ޚަބަރު
ވިލިމާލޭގައި މާލެ ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް
ވިލިމާލޭގައި މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށް ތައްޔާރުވަނީ. ފޮޓޯ:އެމްޓީސީސީ
ވިލިމާލޭގައި މާލެ ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އެމްޓީސީސީގެ އިސްވެރިންނާއި ވިލިމާލެ ދާއިރާގެ މެންބަރު ބައްލަވާލައްވައިފިއެވެ.
މި ތައްޔާރީތައް ބައްލަވާލެއްވުމުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީ އާއި، ވިލިމާލެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު އިސްމާޢީލްގެ އިތުރުން އެމްޓީސީސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ޚިދުމަތަކީ ވިލިމާލޭގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ލުއިފަސޭހަކަން ހޯދައިދިނުމަށް ފަށާ ޚިދުމަތެކެވެ.
މާލެ ޓެކްސީ ލައިންގެ ޚިދުމަތަކީ މާލޭ ސަރަޙައްދަށް ކުރިމަތިވެފައިވާ ޓެކްސީގެ ދަތިކަމަށް ވަށާޖެހޭ ޙައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތީން ފަރުމާކުރައްވައި، މިދިޔަ އެޕްރީލް މަހުގެ 2 ވަނަ ދުވަހު ރަސްމީކޮށް އިފްތިތާޙުކުރި ޚިދުމަތެކެވެ. މި ޚިދުމަތް ފެށިތާ ފުރަތަމަ މަހުގެ ތެރޭގައި އެކަނިވެސް 13,000 އަށްވުރެ ގިނަ ދަތުރު ކޮށްފައިވާ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.
މި ޚިދުމަތް ދިނުމަށްޓަކައި ތިމާވެއްޓާ ރައްޓެހި 150 އުޅަނދު ވަނީ ގެނެސްފައެވެ. މީގެ ތެރޭގައި ތިން ސައިޒެއްގެ އުޅަނދުތައް ހިމެނޭއިރު، މިއީ %100 ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެކެވެ. ވިލިމާލޭގައި މި ޚިދުމަތް ފެށުމުން، އެ ރަށުގެ ތިމާވެށި ހިމާޔަތްކުރެވޭނެ ފަދަ ގޮތަކަށް ދަތުރުފަތުރުގެ ލުއިފަސޭހަކަން ރައްޔިތުންނަށް ލިބިގެންދާނެއެވެ.