުފުލުނު ފުރަތަމަ ފަހަރެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ އަގުތައް އުފުލުމުން، ދިރިއުޅުމުގެ ހަރަދުތަކާއި ތަކެތީގެ އަގުތައް ދަނީ ދުވަހަކަށްވުރެ ދުވަހެއް މައްޗަށް ދަމުންނެވެ. ޖަޕާނުފަދައިން ތެލާއި ގޭހަށް ބަރޯސާވާ ޤައުމަކަށް މިކަމުގެ ސަބަބުން ވަނީ ތަކެތީގެ އަގުތައް ދަށްކުރުމަށް އެކިކަހަލަ ފިޔަވަޅުތައް އެޅުމަށް މަޖުބޫރުވެފައެވެ.
މި ފިޔަވަޅަކީ ތަކެތީގެ އަގު ދަށްވުމަށް ލިބޭ އެހީއަކަށް ވީނަމަވެސް، ބޭންކުން ލޯނުނަގާ ފަރާތްތަކަށް މިކަމުގެ ސަބަބުން ގެއްލުންވާނެއެވެ. އެގޮތުން ވިޔަފާރިތަކަށާއި ޖަޕާނުގެ ސަރުކާރަށް މިއީ އިތުރުވެގެންދާ ޚަރަދެކެވެ.
ޖަޕާނުގެ ބޮޑުވަޒީރު ސަނައޭ ތަކައިޗީގެ ސަރުކާރުންވަނީ ހަކަތައިގެ އަގުތައް ބޮޑުވިޔަނުދީ ހިފެހެއްޓުމަށް ޓަކައި އެތައް މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ޖަޕާނުގެ ސްޓްރެޓީޖިކް ރިޒާވް ބޭނުންކުރުމާއި، ގޭގޭގައި ބޭނުންކުރާ ގޭހާއި ކަރަންޓު ބިލުތަކަށް ސަބްސިޑީ ދީފައިވެއެވެ.
ބީއޯޖޭއިން އެތައް އަހަރެއް ވަންދެން ގެންގުޅުނު ނެގެޓިވް އިންޓަރެސްޓް ރޭޓްތައް ދޫކޮށްލަން ފެށާފައިވަނީ 2024 ވަނަ އަހަރުއެވެ. އެއީ 17 އަހަރުގެ ތެރޭގައި އިންޓްރޭޓު އެހާ މައްޗައްދިޔަ އެއީ ފުރަތަމަ ފަހަރެވެ.
ނަމަވެސް ޖަޕާނުގެ އިޤުތިޞާދަށް ރަނގަޅު ބަދަލުތަކެއް އަންނަމުންދާކަމުގެ ނިޝާންތައް ދަނީ ފަހަކަށް އައިސް ފެންނަމުންނެވެ. އެގައުމުގެ ޖީޑީޕީ މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ވަނީ ނިސްބަތުން %2.1 ކުރިއަރާފައެވެ.