ދުނިޔެ
ކިޔަވާކުދިންގެ އިމްތިހާނުތަކުގެ ކަރުދާސް ލީކުކުރާ މައްސަލައިގައި ޓެލެގްރާމް ބްލޮކްކޮށްފި
ޓެލެގްރާމް
އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ގައުމީ ފެންވަރުގެ އިމްތިހާނުތަކުގެ ކަރުދާސްތައް ލީކުކޮށް، ކިޔަވާކުދިންނަށް އޮޅުވާލަމުންދާ ކަމަށް ބުނެ، އެ ގައުމުގެ ސަރުކާރުން ޓެލެގްރާމް މެސެޖިންގ އެޕްލިކޭޝަން އަންނަ ހޯމަ ދުވަހާ ހަމައަށް ބްލޮކްކޮށްފިއެވެ.
މީގެ އިތުރުން، ޓެލެގްރާމްގައި މިހާރު ފޮނުވާފައިވާ މެސެޖުތައް އެޑިޓް ނުކުރެވޭ ގޮތް ހެދުމަށް ވެސް ސަރުކާރުން ވަނީ އެ ކުންފުންޏަށް އަމުރުކޮށްފައެވެ.
އަންގާރަ ދުވަހު ނެރުނު މި އަމުރަކީ އިންޑިއާގެ އައިޓީ ގާނޫނުގެ ހަރުކަށި މާއްދާއެއްގެ ދަށުން ނެރުނު އަމުރެކެވެ. މި މާއްދާގެ ދަށުން، ގައުމުގެ އިސްތިގުލާލާއި ނަޒާހަތްތެރިކަން ހިމާޔަތްކުރުމަށްޓަކައި އޮންލައިން ސައިޓްތަކާއި އެޕްލިކޭޝަންތައް ބްލޮކްކުރުމުގެ ބާރު ސަރުކާރަށް ލިބިގެންވެއެވެ. މިދިޔަ މަހު އިންޑިއާގެ މެޑިކަލް ސްކޫލްތަކަށް ވަނުމަށް ބާއްވާ ނޭޝަނަލް އެލިޖިބިލިޓީ-ކަމް-އެންޓްރަންސް ޓެސްޓް (ނީޓް) ގެ ކަރުދާސްތައް ލީކުވުމާ ގުޅިގެން ސަރުކާރުން ވަނީ އެ އިމްތިހާނު ބާތިލްކޮށްފައެވެ.
އިމްތިހާނު ކަރުދާސްތައް ލީކުވުމާ ގުޅިގެން އިންޑިއާގެ އެކި ކަންކޮޅުތަކުގައި ދަރިވަރުން ވަނީ ބޮޑެތި މުޒާހަރާތަކެއް ކޮށްފައެވެ. މި މުޒާހަރާތަކުގެ ތެރެއިން "ކޮކްރޯޗް ޖަންތާ ޕާޓީ" ގެ ނަމުގައި އުފެދުނު ހަރަކާތަކުން ވަނީ އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން އިސްތިއުފާ ދެއްވުމަށް ވެސް ގޮވާލާފައެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ނޭޝަނަލް ޓެސްޓިންގ އެޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޓެލެގްރާމް ބްލޮކްކުރަން ޖެހުނީ 21 ޖޫން 2026 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ނީޓްގެ ރީ-އެގްޒަމިނޭޝަންގައި މަކަރު ހެދުމަށްޓަކައި ބައެއް ފަރާތްތަކުން ޓެލެގްރާމް ބޭނުންކުރަމުންދާތީ ކަމަށެވެ. މި އާ އިމްތިހާނު އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.
ޓެލެގްރާމަކީ އިންޑިއާގައި ވަރަށް ބާރުމިނުގައި ކުރިއަރަމުން އަންނަ އެޕްލިކޭޝަނެކެވެ. އަދި އިންޑިއާއަކީ އެ އެޕްލިކޭޝަން އެންމެ ގިނައިން ޑައުންލޯޑްކުރާ ގައުމު ވެސް މެއެވެ. ނަމަވެސް، އިންޑިއާގައި އަދިވެސް އެންމެ ގިނަ ބަޔަކު ބޭނުންކުރަނީ ވަޓްސްއެޕްއެވެ.
ސަރުކާރުން ބުނެފައިވަނީ ޓެލެގްރާމް ބްލޮކްކުރުމުގެ ސަބަބުން އެތައް ލައްކަ ބަޔަކަށް ދިމާވާނެ ދަތިތަކަށްޓަކައި ހިތާމަކުރާ ކަމަށެވެ. ނަމަވެސް، މިއީ އެންމެ ފަހު ފިޔަވަޅެއްގެ ގޮތުން ކުރި ކަމެއް ކަމަށާއި، މީގެ ކުރިން އެ ޕްލެޓްފޯމުން ގަވާއިދާ ހިލާފު ކޮންޓެންޓް ނެގުމަށް ކުރި މަސައްކަތްތަކުން އެދެވޭ ނަތީޖާއެއް ފެނިފައިނުވާ ކަމަށް ވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.