ޚަބަރު
ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް ފެށުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޝަރަފުވެރިކޮށްދެއްވައިފި
ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް ފެށުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޝަރަފުވެރިކޮށްދެއްވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބީ.އެމް.އެލް. ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026" ހުޅުވުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މާލޭ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ބޭއްވި މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މި މުބާރާތުގެ އޮފިޝަލް ޗެމްޕިއަންޝިޕް ބޯޅައިގައި ސޮއިކުރައްވާފައެވެ.
މި މުބާރާތް ހުޅުވުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ހުރަވީ ސްކޫލާއި ޖަމާލުއްދީން ސްކޫލެވެ. ވަރަށް ވާދަވެރި ކުޅުމަކަށްފަހު، 23 ޕޮއިންޓް 3 ޕޮއިންޓުން މި މެޗު ކާމިޔާބުކުރީ ހުރަވީ ސްކޫލެވެ.
ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި މުބާރާތަކީ ދިވެހިރާއްޖޭގައި ނެޓްބޯޅަ ކުރިއަރުވައި ތަރައްގީކޮށް، ޒުވާން ކުޅުންތެރިންގެ ހުނަރު އިތުރުކުރުމުގެ މަގުސަދުގައި ބާއްވާ ސިލްސިލާ މުބާރާތެކެވެ. މީގެ ކުރިން "އިންޓަރ ސްކޫލް ނެޓްބޯލް ޓޯނަމަންޓް" ގެ ނަމުގައި ބާއްވަމުން އައި މި މުބާރާތް މިއަހަރުން ފެށިގެން ކުރިއަށްދަނީ "ބީ.އެމް.އެލް. ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް" ގެ ނަމުގައެވެ.
މި އަހަރުގެ މުބާރާތް ދެ އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށްދާއިރު، 15 އަހަރުން ދަށުގެ އުމުރުފުރާގައި 14 ޓީމު އަދި 17 އަހަރުން ދަށުގެ އުމުރުފުރާގައި 11 ޓީމު ވާދަކުރެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހުގައި، މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް ޢަބްދުﷲ ރާފިޢު އާއި، ބޭންކް އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފްގެ އިތުރުން ނެޓްބޯލް އެސޯސިއޭޝަންގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.