Ads by Farudhun

ޚަބަރު

ގުނަވަން ޓްރާންސް ޕްލާންޓް ކުރުމުގެ ބިލު އަލުން ދިރާސާކުރަން ފަށައިފި

ގުނަވަން ޓްރާންސް ޕްލާންޓް ކުރުމުގެ ބިލު އަލުން ދިރާސާކުރަން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް---

farudhun logo

ފަރުދުން

17 ޖޫން 2026، 03:25

17 ޖޫން 2026، 03:25

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލާމެދު އަލުން ވިސްނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، އެ ބިލު އަލުން ދިރާސާކުރުމަށް މިއަދު ކޮމިޓީއަށް ފޮނުވައިފިއެވެ.

މި ބިލަކީ 2026 މެއި 14 ވީ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލެކެވެ. ނަމަވެސް، މި ބިލު ތަންފީޒުކުރުމުގައި ދިމާވެދާނެ ދަތިތަކަށް ރިއާޔަތްކުރައްވައި، ބިލު މުރާޖައާކޮށް އިސްލާހުތަކެއް ގެނައުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ މޭ 31 ވަނަ ދުވަހު ބިލު އަނބުރާ މަޖިލީހަށް ފޮނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ސަރުކާރުން ބިލު ހުށަހެޅިއިރު 7 ވަނަ މާއްދާގައި ގުނަވަން ހަދިޔާކުރާ މީހުންގެ ޝަރުތުތަކެއް ކަނޑައަޅާފައިވެއެވެ. އޭގެ ތެރޭގައި ގުނަވަން ހަދިޔާކުރާ މީހަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް ނުވުމާއި، ކުށުގެ ތުހުމަތުގައި ނުވަތަ ޝަރުޢީ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކަށް ނުވުން ހިމެނެއެވެ. ނަމަވެސް، މަޖިލީހުން ބިލު ފާސްކުރިއިރު އެ މުހިންމު ބައިތައް ވަނީ އުނިކޮށްފައެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، މަޖުބޫރުކަމެއް ނެތި އަމިއްލަ ރުހުމުގައި ގުނަވަން ހަދިޔާކުރުމަކީ ދިމިގްރާތީ މުޖުތަމަޢުތަކުގައި ބަލައިގަންނަ އަސާސީ ޝަރުތެއް ކަމަށެވެ. އަދި ބަންދެއްގައި ތިބޭ މީހުންނަކީ އެމީހުންގެ މިނިވަންކަން ގައިދުވެފައިވާ ބަޔަކަށް ވާތީ، އެފަދަ ހާލަތެއްގައި ތިބެގެން ގުނަވަން ހަދިޔާކުރުމަކީ ފުރިހަމަ މިނިވަން އިހްތިޔާރުގައި ކުރާ ކަމެއް ކަމަށް ބެލުމަށް ދަތިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ބަންދުގައި ތިބޭ މީހުން ގުނަވަން ހަދިޔާކުރާނަމަ، އެކަމަށް ޚާއްސަ އިޖުރާއަތްތަކާއި އުސޫލުތަކެއް ނެތި އެ ފުރުސަތު ދިނުމަކީ ޤާނޫނު ތަންފީޒުކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށްވެސް ރައީސްގެ ސިޓީގައިވެއެވެ. މި މާއްދާގެ އިތުރުން އިތުރު ދެ މާއްދާއަކަށް މަޖިލީހުން ގެނައި ބަދަލުތައް އިސްލާހުކުރުމަށްވެސް ރައީސް ވަނީ އެދިވަޑައިގަންނަވާފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލައަށް ބަހުސް ކުރެއްވި މެންބަރުން ވަނީ މިއީ ވަރަށް ފުޅާ ދާއިރާއެއްގައި ދިރާސާކުރަންޖެހޭ މުހިންމު ބިލެއްކަން ފާހަގަކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ކަންކަމަށް ރިއާޔަތްކޮށް ބިލަށް އިސްލާހު ގެނައުމަށް މެންބަރުން ތާޢީދުކުރެއްވިއެވެ.

މި ބިލު އަލުން ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެންބަރުންގެ އިއްތިފާގުންނެވެ. މި މަސައްކަތް ކުރިއަށްދާއިރު، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ މި ބިލު ފުރިހަމައަށް ދިރާސާކޮށް ނިންމުމަށް ކޮމިޓީއަށް އިރުޝާދު ދެއްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450