ދުނިޔެ

އިންޑިއާގައި ޓެލެގްރާމް ބޭންކުރުމުގައި ވާދަވެރި ކުންފުނިތަކެއްގެ ނުފޫޒު އޮތްކަމަށް ތުހުމަތުކޮށްފި

އިންޑިއާގައި ޓެލެގްރާމް ބޭންކުރުމުގައި ވާދަވެރި ކުންފުނިތަކެއްގެ ނުފޫޒު އޮތްކަމަށް ތުހުމަތުކޮށްފި

ޓެލެގްރާމް---

17 ޖޫން 2026، 08:58

އިންޑިއާގައި ޓެލެގްރާމް ބޭންކުރުމުގައި ވާދަވެރި ކުންފުނިތަކެއްގެ ނުފޫޒު އޮތްކަމަށް ޓެލެގްރާމްގެ ސީ.އީ.އޯ ޕަވެލް ޑުރޯވް ތުހުމަތުކޮށްފިއެވެ.

ޑުރޯވް ބުނީ، އިންޑިއާގައި އެ އެޕްލިކޭޝަން ބޭނުންކުރުން ހަނިކުރުމަށް ނިންމި ނިންމުމަކީ ހަމައެކަނި އިމްތިހާނު ކަރުދާސްތަކެއް ލީކުވުމާ ގުޅިގެން ނިންމި ނިންމުމެއް ނޫނެވެ. އޭނާ ތުހުމަތު ކުރާ ގޮތުގައި މީގެ ފަހަތުގައި ސޯޝަލް މީޑިއާގެ ވާދަވެރި ކުންފުނިތަކެއްގެ ނުފޫޒު އޮތުމަކީ އެކަށީގެންވާ ކަމެކެވެ.

ޑުރޯވްގެ ރަސްމީ ޓެލެގްރާމް ޗެނަލްގައި ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ، ޓެލެގްރާމް ބައެއް ބޭނުންކުރާ ފަރާތްތަކުން އިމްތިހާނު ކަރުދާސްތަކެއް ހިއްސާކުރި ކަމަށް ބުނެ އިންޑިއާގެ އައި.ޓީ މިނިސްޓްރީން އެއް ހަފުތާގެ މުއްދަތަށް ޓެލެގްރާމް މަނާކޮށްފައިވާ ކަމަށެވެ. ނަމަވެސް، މި ނިންމުމުގެ ސަބަބުން ގެއްލުންވަނީ ކަރުދާސް ލީކުކުރި މީހުންނަށްވުރެ ބޮޑަށް، އިންޑިއާގައި ޓެލެގްރާމް ބޭނުންކުރާ 150 މިލިއަނެއްހާ އާންމު ރައްޔިތުންނަށް ކަމަށް އޭނާ ފާހަގަކުރިއެވެ.

އަދި ޓެލެގްރާމް މަނާކުރުމުން އެ މައްސަލައަށް ހައްލެއް ލިބިފައިނުވާ ކަމަށާއި، ލީކުކޮށްފައިވާ ތަކެތި ސޯޝަލް މީޑިއާގެ އެހެން އެޕްތަކުން މިހާރު ދައުރުކުރާކަމަށް ބުންޏެވެ.

އިމްތިހާނު ކަރުދާސްތައް އެންމެ ފުރަތަމަ ލީކުވީ ޓެލެގްރާމުން ނޫން ކަމަށް ވީނަމަވެސް، އެ މައްސަލަ ހައްލުކުރުމަށް ޓެލެގްރާމުން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ޑުރޯވް ބުންޏެވެ. އެގޮތުން، ވޭތުވެދިޔަ ހަފުތާތަކުގައި އިންޑިއާގައި މިފަދަ މައުލޫމާތުތައް ހިއްސާކުރާ ސަތޭކައަށްވުރެ ގިނަ ޗެނަލްތަކާއި މަކަރާއި ހީލަތް ހިންގާ ގްރޫޕްތައް ނައްތާލާފައިވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.

މީގެ އިތުރުން، އިންޑިއާގެ މުއާސަލާތީ ކުންފުންޏެއް ކަމަށްވާ ރިލަޔަންސް އިންޑަސްޓްރީޒްއަށް ޑުރޯވް ބޮޑެތި ތުހުމަތުތަކެއް ވަނީ ކޮށްފައެވެ. އޭނާ ބުނެފައިވާ ގޮތުގައި، ރިލަޔަންސްއިން ވަނީ "ބީ.ޖީ.ޕީ ހައިޖެކިންގް" ބޭނުންކޮށްގެން، ޓެލެގްރާމް ބޭނުންކުރާ އިންޑިއާއިން ބޭރުގައި އުޅޭ މިލިއަނެއްހާ މީހުންނަށް އެ އެޕްލިކޭޝަން ބޭނުންކުރުމަށް ހުރަސްއަޅާފައިވާ ކަމަށެވެ.

އަދި މި މައްސަލައާ ގުޅިގެން ހުށަހެޅި ގިނަ ރިޕޯޓުތަކަށް ރިލަޔަންސްއިން އިޖާބަދީފައެއް ނުވާކަމަށް ވެސް އޭނާ ބުންޏެވެ. އަދި މިއީ ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށާއި، ރިލަޔަންސްއަކީ ވަޓްސްއަޕްގެ މައި ކުންފުނި ކަމަށްވާ "މެޓާ" އާ ގުޅުން އޮންނަ ކުންފުންޏަކަށް ވާތީ، މިއީ ވިޔަފާރީގެ ވާދަވެރިކަމުގެ ތެރެއިން ހިނގާފައިވާ ކަމެއް ކަމަށް އޭނާ ތުހުމަތު ކުރެއެވެ.

އެހެންކަމުން އިންޑިއާގައި ޓެލެގްރާމް މަނާކުރުމަށް ބާރުއަޅާ ފަރާތްތަކުގެ ފަހަތުގައި ރިލަޔަންސް ނުވަތަ ވަޓްސްއަޕް އޮތުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫން ކަމަށްވެސް އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން ނެޓްވޯކް އޮޕަރޭޓަރުންނަށް އިރުޝާދު ދެމުން އޭނާ ބުނީ، ރިލަޔަންސްގެ ނެޓްވޯކުން ފޮނުވާ ހުއްދަނެތް "ބީ.ޖީ.ޕީ އެނައުންސްމަންޓްތައް" ގަބޫލުނުކުރުމަށާއި، އިންޓަނެޓްގެ ހިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް ސަމާލުވުމަށެވެ.

މީގެ އިތުރުން، ޓެލެގްރާމްގައި ހިއްސާކުރާ މައުލޫމާތު ބަދަލުކޮށްގެން ހިންގާ މަކަރާއި ހީލަތްތައް ހުއްޓުވުމަށްޓަކައި، މެސެޖެއް "އެޑިޓް" ކުރުމުން އެކަން އެނގޭނެ "ލޭބަލް" މިހާރަށްވުރެ ބޮޑަށް ފާހަގަވާނެ ގޮތް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ބުންޏެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450