ކުޅިވަރު / ދުނިޔެ

ދަތުރުފަތުރުގެ ހުރަސްތަކާ ގުޅިގެން އީރާނުން ފީފާއަށް ޝަކުވާ ހުށަހަޅަނީ

ދަތުރުފަތުރުގެ ހުރަސްތަކާ ގުޅިގެން އީރާނުން ފީފާއަށް ޝަކުވާ ހުށަހަޅަނީ

އިރާނުގެ ފުޓްބޯޅަ ޓީމް. ފޮޓޯ: އޭއެފްޕީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 ޖޫން 2026، 04:06

19 ޖޫން 2026، 04:06

2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ އީރާނުގެ ގައުމީ ޓީމަށް އުތުރު އެމެރިކާގައި ދަތުރުފަތުރު ކުރުމުގައި ކުރިމަތިވަމުންދާ ހުރަސްތަކާ ގުޅިގެން، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އަށް ޝަކުވާ ހުށަހަޅަން ނިންމައިފި ކަމަށް އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުރާސްފަތި ދުވަހު ބުނެފިއެވެ.

އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ތަރުޖަމާނު އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން ބުނީ، މުބާރާތުގެ ތައްޔާރީތަކުގެ ތާވަލު މާކުރިން ހުށަހަޅާފައިވީ ނަމަވެސް، އިންތިޒާމުކުރާ ފަރާތްތަކުން ކުރިމަތިކުރާ ހުރަސްތަކުގެ ސަބަބުން ޓެކްނިކަލް ސްޓާފުންގެ ރޭވުންތަކަށް ބުރޫއަރަމުންދާ ކަމަށެވެ. ޚާއްސަކޮށް، މެކްސިކޯގެ ޓިޖުއާނާގައި ހުރި އެގައުމުގެ ބޭސް ކޭމްޕުން އެމެރިކާގެ ލޮސް އެންޖެލެސްއަށް މެޗުގެ ދެ ދުވަސް ކުރިން ދަތުރުކުރުމަށް އެދުނު އެދުމަށް ވަނީ އިންކާރުކޮށްފައެވެ.

އީރާނުން އެދުނީ އަންނަ އާދީއްތަ ދުވަހު ބެލްޖިއަމާ ދެކޮޅަށް ކުޅޭ މެޗު ލޮސް އެންޖެލެސްގެ ގަޑިން މެންދުރު 12 ޖަހާއިރު އޮތުމުން، ކުޅުންތެރިންނަށް މާހައުލަށް ހޭނުމަށާއި ފަހުގެ ތަމްރީނުތައް ފުރިހަމަކުރުމަށް ވަގުތު ހޯދުމަށެވެ. "ޓެކްނިކަލް ސަބަބުތައް ބަޔާންކޮށް ފެޑެރޭޝަނުން އެދުނު ނަމަވެސް، އަނެއްކާވެސް އެ އެދުމަށް ވަނީ އިންކާރުކޮށްފައި،" ތަރުޖަމާނު ބުންޏެވެ.

މި މައްސަލަ ބޮޑުވެފައިވަނީ އީރާނުގެ ފުރަތަމަ މެޗަށްފަހު އެމެރިކާގެ އޮފިޝަލުން ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. އެމެރިކާއިން ބުނެފައިވަނީ އީރާނު ޓީމަށް އެމެރިކާގައި މަޑުކުރެވޭނީ މެޗު އޮންނަ ދުވަހުގެ ކުރީ ދުވަހުން ފެށިގެން މެޗު ނިމޭ ރެއާ ހަމައަށް ކަމަށެވެ. މިކަމުގެ ސަބަބުން ފުރަތަމަ މެޗަށްފަހު ކުޅުންތެރިންނަށް އަރާމުކޮށްލާނެ ވަގުތެއް ނުލިބި، މެޗު ނިމުނުތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއިން ފުރައިގެން މެކްސިކޯއަށް އެނބުރި ދާން ވަނީ މަޖުބޫރުވެފައެވެ.

ވައިޓް ހައުސްގެ ފީފާ ޓާސްކް ފޯސްގެ އެގްޒެކެޓިވް ޑައިރެކްޓަރު އެންޑްރޫ ގިއުލިއާނީ ވިދާޅުވީ، އީރާނަށް އެމެރިކާއަށް ވަދެވޭނީ "މެޗު އޮންނަ ދުވަހުގެ އެއް ދުވަސް ކުރިން" ކަމަށާއި، މެޗު ނިމޭ ރޭ އެގައުމުން ފުރަންޖެހޭނެ ކަމަށެވެ. މި އުސޫލު ޖޫން 26 ގައި ސިއެޓްލްގައި މިސްރާ ދެކޮޅަށް ކުޅޭ މެޗުގައިވެސް ހިފަހައްޓާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނުން މި މުބާރާތުގައި ވާދަކުރަމުން މިދަނީ ސަރަހައްދީ ސިޔާސީ ނުތަނަވަސްކަމާއި، އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ޓީމުގެ ބައިވެރިވުމާ މެދު ގިނަ ދުވަސްތަކެއް ވަންދެން ޝައްކުތަކެއް އުފެދިފައި އޮތުމަށްފަހުގައެވެ. އީރާނު ހިމެނެނީ މުބާރާތުގެ ގްރޫޕް 'ޖީ' ގައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450