ވިޔަފާރި / ޚަބަރު
ކުރިއަށް އޮތްތަނުގައި ޕޭޕަލްގެ އިތުރު ފީޗާސްތައް ތައާރަފްކުރެވޭނެ : އުރީދޫ
ޕޭޕަލްގެ ޚިދުމަތް ތަޢާރަފްކުރުމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީ އާއި އުރީދޫ މޯލްޑިވްސް ގުޅިގެން ބޭއްވި މައުލޫމާތު ދިނުމުގެ ބައްދަލުވުން. ފޮޓޯ: އުރީދޫ މޯލްޑިވްސް
ރާއްޖެއަށް އަލަށް ތައާރަފްކުރި ޕޭޕަލްގެ ހިދުމަތާއެކު ދިވެހީންނަށް ސީދާ ޑޮލަރު ލިބޭނެ ގޮތް މަގުފަހިކުރުމަކީ އެންމެ ފުރަތަމަ އަމާޒު ކަމަށާއި، ކުރިއަށް އޮތް ތަނުގައި އިތުރު ފީޗާސްތަކާއެކު މި ހިދުމަތް ފުޅާކުރައްވާނެ ކަމަށް އުރީދޫ މޯލްޑިވްސްގެ ހެޑް އޮފް ފިންޓެކް އެންޑް ޕާޓްނަރޝިޕް އަޙްމަދު ނޫމާން ވިދާޅުވެއްޖެއެވެ.
ނޫމާން މިފަދައިން ވިދާޅުވީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި އުރީދޫ މޯލްޑިވްސް ގުޅިގެން ޕޭޕަލްގެ ހިދުމަތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ހާއްސަ ސެޝަނެއްގައެވެ. މި ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު އާއި އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) ހުސެއިން ނިޔާޒްގެ އިތުރުން މިނިސްޓްރީގެ ކޮންސަލްޓަންޓް އެންޑް ޓްރޭޑް އިންވެސްޓްމެންޓް، ޝުހާދު އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.
ދިވެހި ސަރުކާރުން އިސްނަގައިގެން ކުރި މަސައްކަތުގެ ދަށުން ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ފޯރުކޮށްދެނީ އުރީދޫ އެމްފައިސާ މެދުވެރިކޮށްނެވެ. ނޫމާން ވިދާޅުވީ މި ހިދުމަތުގެ ސަބަބުން ބޭރުގެ ޕްލެޓްފޯމްތަކުގައި ދިވެހި އުފެއްދުންތައް ވިއްކައިގެން ލިބޭ ޑޮލަރު ސީދާ އަތަށް ލިބޭނެ މަގު މިހާރު ހުޅުވިފައިވާ ކަމަށެވެ.
މިވަގުތު އަޅުގަނޑުމެންގެ މެއިން ފޯކަސް އަކަށް މި ބެހެއްޓީ ޕޭޕަލްއާ އެކީގައިވެސް ރާއްޖެއަށް ޑޮލަރު، ރައްޔިތުން މީހާގެ އަތަށް ފިޒިކަލް ޑޮލަރު އަންނަ ލެވެލްއަށް އަޅުގަނޑުމެން މިކަންތައް ކޮށްފަ މިހުރީ. އެ ދޮރު އަޅުގަނޑުމެން މި ހުޅުވާލަދިނީ،
ނޫމާން
މީގެ އިތުރުން، ޕޭޕަލްގައި ހިމެނޭ ކްރިޕްޓޯ ކަރަންސީއާއި އިތުރު މާޗަންޓް ހިދުމަތްތައް ކުރިއަށް އޮތް ތަނުގައި އެމްފައިސާގެ ތެރެއިން ލިބޭނެ ގޮތް ހެދުމަށް ޑިވެލޮޕަރުންނާއި ޓެކް އިންޑަސްޓްރީގެ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ސެޝަންގައި ވާހަކަދައްކަވަމުން އުރީދޫގެ ސީސީއޯ ހުސެއިން ނިޔާޒް ވިދާޅުވީ، އެމްފައިސާ މެދުވެރިކޮށް ލިބޭ ޑޮލަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ނުވަތަ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުންނަ ޑޮލަރު އެކައުންޓުތަކަށް ތިން މިނެޓަށްވުރެ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ޓްރާންސްފާ ކުރެވޭނެ ކަމަށެވެ. މި ހިދުމަތް "ލައިވް" ކޮށްފައިވަނީ ގިނަ ޓެސްޓުތަކެއް ކުރުމަށްފަހު ފުރިހަމައަށް ކަށަވަރުކޮށްފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނިޔާޒް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ހިދުމަތުގެ ސަބަބުން އެންމެ ބޮޑު ލުޔެއް ލިބިގެންދާނީ ގެސްޓްހައުސް ވިޔަފާރިތަކަށާއި ކުދި ވިޔަފާރިތަކަށެވެ. ރާއްޖެ އަންނަ ފަތުރުވެރިންނަކީ ޕޭޕަލްގެ ހިދުމަތަށް އަހުލުވެރި ބަޔަކަށްވުމާއެކު، މީގެ ސަބަބުން ފަތުރުވެރިންނަށް ފައިސާ ދެއްކުމުގައި ބޮޑެތި ފަސޭހަތަކެއް ލިބި، ވިޔަފާރިތަކަށް ސީދާ ޑޮލަރުން އާމްދަނީ ހޯދުމަށް މަގުފަހިވެގެންދާނެއެވެ.