ޚަބަރު
މިދިޔަ ހަފްތާގައި މާލެ ސަރަޙައްދުން ހިމަބިހީގެ 5 ކޭސް ފެނިއްޖެ
އައިޖީއެމްއެޗް---
މި އަހަރުގެ މިހާތަނަށް ދިވެހިރާއްޖެއިން ހިމަބިހީގެ 20 ކޭސް ފެނިފައިވާއިރު، މިދިޔަ ހަފްތާ މާލެއިން އެކަނި ވެސް 5 ކޭސް ފެނިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި، މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ ދިވެހިންނެވެ. ބަލިޖެހުނު މީހުންނާ ގާތުން ބައްދަލުވި (ކޮންޓެކްޓުން) މީހުންގެ ގޮތުގައި 489 ފަރާތެއް މިހާތަނަށް ފާހަގަކުރެވިފައިވާއިރު، އޭގެ ތެރެއިން އެކްޓިވް 88 ކޮންޓެކްޓުންގެ ހާލަތު އެ އެޖެންސީން ދަނީ މޮނިޓަރ ކުރަމުންނެވެ.
ބަލި ފެތުރުން ހުއްޓުވުމަށާއި ބަލި ދެނެގަތުމަށްޓަކައި އެޗްޕީއޭއިން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން، ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ ސަވައިލެންސް ވަރުގަދަކޮށް، ބަލި ހުރިކަމަށް ޝައްކުކުރެވޭ މީހުން އަވަހަށް ދެނެގަތުމުގެ އިންތިޒާމުތައް ވަނީ ގާއިމުކޮށްފައެވެ. ވަކިން ޚާއްޞަކޮށް، ހުން އައިސް ހަށިގަނޑުގައި ބިހި ނަގާ މީހުން ސްކްރީން ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މި ބަލިން ރައްކާތެރިވުމަށް ކުރެވޭ އެންމެ މުހިންމު މަސައްކަތެއްގެ ގޮތުން، ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ ކޮންޓެކްޓުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ. އެޗްޕީއޭއިން ވިދާޅުވީ މިހާތަނަށް 220 ކޮންޓެކްޓުންނަށް ވެކްސިން ދެވިފައިވާ ކަމަށެވެ.
މީގެއިތުރުން، ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްޞަ ވެކްސިން ކެމްޕޭނެއް ވަނީ ފަށާފައެވެ. މި ކެމްޕޭނުގެ ފުރަތަމަ މަރުޙަލާގައި އިސްކަންދެނީ ފްރަންޓްލައިންގައި މަސައްކަތްކުރާ ޞިއްޙީ ޚިދުމަތްތެރިންނާއި، 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ވެކްސިން ފުރިހަމަނުކުރާ ކުދިންނަށެވެ. މިހާތަނަށް 1,118 ޞިއްޙީ ޚިދުމަތްތެރިއަކަށް ވެކްސިން ދީފައިވާކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ހިމަބިހީގެ މައިގަނޑު ޢަލާމާތްތަކަކީ އާންމު ހުމާއެކު ހަށިގަނޑުގައި ކުދި ރަތް ބިހިތަކެއް ނެގުމެވެ. އެޗްޕީއޭއިން އިރުޝާދު ދެއްވާ ގޮތުގައި، ބަލީގެ ޢަލާމާތްތައް ފެންނަން ފަށާ ފުރަތަމަ 4 ދުވަހާއި، އޭގެ ފަހުން އަންނަ 4 ދުވަހަކީ އެހެން މީހުންގެ ގަޔަށް ބަލި ފެތުރުމުގެ ފުރުސަތު އެންމެ ބޮޑު މުއްދަތެވެ. އެހެންކަމުން ބަލީގެ އެއްވެސް ޢަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޞިއްޙީ އެހީތެރިކަން ހޯދުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކުރައްވާފައެވެ.