ވިޔަފާރި / ޚަބަރު

އަންނަ އަހަރު ރާއްޖޭގެ އިގުތިސާދު އާންމު ހާލަތަށް ރުޖޫއަވާން ފަށާނެ ކަމަށް އައިއެމްއެފުން ލަފާކޮށްފި

އަންނަ އަހަރު ރާއްޖޭގެ އިގުތިސާދު އާންމު ހާލަތަށް ރުޖޫއަވާން ފަށާނެ ކަމަށް އައިއެމްއެފުން ލަފާކޮށްފި

ރާއްޖޭގެ ޕޯޓް ފޮޓޯ: އެމްޕީއެލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

17 ޖޫން 2026، 02:23

17 ޖޫން 2026، 02:23

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ މަޑުޖެހުމުން އަރައިގަނެ، އަންނަ އަހަރުން ފެށިގެން އިގުތިސާދު އާންމު ހާލަތަށް ރުޖޫއަވާން ފަށާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ލަފާކޮށްފިއެވެ.

އައިއެމްއެފްގެ ވަފުދަކުން މި މަހުގެ 4 އިން ފެށިގެން 10 ދުވަހުގެ މުއްދަތަށް ރާއްޖެއަށް ކުރި ޒިޔާރަތަށްފަހު ނެރުނު ރިޕޯޓުގައި ބުނެފައިވަނީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ބޮޑުވުމާއި ޓޫރިޒަމަށް ކުރި ނޭދެވޭ އަސަރުތަކާއެކު، މި އަހަރު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން އެއް އިންސައްތައަށް މަޑުޖެހޭނެ ކަމަށެވެ. ނަމަވެސް، އަންނަ އަހަރުން ފެށިގެން އިގުތިސާދު އިޔާދަވާން ފަށައި، މެދުރާސްތާގައި ރާއްޖޭގެ އިގުތިސާދު ކުރިއަރާނެ ކަމަށް ބެލެވޭ ހަތަރު އިންސައްތައިގެ މިންގަނޑަށް ރުޖޫއަވާނެ ކަމަށް އެ ރިޕޯޓުގައި ލަފާކޮށްފައިވެއެވެ.

އައިއެމްއެފުން ފާހަގަކޮށްފައިވާ ގޮތުގައި، މި އަހަރުގެ ތެރޭގައި ސުކޫކު ބޮންޑާއެކު ބޭރުގެ ބޮޑެތި ދަރަނިތަކެއް އަނބުރާ ދެއްކުމުން، ކުރިއަށް އޮތް ކައިރި މުސްތަގުބަލުގައި ޑިފޯލްޓްވުމުގެ ބިރު ކުޑަވެފައިވީ ނަމަވެސް، ދަރަނި ދެއްކުމުގެ ގާބިލުކަމުގެ ހިރާސްތައް އަދިވެސް ބޮޑެވެ. ހާއްސަކޮށް ތެލުގެ އަގު އުފުލުމުގެ ސަބަބުން އިމްޕޯޓަށް ކުރާ ހޭދަ ބޮޑުވެ، ކަރަންޓް އެކައުންޓް ޑެފިސިޓް އިތުރުވެދާނެ ކަމުގެ އިންޒާރު އެ އިދާރާއިން ވަނީ ދީފައެވެ.

މި ހިރާސްތަކުން ސަލާމަތްވުމަށްޓަކައި، ރާއްޖޭގެ މާލީ އޮނިގަނޑަށް އިސްލާހުތައް ގެނައުމާއި، އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގެ އިތުރުން ވިޔަފާރި މާހައުލު ރަނގަޅުކުރުން މުހިންމު ކަމަށް އައިއެމްއެފުން ބުނެއެވެ. އަދި ރާއްޖެއިން ބޭރުގެ ގައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ގާއިމުކުރަމުންދާ ދިއުމަކީ ބޭރުގެ މާކެޓުތަކަށް އޮންނަ ބަރޯސާ އިތުރުވެ، މުސްތަގުބަލުގައި އިގުތިސާދީ ހަރަކާތްތަކަށް އެހީތެރިވެދޭނެ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.

އައިއެމްއެފްގެ ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ، ދައުލަތުގެ ދަރަނި ކުޑަކޮށް މާލީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި މިދިޔަ އަހަރު ފަށާފައިވާ އިސްލާހީ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށް ގެންދަންޖެހޭ ކަމަށެވެ. މީގެ ތެރޭގައި ކެޕިޓަލް ހަރަދުތައް ކުޑަކުރުމާއި، އާމްދަނީ އިތުރުކުރުމުގެ އިތުރުން، އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ލިބޭނެހެން ސަބްސިޑީގެ ނިޒާމު މުރާޖައާކުރުން ހިމެނެއެވެ.

މީގެ އިތުރުން، މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން އޯޕަން މާކެޓް އޮޕަރޭޝަންސް އަލުން ފެށުމަށް ނިންމި ނިންމުމަށް އައިއެމްއެފުން ވަނީ މަރުހަބާ ކިޔާފައެވެ. އަދި އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަކީ ތެލަށް ކުރާ ހޭދަ ކުޑަކޮށް، ދެމެހެއްޓެނިވި އިގުތިސާދީ ކުރިއެރުމެއް ހޯދުމަށް އޮތް އެންމެ މުހިންމު އެއް މަގު ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

                    

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450