ޚަބަރު
މަސްވެރިންނަށް ބަނދަރުތަކުން ދިމާވާ ދަތިތައް ހައްލުކުރުމަށް ވަޒީރު ޝިޔާމާއި އެމްޕީއެލްގެ ސީއީއޯ މަޝްވަރާކުރައްވައިފި
ވަޒީރު ޝިޔާމް އެމްޕީއެލްގެ ސީއީއޯ އާ ބައްދަލުކުރެއްވުން. ފޮޓޯ: މަސްވެރިކަމާ ބެހޭ ވުޒާރާ
މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ ސީ.އީ.އޯ ކެޕްޓަން ޙުސައިން ޝަފީޤާ ބައްދަލުކުރައްވައި، މަސްވެރިންނަށް ހުރި ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުވުމަކީ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށާއި، މަސްވެރިންނަށް ހުރި ދަތިތައް ހައްލުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ބަނދަރުތައް ބޭނުންކުރުމުގައި މަސްވެރިންނަށް ދިމާވާ ދަތިތަކާ ގުޅޭގޮތުންނެވެ. މަސްވެރި އުޅަނދުފަހަރަށް ބަނދަރުތަކުން ލިބެންޖެހޭ ޚިދުމަތްތައް އަވަސްކުރުމާއި، ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމާ ގުޅޭގޮތުން ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި ވާހަކަދެއްކެވިއެވެ.
ވަޒީރު އަޙްމަދު ޝިޔާމް، އެމް.ޕީ.އެލްގެ ސީ.އީ.އޯ ކެޕްޓަން ޙުސައިން ޝަފީޤާ ބައްދަލުކުރެއްވުން.
— Min of Fisheries, Agriculture and Ocean Resources (@MFAORmv) June 16, 2026
މި ބައްދަލުވުމުގައި، ބަނދަރުތައް ބޭނުންކުރުމުގައި މަސްވެރިންނަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. އަދި އެމް.ޕީ.އެލްގެ ފަރާތުން ވެދެވެން އޮތް ހުރިހާ… pic.twitter.com/ULFWNppKqA
އެމް.ޕީ.އެލްގެ ސީ.އީ.އޯ ކެޕްޓަން ޙުސައިން ޝަފީޤް ވަނީ މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމުގައި އެ ކުންފުނީގެ ފަރާތުން ވެދެވެން އޮތް ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ފޯރުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ވަޒީރު ޝިޔާމަށް އަރުވާފައެވެ. މީގެ ސަބަބުން މަސްވެރިކަމުގެ އޮޕަރޭޝަންތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
މީގެ އިތުރުން، އައްޑޫ ސިޓީގައި ގާއިމްކުރުމަށް ސަރުކާރުން ނިންމާފައިވާ "ފިޝަރީޒް އެންޑް މެރިޓައިމް ހަބް" އާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މުހިންމު މަޝްވަރާތަކެއް ކުރެވުނެވެ. މި މަޝްރޫޢަކީ ރާއްޖޭގެ ދެކުނުގައި މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތައް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.