ދުނިޔެ
ޞުލްޙައިގެ އެއްބަސްވުމަށް އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ބައެއް މެންބަރުންގެ ފާޑުކިޔުން އަމާޒުވެއްޖެ
އީރާނާއި ޓްރަމްޕްގެ ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމަށް ފާޑުވިދާޅުވުމަށްފަހު، ޔޫއެސް ސެނެޓަރ ބިލް ކެސިޑީ ވޮޝިންގޓަންގައި ހުންނަ ސެނެޓް ޗޭމްބަރުން ނުކުމެވަޑައިގަންނަވަނީ. ފޮޓޯ: ރޮއިޓާސް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާއެކު ވެވަޑައިގެންނެވި ވަގުތީ ޞުލްޙަގެ އެއްބަސްވުމާ ގުޅިގެން ރިޕަބްލިކަން ޕާޓީގެ ބައެއް މެންބަރުންގެ ހިތްހަމަނުޖެހުން އަމާޒުވެއްޖެއެވެ. ފާޑުކިޔާ މެންބަރުން ބުނާ ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން ޓެކްސް ދައްކާ މީހުންގެ ބިލިއަނުން ފައިސާ އިސްރާފުވެގެންދާނެ ކަމަށާއި، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމަށް މީގެން މާބޮޑު ބާރެއް ނުލިބޭނެއެވެ.
ބުދަ ދުވަހު ސޮއިކުރި 14 ނުކުތާގެ މި ފަހުމުނާމާ (އެމްއޯޔޫ) ގެ ދަށުން، ލުބުނާން ހިމެނޭ ގޮތަށް ހުރިހާ ދާއިރާއަކުން އަސްކަރީ އޮޕަރޭޝަންތައް ވަގުތުން އަދި ދާއިމީކޮށް ހުއްޓާލުމަށް އެމެރިކާއާއި އީރާނުން ވަނީ އެއްބަސްވެފައެވެ. މީގެ އިތުރުން ފެބްރުއަރީ މަހުން ފެށިގެން ބަންދުކޮށްފައިވާ ހޯމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް އީރާނުން އެއްބަސްވެފައިވާއިރު، އީރާނު އަލުން އާރާސްތުކުރުމަށް 300 ބިލިއަން ޑޮލަރުގެ އެހީގެ ޕްލޭނެއް އެކުލަވާލުމަށް ވޮޝިންގޓަނުން ވަނީ ވައުދުވެފައެވެ.
މި އެއްބަސްވުމާ ގުޅިގެން ރިޕަބްލިކަން ސެނެޓަރ ބިލް ކެސިޑީ ވިދާޅުވީ މިއީ ވޭތުވެދިޔަ އެތައް އަހަރެއްގެ ތެރޭގައި ހިންގި ޚާރިޖީ ސިޔާސަތުގެ އެންމެ ބޮޑު ގޯސް ކަމަށެވެ. "އީރާނުގެ ނިއުކްލިއާ އުންމީދުތަކެއް ނުހުއްޓުވުނު، އަދި ހޯމޫޒް ކަނޑުއޮޅި ބަންދުކޮށްގެން ބިރުދެއްކުމަކީ މަސައްކަތްކުރާ ކަމެއްކަން އެމީހުންނަށް ދަސްވެއްޖެ،" ކެސިޑީ އެކްސްގައި ލިޔުއްވާފައިވެއެވެ.
ކުރީގެ ނައިބު ރައީސް މައިކް ޕެންސް ވެސް ވަނީ މި އެއްބަސްވުމަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި މި އެއްބަސްވުމުން ފެންނަނީ ކުރީގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރުން އީރާނާއެކު ވީ ނިއުކްލިއާ އެއްބަސްވުމުގައި އޮތް ފަދަ ދޫދިނުންތަކެކެވެ. ޕެންސް ވިދާޅުވީ އެމެރިކާއިން މަސައްކަތް ކުރަންޖެހޭނީ އީރާނުގެ ނިއުކްލިއާ އަދި މިސައިލް ޕްރޮގްރާމް މުޅިން ނައްތާލައި، ޓެރަރިސްޓް ޖަމާއަތްތަކަށް އެހީވުން ހުއްޓުވުމަށް ކަމަށެވެ.
އދ. އަށް އެމެރިކާއިން ކަނޑައަޅާފައި ހުރި ކުރީގެ ސަފީރު ނިކީ ހޭލީ ވެސް ވަނީ އީރާނަށް ބިލިއަނުން ފައިސާ ދޫކުރުމާ މެދު ސުވާލު އުފައްދާފައެވެ. އޭނާ ވިދާޅުވީ އެމެރިކާއަށް މަރުގެ އިންޒާރުދީ، ސިފައިން މަރަމުންދާ ރެޖީމަކަށް ފައިސާ ދޫކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މީގެ އިތުރުން ސެނެޓަރ ޓެޑް ކްރޫޒް ވިދާޅުވީ އީރާނުގެ އަސްކަރިއްޔާ ސުންނާފަތިކޮށްފައިވާ ދަނޑިވަޅެއްގައި، އެ ގައުމު އަލުން އާރާސްތުކުރަން އެމެރިކާއިން ފައިސާ ދީގެން ނުވާނެ ކަމަށެވެ.
ޓްރަމްޕްގެ މި އެއްބަސްވުމަށް ފާޑުކިޔުން އަމާޒުވެފައިވަނީ 2015 ވަނަ އަހަރު އޮބާމާ ސަރުކާރުން އީރާނާއެކު ވީ އެއްބަސްވުމުން 2018 ވަނަ އަހަރު ޓްރަމްޕް ވަކިވެވަޑައިގެންފައިވާތީއެވެ. އޭރު ޓްރަމްޕް ވިދާޅުވެފައިވަނީ އެ އެއްބަސްވުމުގެ ސަބަބުން އީރާނަށް މާލީ މަންފާ ލިބި، އެ ގައުމުގެ ނުބައި އަމަލުތަކަށް މަގުފަހިވާ ކަމަށެވެ.