ދުނިޔެ

އަނެއްކާވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެ

އަނެއްކާވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެ

ހޮރްމުޒް ކަނޑު. ފޮޓޯ: އޭޕީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 ޖޫން 2026، 03:55

19 ޖޫން 2026، 03:55

އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ އެއްބަސްވުމާމެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް އުފުލެން ފަށައިފިއެވެ.

ބައިނަލްއަގުވާމީ މިންގަނޑެއް ކަމަށްވާ ބްރެންޓް ކުރޫޑްގެ އަގު ހުކުރު ދުވަހު 0.65 އިންސައްތަ މައްޗަށް ގޮސްފައިވާއިރު، މިއީ މިދިޔަ ބުދަ ދުވަހަށްފަހު ތެލުގެ އަގު 80 ޑޮލަރަށްވުރެ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

ތެލުގެ އަގު އުފުލެން މެދުވެރިވީ އިސްރާއީލުން ލުބުނާނަށް ދިން ސިލްސިލާ ހަމަލާތަކެއްގައި 16 މީހުން މަރުވެ، އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް ނުރައްކާވުމާ ގުޅިގެންނެވެ. މީގެ އިތުރުން އިސްރާއީލުގެ ދެކުނުގައި ހިޒްބުالله އާއި އިސްރާއީލު ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި އިސްރާއީލުގެ ހަތަރު ސިފައިން މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި ހަމަލާތަކާ ގުޅިގެން ސުވިޒަލޭންޑުގައި ބޭއްވުމަށް ހަމަޖެހިފައި އޮތް އެމެރިކާއާއި އީރާނުގެ އޮފިޝަލުންގެ ބައްދަލުވުން މިހާރު ވަނީ ކެންސަލްކޮށްފައެވެ. މި ހަމަނުޖެހުންތަކުގެ އަސަރު އޭޝިއާގެ ހިއްސާގެ ބާޒާރަށްވެސް ވަނީ ކޮށްފައެވެ. އެގޮތުން ޖަޕާނުގެ ނިކޭ އިންޑެކްސްއާއި ދެކުނު ކޮރެއާގެ ކޮސްޕީ އިންޑެކްސްއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ.

ހޮރްމޫޒް ކަނޑުއޮޅިން ބައެއް ތެޔޮ ޓޭންކަރުތައް ދަތުރުކުރަން ފެށި ނަމަވެސް، އެ ސަރަހައްދުގެ ދަތުރުފަތުރު އަދިވެސް އޮތީ ވަރަށް މަޑުޖެހިފައެވެ. ހަނގުރާމައިގެ ކުރިން ދުވާލަކު 120 އަށްވުރެ ގިނަ އުޅަނދު ދަތުރުކުރި ނަމަވެސް، މިހާރު އެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނުން ބުނާ ގޮތުގައި ފެބްރުއަރީ މަހުން ފެށިގެން އެ ސަރަހައްދުން ދަތުރުކުރި އުޅަނދުތަކަށް 46 ހަމަލާއެއް ދީފައިވެއެވެ.

އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އިންޑިޕެންޑެންޓް ޓޭންކަރު އޯނާސް (INTERTANKO) އިން ވަނީ ކަނޑުއޮޅިން ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމުތަކާ މެދު ސާފު މަޢުލޫމާތު ދިނުމަށް ގޮވާލާފައެވެ. އެ ޖަމްޢިއްޔާގެ މެނޭޖިންގ ޑައިރެކްޓަރު ޓިމް ވިލްކިންސް ވިދާޅުވީ، އުޅަނދުތަކުގެ ވެރިން އެންމެ ބޮޑު އިސްކަމެއް ދެނީ ފަޅުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށާއި، އެކަމުގައި ޔަގީންކަމެއް ނެތި ދަތުރުތައް ފެށުމަށް ފަސްޖެހޭ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450