ދުނިޔެ

ލުބުނާނަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާ ގުޅިގެން ޞުލްޙައިގެ މަޝްވަރާތައް ފަސްކޮށްފި

ލުބުނާނަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާ ގުޅިގެން ޞުލްޙައިގެ މަޝްވަރާތައް ފަސްކޮށްފި

އީރާނުގެ ދިދަ ނަގައިގެން އިރާނުގެ މަގެއްގެ މަތީގައި ހުރި މީހެއް. ފޮޓޯ: ރޮއިޓާސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 ޖޫން 2026، 07:00

19 ޖޫން 2026، 07:00

އެމެރިކާ އާއި އީރާނާ ދެމެދު ސޮއިކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ފަންނީ ކަންކަމާ ގުޅޭގޮތުން ސްވިޒަލޭންޑުގައި ބޭއްވުމަށް ހަމަޖެހިފައި އޮތް މަޝްވަރާތައް ކުއްލި ގޮތަކަށް ފަސްކޮށްފިއެވެ.

މި މަޝްވަރާތައް ފަސްކުރަން ޖެހުނީ ލުބުނާނުގެ ދެކުނަށް އިސްރާއީލުން ދެމުންދާ ވަރުގަދަ ހަމަލާތަކާ ގުޅިގެން އީރާނުގެ ވަފުދު ފޮނުވުން ލަސްކުރުމާ ގުޅިގެންނެވެ.

ސްވިޒަލޭންޑުގެ ފޮރިން މިނިސްޓްރީން ހުކުރު ދުވަހު ކަށަވަރުކޮށްދިން ގޮތުގައި، ބާގަންސްޓޮކްގައި ބޭއްވުމަށް ރޭވިފައި އޮތް މި ބައްދަލުވުން ކުރިއަށް ނުދާނެއެވެ. މީގެ ސަބަބުން މި ހަފުތާގެ ކުރީކޮޅު ދެ ގައުމުން ސޮއިކުރި އެއްބަސްވުން އުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. އިސްރާއީލުން ލުބުނާނަށް ދިން ހަމަލާތަކުގައި މިހާތަނަށް 18 މީހުން މަރުވެފައިވާއިރު، އީރާނުން ތާއީދުކުރާ ހިޒްބުالله އިން ދަނީ އިސްރާއީލާ ދެކޮޅަށް ވަރުގަދައަށް ހަނގުރާމަ ކުރަމުންނެވެ.

އީރާނުގެ އިސް މަޝްވަރާވެރިޔާ މުހައްމަދު ބާގިރު ގާލިބާފް ވިދާޅުވީ، ކޮންމެ މަޝްވަރާއެއްވެސް ކުރިއަށްދާނީ ތެހެރާނުން ކަނޑައަޅާފައިވާ "ރަތް ރޭނިތަކުގެ" ތެރެއިން ކަމަށެވެ. އަދި އިސްރާއީލުން ލުބުނާނަށް ދޭ ހަމަލާތައް ހުއްޓާލުމަކީ އީރާނުގެ މައިގަނޑު އެއް ޝަރުތެވެ. "ދުޝްމަނުން ހައްދުފަހަނަޅައިދާން އުޅޭނަމަ، އަހަރެމެންގެ އިނގިލިތައް ހުރީ ބަޑީގެ އޮބިގަނޑުގައިކަން ވާނީ ސާބިތުކޮށްދީފައި،" ގާލިބާފް ވިދާޅުވިއެވެ.

މި ހަމަނުޖެހުންތަކުގެ ތެރެއިންވެސް އީރާނުން ވަނީ 60 ދުވަހުގެ މަޝްވަރާގެ މުއްދަތުގައި ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ނަގާ ފީ އުނިކޮށްދޭނެ ކަމަށް އިއުލާންކޮށްފައެވެ. ޕާޝިއަން ގަލްފް ސްޓްރެއިޓް އޮތޯރިޓީން ބުނީ 48 ގަޑިއިރުގެ ކުރިން ނޯޓިސް ދިނުމުން އުޅަނދުތަކަށް އެ ސަރަހައްދުން ދަތުރުކުރެވޭނެ ކަމަށެވެ.

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް މި މަޝްވަރާތަކަށް ސްވިޒަލޭންޑަށް ވަޑައިގަތުމަށް ހަމަޖެހިފައި އޮތް ނަމަވެސް، ބުރާސްފަތި ދުވަހުގެ ރޭ އެ ދަތުރު ވަނީ ކެންސަލްކޮށްފައެވެ. ވައިޓް ހައުސްއިން ބުނީ މަޝްވަރާތަކުގެ އިންތިޒާމުތައް ފައިނަލް ނުކުރެވުމުގެ ސަބަބުން ވެންސް ވޮޝިންގްޓަންގައި މަޑުކުރައްވާނެ ކަމަށެވެ.

އިސްރާއީލުން ލުބުނާނުގައި ކުރިއަށްގެންދާ އަސްކަރީ ހަރަކާތްތަކާ މެދު އެމެރިކާގެ ސަރުކާރުގެ ތެރޭގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ. ވެންސް ވަނީ އިސްރާއީލުގެ ބައެއް ވަޒީރުންގެ ބަސްމަގަށް ފާޑުވިދާޅުވެ، ދުނިޔޭގައި އޮތް ހަމައެކަނި ބާރުގަދަ އެކުވެރިޔާއަށް ހަމަލާދިނުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައިވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ލުބުނާނުގެ ދެކުނުގައި އިސްރާއީލު ސިފައިން ތިބޭނެ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450