ވިޔަފާރި / ޚަބަރު
ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 7.6 އިންސައްތަ އިތުރުވެއްޖެ
ދިވެހިރާއްޖޭގެ މަންޒަރެއް
ފަތުރުވެރިކަމުގެ ދާއިރާއިން މުދަލާއި ހިދުމަތުން ނަގާ ޓެކްސް (ޓީޖީއެސްޓީ) ގެ ގޮތުގައި ލިބުނު އާމްދަނީ 7.6 އިންސައްތަ އިތުރުވެ ދައުލަތުގެ އާމްދަނީ ކުރިއަރާފައިވާކަން ހާމަވެއްޖެ އެވެ.
މިކަން ހާމަވެފައިވަނީ މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އެންމެ ފަހުން އާންމުކޮށްފައިވާ ހަފުތާގެ މާލީ ރިޕޯޓުންނެވެ. ރިޕޯޓުން ދައްކާ ގޮތުގައި 4 ޖޫން 2026 ގެ ނިޔަލަށް ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 6 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއާއި އަޅާބަލާއިރު 423.8 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.
މިދިޔަ އަހަރުގެ ޖޫންމަހުގެ 4 އާ ހަމައަށް ޓިޖީއެސްޓީގެ ގޮތުގައި ދައުލަތައް ލިބިފައިވަނީ 5.59 ބިލިއަން ރުފިޔާއެވެ. މިއަހަރުގެ މި މުއްދަތުގައި 6.02 ބިލިއަނަށް މި އަދަދު އުފުލިފާވާއިރު މިއީ 7.6 އިންސައްތައިގެ ކުރިއެރުމެކެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ނެރެފައިވާ މި ރިޕޯޓުން ފާހަގަކުރެވޭ ގޮތުގައި، ކުރީ ހަފްތާގެ ރިޕޯޓާއި އަޅާބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ޓީޖީއެސްޓީންނެވެ. މިއީ ދިވެހިރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށްޓަކައި ފަތުރުވެރިކަމުގެ ދާއިރާގެ މުހިނަމުކަން ހާމަވާ ކަމެކެވެ.
ފަތުރުވެރިކަމުގެ ދާއިރާ އަދި އާއްމު ދާއިރާ ހިމެނޭހެން، މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓި) ގެ ގޮތުގައި ދައުލަތައް ލިބުނު ޖުމްލަ އާމްދަނީ ވަނީ 8.55 ބިލިއަނަށް އަރާފައެވެ. މިއީ 2025 ވަނަ އަހަރު ލިބުނު 7.84 ބިލިއަން ރުފިޔާއާއި އަޅާ ބަލާއިރު 708 މިލިއަން ރުފިޔާ ނުވަތަ 9 އިންސައްތައިގެ ކުރިއެރުމެކެވެ.
ހަމައެއާއިއެކު ދައުލަތަށް ޓެކްސް އާމްދަނީގެ ގޮތުގައި ޖުމްލަ ލިބުނުވަރަށް ވަނީ ހެޔޮބަދަލެއް އައިސްފައެވެ. 2025 ވަނަ އަހަރު މި މުއްދަތުގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބިފައިވާ 13.21 ބިލިއަން ރުފިޔާއާއި އަޅާބަލާއިރު، 2026 ޖޫން 4 ގެ ނިޔަލަށް ލިބިފައިވާ 14.84 ބިލިއަން ރުފިޔާއަކީ، 1.63 ބިލިއަން ރުފިޔާގެ ކުރިއެރުމެކެވެ. މިއީ 12.4 އިންސައްތައިގެ އިތުރުވުމެކެވެ.
ދައުލަތަށް ލިބުނު ޖުމްލަ ހިލޭ އެހީގެ އަދަދު ވަނީ 19.09 ބިލިއަން ރުފިޔާއަށް އަރާފައެވެ. އެއީވެސް މިދިޔަ އަހަރާއި އަޅާބަލާއިރު ލިބިފައިވާ 1.75 ބިލިއަން ރުފިޔާގެ ކުރިއެރުމެއްކަން ފާހަގަކޮށްލެވެއެވެ.