ދުނިޔެ
ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގެ ކުރިން އީރާނުގެ ތެޔޮ ޓޭންކަރުތައް ބްލޮކޭޑް ލައިން ހުރަސްކޮށްފި
ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރި ބޯޓު ތަކެއް. ފޮޓޯ: އޭޕީ
އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ފްރޭމްވޯކް އެއްބަސްވުމަކަށް އައުމަށްފަހު، ރަސްމީ މަޝްވަރާތައް ފެށުމުގެ ދެ ދުވަސް ކުރިން އީރާނުގެ ތެޔޮ އުފުލާ ބައެއް އުޅަނދުތައް ހޮރްމޫޒް ކަނޑުއޮޅީގައި އެމެރިކާއިން ގާއިމުކޮށްފައިވާ ބްލޮކޭޑް ލައިން ހުރަސްކޮށްފިއެވެ.
ތެޔޮ އުފުލާ އުޅަނދުތައް މޮނިޓަރ ކުރާ TankerTrackers ވެބްސައިޓުން ބުނި ގޮތުގައި، މިއީ ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި އީރާނުން ސާފުނުކުރާ ތެޔޮ ބޭރުކުރަން ފެށި ފުރަތަމަ ފަހަރެވެ. މިކަން ކަށަވަރުކޮށްފައިވަނީ ޑިޖިޓަލް ޓްރެކިންގް ޑޭޓާ އާއި ސެޓެލައިޓް ފޮޓޯތަކުގެ އެހީގައެވެ. ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލާނެ ކަމުގެ ޚަބަރާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ދަށަށް ދާން ފަށާފައެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ފެށުނު މި ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ފަހުގެ މަޝްވަރާތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު ސްވިޒަލޭންޑްގެ ބާގަންސްޓޮކް ރިސޯޓުގައެވެ. ޓޭންކަރް ޓްރެކާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުގެ ނޭޝަނަލް އިރާނިއަން ޓޭންކަރް ކޮމްޕެނީ (NITC) ގެ ދެ އުޅަނދު ކަމަށްވާ Diona އަދި Hero 2 ވަނީ 3.8 މިލިއަން ފީފާގެ ތެލާއެކު އަންގާރަ ދުވަހު ބްލޮކޭޑް ލައިން ހުރަސްކޮށްފައެވެ.
މީގެ އިތުރުން، އެއް މިލިއަން ފީފާގެ ތެޔޮ އުފުލާ Sonia I ނަމަކަށް ކިޔާ އުޅަނދު ބުދަ ދުވަހުގެ ފަތިހު އޮމާން ކަނޑުގެ ބްލޮކޭޑް ލައިން ހުރަސްކޮށްފައިވާ ކަމަށް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ. މި މަޝްވަރާތައް ފެށުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ދެމެދުގައި ފަހުމުނާމާއެއްގައި ސޮއިކުރުމަށްފަހުގައެވެ. 60 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ މެދު އެއްބަސްވުމަކަށް އައުމާއި އީރާނާ ދެކޮޅަށް އަޅާފައިވާ ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމެވެ.
ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފަހުމުނާމާގައި ސޮއިކުރުމާއެކު އީރާނަށް ތެލާއި ތެލުގެ އުފެއްދުންތައް ވިއްކުމުގެ ހުއްދަ އެމެރިކާއިން ވަގުތުން ދޭނެއެވެ. މީގެ ތެރޭގައި ބޭންކިންގް، ދަތުރުފަތުރު އަދި އިންޝުއަރެންސްގެ ޚިދުމަތްތައް ވެސް ހިމެނެއެވެ. އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، މި ފްރޭމްވޯކް އެއްބަސްވުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، ނައިބު ރައީސް ޖޭޑީ ވެންސްގެ އިތުރުން އީރާނުގެ އިސް އޮފިޝަލުން މިހާރު ވަނީ އިލެކްޓްރޯނިކްކޮށް ސޮއިކުރައްވާފައެވެ.