Ads by Farudhun

ޚަބަރު

ހުޅުމާލޭ ފްލެޓެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި، ހަ މީހަކަށް ފަރުވާދީފި

ހުޅުމާލޭ ފްލެޓެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި، ހަ މީހަކަށް ފަރުވާދީފި

ހުޅުމާލޭގެ ފްލެޓުގައި އަލިފާން ރޯވެ ލިބިފައިވާ ގެއްލުން ފޮޓޯ: އެންޑީއެމްއޭ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

17 ޖޫން 2026، 10:18

17 ޖޫން 2026، 10:18

ހުޅުމާލޭގެ 141 ވަނަ ފްލެޓްގައި ރޭ މެންދަމުގެ ވަގުތެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި، ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާ ހިނގައިގެން އުޅޭކަމުގެ ރިޕޯޓު އެ ފަރާތަށް ލިބިފައިވަނީ ރޭ ފަތިހު 4:00 ހާއިރުއެވެ. ރިޕޯޓު ލިބުމާއެކު ފުލުހުންނާއި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސަރވިސް އިން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ.

މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން ހަ މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދީފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ނުފުރޭ ދެ ކުދިން ވެސް ހިމެނެއެވެ. ފުލުހުން ވިދާޅުވި ގޮތުގައި، ހޮސްޕިޓަލަށް ގެންދެވުނު އެންމެންގެ ހާލުވެސް މިހާރު ރަނގަޅެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، މި އަލިފާނުގެ ހާދިސާގެ ސަބަބުން އެ ފްލެޓްގައި ދިރިއުޅެމުންދިޔަ އެއް އާއިލާއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން އެ އާއިލާގެ ހަ މީހަކަށް މިވަގުތު އަމިއްލަ ގޭގައި ދިރިނޫޅެވޭ ވަރަށް ގެއްލުން ވެފައިވާތީ، އެ މީހުން ވަގުތީ ގޮތުން އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް އެ އޮތޯރިޓީން ދަނީ ކުރަމުންނެވެ. އަދި ހާލުގައި ޖެހުނު އެ އާއިލާއަށް ބޭނުންވާ ކާބޯތަކެއްޗާއި އެހެނިހެން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް އެންޑީއެމްއޭ އިން ދަނީ ކުރަމުންނެވެ.

މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް މިހާތަނަށް ދެނެގަނެވިފައި ނުވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450