ދުނިޔެ / ޚަބަރު
އެމެރިކާއާއި އީރާނާއި ދެމެދު ވެވުނު އެއްބަސްވުމަށްފަހު ދުނިޔޭގެ ތެލުގެ އަގު ދަށްވެއްޖެ
އޮމާންގެ މުސަންދަމް އިން ފެންނަ އޮޑިތަކެއްގެ ފޮޓޯ: ރޮއިޓާރސް
ހަނގުރާމަ ހުއްޓާލުމުގެ ވަގުތީ އެއްބަސްވުމުގައި، އީރާނާއި އެމެރިކާއިން ސޮއިކުރުމާއި ވިދިގެން ދުނިޔޭގެ ތެލުގެ އަގުތައް ދަށަށް ހިނގައްޖެއެވެ. 14 ނުކުތާއެއްގެ މައްޗަށް އެކުލެވޭ މި ސުލްހައިގެ އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ވެސް، ޓްރަމްޕް ވަނީ އެއްބަސްވުމާ ހިލާފުވެއްޖެނަމަ އަލުން އުދުވާނީ ހަމަލާތައް ފަށްޓަވާނެ ކަމަށް ބުނެ އީރާނަށް އިންޒާރު ދީފައެވެ. މި އިންޒާރާއި ގުޅިގެން ދަށަށް ދަމުންދިޔަ ތެލުގެ އަގުތައް މަތިވިއެވެ. ނަމަވެސް މިހާރު އަގުތައް އަނެއްކާވެސް ދަށްވާން ފަށައިފިއެވެ.
އެގޮތުން، ބުރާސްފަތި ދުވަހު އޭޝިޔާގައި ބްރެންޓް ކްރޫޑްގެ އަގު 2.3 އިންސައްތަ ދަށަށް ގޮސް، ދުނިޔޭގެ ތެލުގެ އަގު އޭގެ 24 ގަޑިއިރު ކުރިން ހުރިވަރަށް ގާތްގަނޑަކަށް އަނބުރާ އައިސްފިއެވެ.
އީރާނަށް ޓްރަމްޕް ދިން އިންޒާރާއި ގުޅިގެން ތެޔޮ ފީފާއެއްގެ އަގި 81 ޑޮލަރަށް ވުރެ މައްޗަށް އެރިއެވެ. ނަމަވެސް މިއަދު އެ އަގު 78.23 ޑޮލަރަށް ކުޑަވެގެން ދިޔައެވެ. މިއީ އެމެރިކާއާއި އީރާނާއި ދެމެދު ފެށުނު ހަނގުރާމައިގެ ކުރިން ހުރި އަގަށްވުރެ 7 އިންސައްތަ މަތީ އަގެކެވެ. އެހެންކަމުން، ހަނގުރާމައިގެ ސަބަބުން ބޮޑުވި އަގުތައް މިހާރު ދަނީ ހަމަޔަކަށް އެޅެމުންނެވެ.
އެއްބަސްވުމުގެ ސަބަބުން އިންވެސްޓަރުނަށް ލިބުނު އުންމީދާއެކު އޭޝިޔާގެ ހިއްސާގެ ބާޒާރަށް ވަނީ ކުރިއެރުން ލިބިފައެވެ. އެގޮތުން، ޖަޕާނުގެ ނިއްކޭ ބެންޗްމާކު 225 އަށް ވަނީ ގޮސްފައެވެ. މިއީ 2 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ދެކުނު ކޮރެއާގެ ކޮސްޕީ ވަނީ 1.7 އިންސައްތަ މަތިވެފައެވެ.
މިމައްސަލއިގައި ވާހަކަ ދައްކަވަމުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފު ވިދާޅުވީ، އީރާނުން ވަގުތުން ހޮރްމުޒް ކަނޑުއޮޅި ވަގުތުން ހުޅުވާލާނެ ކަމަށެވެ. އަދި އެމެރިކާއިން އީރާނުގެ ބަނދަރުތަކުގައިވާ އަސްކަރީ ބަންދު އުވާލާނެއެވެ.
ނަމަވެސް ޝިޕިންގް ކުންފުނިތަކުން ވަނީ އެމީހުންގެ ސަލާމަތާއި ރައްކާތެރިކަމާއި މެދު ސުވާލު އުފައްދާފައެވެ. ހޮރްމުޒް ކަނޑުއޮޅިން ބޭރުވުމަށް މިހާރުވެސް 500 އަށް ވުރެގިނަ އުޅަނދުފަހަރު ކިޔުގައި އެބަ އޮތެވެ. އަދި މި ކަނޑުއޮޅީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަންޖެހެއެވެ.
ބަލްޓިކް އެންޑް އިންޓަރނޭޝަނަލް މެރިޓައިމް ކައުންސިލް (ބިމްކޯ) ގެ ޗީފް ސޭފްޓީ އެންޑް ސެކިއުރިޓީ އޮފިސާރ ޖޭކޮބް ލާރސެން ވަނީ، މި ކަނޑުއޮޅިން ދަތުރުކުރާއިރު ރައްކާތެރިކަމާއި ސަލާމަތާއި ބެހޭ ތަފްސީލީ މައުލީމާތު ލިބިފައިނުވާތީ، އެތަނުން އުޅަނދުފަހަރު ދަތުރުކުރުމާ މެދު ކަންބޮޑުން ފާޅުކުރައްވާފައެވެ.