ދުނިޔެ
ހޮރްމުޒް ކަނޑުއޮޅީގެ މިޝަނަކަށް ޖަރުމަނުގެ ދެ މަނަވަރެއް ރެޑް ސީއަށް މިސްރާބު ޖަހައިފި
ހޮރްމުޒް ކަނޑު ފެންނަ ހިސާބުގައި އަތިރިމަތީގައި ބަޔަކު ހުއްޓިލައިގެން. ފޮޓޯ: ރޮއިޓާސް
ހޮރްމުޒް ކަނޑުއޮޅީގައި އޮތް މައިންތައް ނައްތާލުމުގެ މިޝަނަކަށް ތައްޔާރުވުމުގެ ގޮތުން ޖަރުމަނުވިލާތުގެ ދެ މަނަވަރެއް ރެޑް ސީއަށް ފޮނުވަމުންދާ ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓަރު ބޮރިސް ޕިސްޓޯރިއަސް ވިދާޅުވެއްޖެއެވެ.
ބްރަސަލްސްގައި ބޭއްވުނު ނޭޓޯގެ ބައްދަލުވުމަކަށް ވަޑައިގެން ވާހަކަދައްކަވަމުން ޕިސްޓޯރިއަސް ވިދާޅުވީ، ޖަރުމަނުގެ މައިންސްވީޕަރެއް ކަމަށްވާ 'ފުލްޑާ' އާއި ސަޕްލައި މަނަވަރު 'މޯސެލް' މިހާރު ސުއޭޒް ކެނަލް ހުރަސްކޮށް ރެޑް ސީއާ ދިމާލަށް ދަތުރުކުރަމުންދާ ކަމަށެވެ. ނަމަވެސް، މި އޮޕަރޭޝަންގައި ބައިވެރިވުމުގެ ކުރިން އީރާނާއި އޮމާންގެ ހުއްދަ ބޭނުންވާނެ ކަމަށާއި، މި މިޝަން ކުރިއަށްދާނީ އެމެރިކާއާއި އީރާނާ ދެމެދު ކުރެވޭ މަޝްވަރާތަކަށް ބިނާކޮށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެމެރިކާއާއި އީރާނާ ދެމެދު ވެވުނު ފަހުމުނާމާ (އެމްއޯޔޫ) އާ ގުޅޭގޮތުން ކޮންގްރެސްއަށް މައުލޫމާތު ދިނުމަށާއި، އޭގެ ފުރިހަމަ ލިޔެކިޔުންތައް ހިއްސާކުރުމަށް އެމެރިކާގެ އިސް ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވަނީ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއަށް ގޮވާލާފައެވެ. ރެޕްރެޒެންޓޭޓިވް ގްރެގަރީ މީކްސް، ޖިމް ހައިމްސް އަދި އެޑަމް ސްމިތު ސޮއިކުރައްވާ ފޮނުއްވި ސިޓީގައި، މި އެއްބަސްވުމުގެ ސަބަބުން ގައުމީ ސަލާމަތަށް ކުރާނެ އަސަރުތަކާއި، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ސުވާލު އުފައްދާފައިވެއެވެ.
މި މެންބަރުން ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ 15 ހަފުތާގެ ތެރޭގައި ހިނގި ކުރިމަތިލުންތަކުގައި އެމެރިކާގެ 14 ސިފައިން މަރުވެ، އެތައް ސަތޭކަ ބަޔަކު ވަނީ ޒަޚަމްވެފައެވެ. އަދި ހޮރްމުޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލާއި ކާބޯތަކެތީގެ އަގު އުފުލިފައިވާކަންވެސް އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.
މި އެއްބަސްވުން ތަންފީޒުކުރުމާ ގުޅޭ ފުރަތަމަ މަރުހަލާގެ މަޝްވަރާތައް މާދަމާ ސްވިޒަލޭންޑްގެ ބާގަންސްޓޮކް ރިސޯޓުގައި ކުރިއަށްދާނެ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ. މި ބައްދަލުވުމުގައި އެމެރިކާއާއި އީރާނުގެ އިތުރުން މެދުވެރިންގެ ގޮތުގައި ޕާކިސްތާނާއި ގަތަރު ބައިވެރިވާނެއެވެ.
މީގެ އިތުރުން، އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އާއި އިޓަލީގެ ފޮރިން މިނިސްޓަރު އެންޓޯނިއޯ ތަޖާނީ ވަނީ ފޯނުން ގުޅުއްވައި މި އެމްއޯޔޫއާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ދެ ބޭފުޅުންވެސް ވަނީ ސަރަހައްދީ ހަމަޖެހުމާއި ސަލާމަތްތެރިކަން ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.