ކުޅިވަރު / ޚަބަރު
މެސީގެ ހެޓްރިކާއެކު އާރޖެންޓީނާއިން ވޯލްޑްކަޕުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފި
އާޖެންޓީނާގެ ކެޕަޓަން ލިއޮނެލް މެސީ
އެންމެ ފަހުގެ ވޯލްޑް ކަޕް ޗެމްޕިއަން އާޖެންޓީނާއިން މިއަދު އަލްޖީރިޔާއާ ދެކޮޅަށް ކުޅުނު މެޗު، ކެޕްޓަން ލިއޮނެލް މެސީގެ ހެޓްރިކަކާ އެކު 3-0 އިން ކާމިޔާބުކޮށްފިއެވެ. މިއީ ވޯލްޑް ކަޕުގެ މެޗެއްގައި މެސީ ހެދި ފުރަތަމަ ހެޓްރިކެވެ.
ކެންސަސް ސިޓީގައި ކުޅެވިގެން ދިޔަ މިމެޗުގެ 8 ވަނަ މިނެޓުގައި މެސީ އެންމެ ފުރަތަމަ ލަނޑު ޖެހި ނަމަވެސް، އެ ލަނޑު ވެގެންދިޔައީ އޮފްސައިޑް ލަނޑަކަށެވެ. އޭގެ ފަހުން 17 ވަނަ މިނެޓުގައި އޭރިއާގެ ބޭރުން ފޮނުވާލި ހަމަލާއަކުން މެސީ އާޖެންޓީނާއަށް ލީޑު ނަގައިދިނެވެ. އޭނާގެ އަނެއް ދެ ލަނޑު ޖަހާފައިވަނީ 60 ވަނަ މިނެޓުގަ އާއި 75 ވަނަ މިނެޓުގައެވެ.
މި މެޗުގައި މެސީ ޖެހި ތިން ގޯލާއެކު އޭނާ މިހާރު ވަނީ އާޖެންޓީނާގެ ގައުމީޓިމަށް ކުޅުނު 200 މެޗުން 120 ގޯލު ހަމަ ކޮށްފައެވެ. އަދި މެސީއަކީ އާޖެންޓީނާއަށް މިހާތަނަށް އެންމެ ގިނަ ލަނޑުޖަހާދިން ކުޅުންތެރިޔާއެވެ.
މިއާއިއެކު މެސީ ވަނީ ވޯލްޑް ކަޕުގައި ޖުމްލަ 16 ލަނޑު ހަމަކޮށް، އެ މުބާރާތުގެ ތާރީޚުގައި އެންމެ ގިނަ ލަނޑުޖަހާފައިވާ، ޖަރުމަންވިލާތުގެ މިރޮސްލާވް ކްލޯސޭއާ އެއްވަރު ކޮށްފައެވެ. އަދި މިއީ އޭނާ ކުޅޭ ހަވަނަ ވޯލްޑް ކަޕަށްވީއިރު، މެސީއަކީ ވޯލް ކަޕުގައި ހަވަނަ ފަހަރަށް ބައިވެރިވި އެންމެ ފުރަތަމަ ކުޅުންތެރިޔާއެވެ.
އަލްޖީރިޔާގެ ފަރާތުން މިމެޗިގައި ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. ފުރަތަމަ ހާފުގައި އަލްޖީރިޔާއިން ވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް އެ ލަނޑުވެގެން ދިޔައީ އޮފްސައިޑް ލަނޑަކަށެވެ. ފަހުން އަލްޖީރިޔައިން މެޗިގައި 6 ޝޮޓު ފޮނުވާލި ނަމަވެސް، އެއިން އެއްވެސް ބޯޅައެއް ގޯލާ އަމާޒުވާ ގޮތެއް ނުވިއެވެ.
މެސީގެ މޮޅު ކުޅުމާއިއެކު އާޖެންޓިނާއަށް ލިބުނު މި ކާމިޔާބީއާއި ގުޅިގެން އެޓީމު ވަނީ ގުރޫޕް ޖޭގެ އެއްވަނައަށް އަރާފައެވެ. މި ގުރޫޕުގައި ދެން ކުރިއަށް އޮތީ އޮސްޓްރިއާ އާއި ޖޯޑަން ބައްދަލުކުރަ މެޗެވެ.