Ads by Farudhun

ޚަބަރު

މީހުން ބިނާކުރުމަކީ މުޖުތަމަޢަކަށް ކުރެވޭނެ އެންމެ ފައިދާހުރި ވުނަކުރުން: ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން

މީހުން ބިނާކުރުމަކީ މުޖުތަމަޢަކަށް ކުރެވޭނެ އެންމެ ފައިދާހުރި ވުނަކުރުން: ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

19 ޖޫން 2026، 06:45

19 ޖޫން 2026، 06:45

ކޮންމެ މުޖުތަމަޢަކަށްވެސް ކުރެވޭނެ އެންމެ ފައިދާހުރި ވުނަކުރުމަކީ މީހުން ބިނާކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފާހަގަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިކަން ފާހަގަކުރެއްވީ، 13 ވަނަ މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީގެ ބައެއްގެ ގޮތުގައި ބުރާސްފަތި ދުވަހު އޮންލައިންކޮށް ބޭއްވި، 8 ވަނަ މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމް.އެފް.އެފް.އެލް.އައި) ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެފްރިކާ އަދި އޭޝިއާގެ ޤައުމުތަކުގެ ފަސްޓް ލޭޑީންނާއެކު ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި މި ސަމިޓުގައި ބައިވެރިވެވަޑައިގެން، އެކަމަނާ ވަނީ ޖިއޮގްރަފީ ގޮތުން ކިތަންމެ ދުރުގައިވީ ނަމަވެސް، ކޮންމެ މީހަކަށްމެ ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ލިބެންޖެހޭނެ ކަމަށް ވިދާޅުވެ އެކަމަށް ބާރުއަޅުއްވާފައެވެ.

އެކަމަނާގެ ވާހަކަފުޅުގައި، އެކަހެރި ރަށަކަށް އުފަންވާ ކުއްޖަކަށްވެސް، ވެރިރަށަށް އުފަންވާ ކުއްޖަކާ އެއްފަދައިން، ދުޅަހެޔޮ މުސްތަގުބަލެއް ބިނާކުރުމުގެ ހަމަހަމަ ފުރުސަތު ލިބެންޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި މެރކް ފައުންޑޭޝަނާއެކު ދިވެހިރާއްޖެއިން ގާއިމުކޮށްފައިވާ ބަދަހި ގުޅުމުގެ ސަބަބުން ލިބިފައިވާ ހެޔޮ ނަތީޖާތަކަށްވެސް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ.

މިގޮތުން، ފާޓިލިޓީ އެންޑް އެމްބްރިއޮލޮޖީ، އެންޑޯކްރިނޮލޮޖީ، ކްރިޓިކަލް ކެއާ، އަދި ޕީޑިއޭޓްރިކްސް ފަދަ މުހިންމު ދާއިރާތަކުން ރާއްޖެއަށް ލިބިފައިވާ 13 ސްކޮލަޝިޕެއްގެ އިތުރުން، މީޑިއާ، މިއުޒިކް، ފިލްމު އަދި ފެޝަން ޑިޒައިނިންގްގެ ދާއިރާއިން ލިބުނު 8 ކްރިއޭޓިވް އެވޯޑާއި، 'އެޑިއުކޭޓިންގް ލިންޑާ' ޕްރޮގްރާމުގެ ދަށުން ފޯރުކޮށްދެވުނު 3000 ސްކޫލް ސަޕްލައި ސެޓް ހިމެނޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ސާޖިދާ މުޙައްމަދު އިތުރަށް ވިދާޅުވީ، ދެމެހެއްޓެނިވި ތަރައްޤީއަކީ ހަމައެކަނި އުމްރާނީ ވަސީލަތްތަކުން ހާސިލުކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ. އެކަމަނާ ވިދާޅުވި ގޮތުގައި، ކޮންމެ ފަރުދަކަށްމެ އަބުރުވެރިކަމާއި، އުންމީދާއި، ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ކަށަވަރުކުރުމަށްޓަކައި، އިތުބާރާއި އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ ބައިވެރިވުންތަކެއް އޮންނަންޖެހެއެވެ.

މެރކް ފައުންޑޭޝަންގެ 'މޯ ދޭން އަ މާދަރ' ޕްރޮގްރާމްގެ އެމްބެސެޑަރެއްގެ ހައިސިއްޔަތުން، ދަރިމައިނުވުމާ ގުޅިގެން މުޖުތަމަޢުން ކުރިމަތިކުރުވާ ބަދުނާމާއި ތަފާތުކުރުންތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެކަމަނާ ވާހަކަފުޅު ދެއްކެވިއެވެ. އެފަދަ ތަފާތުކުރުންތަކަކީ އެ ބަލީގެ ވޭނާ އެއްވަރުގެ ކަމެއްކަން ފާހަގަކުރައްވައި، ފާޑުކިޔުމުގެ ބަދަލުގައި ހަމްދަރުދީ އިސްކޮށް، ކޮންމެ ފަރުދަކަށްމެ އިހުތިރާމާއި ގަދަރުލިބޭ މުޖުތަމަޢުތަކެއް ބިނާކުރުމަށް އެކަމަނާ ގޮވާލެއްވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން އެކަމަނާ ވަނީ، ޞިއްޙަތާއި، ފުރުޞަތުތަކާއި، އަބުރުވެރިކަމަކީ ހަމައެކަނި މަދު ބަޔަކަށް ލިބޭ އިމްތިޔާޒުތަކަކަށް ނުހަދައި، އެއީ އެންމެންގެ ޙައްޤުތަކަކަށް ހެދުމަށްޓަކައި ހުރިހާ ބައިވެރިން އެކުގައި މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450