Ads by Farudhun

ޚަބަރު

ވިލިމާލޭގައި "މާލޭ ޓެކްސީ ލައިން" ގެ ޚިދުމަތް ފަށައިފި

ވިލިމާލޭގައި "މާލޭ ޓެކްސީ ލައިން" ގެ ޚިދުމަތް ފަށައިފި

ވިލިމާލޭގައި ޓެކްސީ ޚިދުމަތް ފެށުން / ފޮޓޯ: އެމްޓީސީސީ

farudhun logo

ފަރުދުން

18 ޖޫން 2026، 06:53

18 ޖޫން 2026، 06:53

މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، "މާލޭ ޓެކްސީ ލައިން"ގެ ޚިދުމަތް މިއަދު ވިލިމާލޭގައި ރަސްމީކޮށް ފަށައިފިއެވެ.

މި ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ. މިކަމަށްޓަކައި މިއަދު ވިލިމާލޭ ފެރީ ޓަރމިނަލް ސަރަހައްދުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސައުދީ އާއި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާޢީލްގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

"މާލޭ ޓެކްސީ ލައިން" އަކީ މާލެ ސަރަހައްދަށް ޒަމާނުއްސުރެ ދިމާވެފައިވާ ޓެކްސީ ނުލިބުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިސްނަންގަވައިގެން ފެއްޓެވި ޚިދުމަތެކެވެ. ވިލިމާލޭގައި މި ޚިދުމަތް ދިނުމަށް ބޭނުންކުރަނީ ތިމާވެއްޓާއި ރައްޓެހި، އެކަމަށް ޚާއްސަކޮށްގެން ރާއްޖެ ގެނެސްފައިވާ އުޅަނދުތަކެކެވެ.



މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ އެމްޑީ ސައުދީ ވިދާޅުވީ، މި ޚިދުމަތުގެ ސަބަބުން ވިލިމާލޭގެ ރައްޔިތުންނަށް އެއް ތަނުން އަނެއް ތަނަށް ދަތުރުކުރުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ޚާއްސަ އެޕްލިކޭޝަންގެ އިތުރުން، ޓެކްސީ ހޮޓްލައިން '1655' އަށް ގުޅައިގެންވެސް ފަސޭހަކަމާއެކު ޓެކްސީ ބުކް ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ވިލިމާލޭގެ ހަނި ގޯޅިތަކަށް އުޅަނދުތަކަށް ނުވަދެވޭ މައްސަލައަށް އަލިއަޅުއްވާލައްވަމުން ސައުދީ ވިދާޅުވީ، އަލަށް ފެށި މި ޚިދުމަތް ފަރުމާކޮށްފައިވަނީ އެފަދަ ގޯޅިތަކަށްވެސް ފަސޭހައިން ވަދެވޭނެ ފަދަ އިންތިޒާމުތަކަކާއެކު ކަމަށެވެ. މިއީ ވިލިމާލޭ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއަކަށް ލިބުނު ހައްލެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

24 ގަޑިއިރު މެދުނުކެނޑި ޚިދުމަތް ލިބޭ ގޮތަށް ފަރުމާކޮށްފައިވާ "މާލޭ ޓެކްސީ ލައިން" ގެ ޚިދުމަތް މާލެއާއި ހުޅުމާލޭގައި ފަށާފައިވަނީ މިއަހަރުގެ އޭޕްރިލް މަހުގެ 2 ވަނަ ދުވަހުއެވެ. މި ޚިދުމަތް ވިލިމާލެއަށް ފުޅާވެގެން ދިއުމަކީ މުޅި މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ލިބުނު ކުރިއެރުމެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450