ޚަބަރު
ފަރެސްމާތޮޑާގެ ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމަށް އެެރަށަށް ޖެންސެޓެއް
ފަރެސްމާތޮޑާއަށް ގެންދިޔަ ޖެންސެޓް އެރަށަށް ބާލަނީ. ފޮޓޯ: ފެނަކަ
ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ފެނަކަ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގދ. ފަރެސްމާތޮޑާއަށް 800 ކިލޯވޮޓުގެ އައު ޖެންސެޓެއް ގެންގޮސްފިއެވެ.
ފެނަކައިން ހާމަކޮށްފައިވާ ގޮތުގައި މި ޖެންސެޓް މިހާރު ވަނީ އެ ރަށަށް ބާލާފައެވެ.
ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މި އަހަރުގެ މިހާތަނަށް ރާއްޖޭގެ 21 ރަށަކަށް މުޅިން އައު ޖެންސެޓްތައް ފޮނުވާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. މީގެ އިތުރުން، އިތުރު 24 ޖެންސެޓެއް މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، އެ ތަކެތި ލިބުނުހާ އަވަހަކަށް ބޭނުންޖެހިފައިވާ ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް ފެނަކައިން މައުލޫމާތުދެއެވެ.
ޖެންސެޓް ފޮނުވުނު ރަށްތަކާއި ކެޕޭސިޓީ
މިހާތަނަށް ޖެންސެޓް ފޮނުވާފައިވާ ރަށްތަކުގެ ތެރޭގައި 250 ކިލޯވޮޓްގެ ޖެންސެޓް ފޮނުވި 9 ރަށަކާއި 400 ކިލޯވޮޓްގެ ޖެންސެޓް ފޮނުވި 12 ރަށެއް ހިމެނެއެވެ. 250 ކިލޯވޮޓްގެ ޖެންސެޓް ފޮނުވާފައިވަނީ ށ. ނަރުދޫ، ނ. ފޮއްދޫ، ނ. މަގޫދޫ، ރ. ކިނޮޅަސް، ރ. ފައިނު، ދ. ރިނބުދޫ، ތ. އޮމަދޫ، ތ. ގާދިއްފުށި އަދި ތ. ކަނޑޫދޫއަށެވެ.
400 ކިލޯވޮޓްގެ ޖެންސެޓް ފޮނުވާފައިވާ ރަށްތަކަކީ ހއ. އުލިގަން، ހދ. ނާވައިދޫ، ށ. ފޭދޫ، ށ. ޅައިމަގު، ށ. ފީވަށް، ށ. ގޮއިދޫ، ނ. ލަންދޫ، ނ. ކުޑަފަރި، ނ. ހެންބަދޫ، ރ. ރަސްގެތީމު، ރ. އިންނަމާދޫ އަދި ފ. މަގޫދޫއެވެ.
މި ބަދަލުތަކާއެކު ގިނަ ރަށްތަކެއްގެ ކަރަންޓު އުފެއްދުމުގެ ގާބިލުކަން ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން ފ. މަގޫދޫގައި ކުރިން ހުރި 400 ކިލޯވޮޓްގެ އެންމެ ޖެންސެޓެއްގެ ބަދަލުގައި މިހާރު ދެ ޖެންސެޓާއެކު ކެޕޭސިޓީ ވަނީ ދެގުނަ ކުރެވިފައެވެ. އަދި ރ. ރަސްގެތީމާއި ރ. އިންނަމާދޫ ފަދަ ރަށްރަށުގައި ޖެންސެޓްގެ އަދަދު ވަނީ ހަތަރަކަށް އިތުރުކުރެވިފައެވެ.
ފެނަކައިން ބުނެފައިވާ ގޮތުގައި މި ޖެންސެޓްތަކުގެ ސަބަބުން ރަށްރަށަށް ދެމުންގެންދާ ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް މަގުފަހިވެ، ދެވޭ ޚިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާވެގެންދާނެއެވެ. އެ ކުންފުނީގެ އަމާޒަކީ ރަށްރަށުގެ އިންޖީނުގެތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް، ރައްޔިތުންނަށް އިތުބާރުހުރި ކަރަންޓުގެ ޚިދުމަތެއް ޔަގީންކޮށްދިނުމެވެ.