ދުނިޔެ

އަފްޣާނިސްތާނުން ޕާކިސްތާނުގެ ބައެއް ސަރަހައްދުތަކަށް ވައިގެ ހަމަލާތަކެއް ދީފި

އަފްޣާނިސްތާނުން ޕާކިސްތާނުގެ ބައެއް ސަރަހައްދުތަކަށް ވައިގެ ހަމަލާތަކެއް ދީފި

އަފްޣާނިސްތާނާއި ޕާކިސްތާނު ގުޅޭ ބޯޑަރު ސަރަހައްދު. ފޮޓޯ: ޓްރައިބަލް ނިއުސް ނެޓްވޯކް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 ޖޫން 2026، 07:39

19 ޖޫން 2026، 07:39

އަފްޣާނިސްތާނުގެ ދިފާއީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ޕާކިސްތާނުގެ އެތެރޭގައި ހަތިޔާރު އެޅި ގްރޫޕްތަކާއި "ދުޝްމަން އިންޓެލިޖެންސް" އިދާރާތަކުން ބޭނުންކުރާ ތަންތަނަށް އަމާޒުކޮށް ވައިގެ ހަމަލާތަކެއް ވަނީ ދީފައެވެ. މި ހަމަލާތައް ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.

އަފްޣާނިސްތާނުގެ ދިފާއީ ވުޒާރާއިން ސޯޝަލް މީޑިއާގައި ހިއްސާކުރި ބަޔާނެއްގައި ބުނެފައިވަނީ، މި ހަމަލާތައް އަމާޒުކޮށްފައިވަނީ ޕާކިސްތާނުގެ ބަލޯޗިސްތާން އަދި ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންސްގައި ހުރި މަރުކަޒުތަކަކަށް ކަމަށެވެ. މި މަރުކަޒުތަކަކީ އަފްޣާނިސްތާނާ ދެކޮޅަށް ހަމަލާތައް ރޭވުމަށް ބޭނުންކުރާ ތަންތަން ކަމަށް އެ ވުޒާރާއިން ތުހުމަތުކުރެއެވެ.

މި ހަމަލާއާ ގުޅިގެން އަފްޣާނިސްތާނުގެ ދިފާއީ ވުޒާރާއިން ބުނެފައިވަނީ، "އަފްޣާނިސްތާނުގެ ސަލާމަތާއި ހަމަޖެހުމަށް އޮތް އެއްވެސް ނުރައްކަލަކަށް ދެން ކެތް ނުކުރާނެ" ކަމަށާއި، ކޮންމެ ނުރައްކަލެއްވެސް އޭގެ އަސްލުން ނައްތާލުމަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނެ ކަމަށެވެ. ނަމަވެސް، ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓްރީން ވަނީ އަފްޣާނިސްތާނުގެ މި ރިޕޯޓުތައް ދޮގުކޮށްފައެވެ.

2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައި ފަހުން ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ޕާކިސްތާނުން ތުހުމަތުކުރާ ގޮތުގައި އަފްޣާނިސްތާނުން ދަނީ ޕާކިސްތާނަށް ހަމަލާދޭ ޓީޓީޕީ ފަދަ ޖަމާއަތްތަކަށް ހިމާޔަތް ދެމުންނެވެ. އެހެންނަމަވެސް އަފްޣާނިސްތާނުން މި ހުރިހާ ތުހުމަތުތަކެއް ދޮގުކުރެއެވެ.

މިދިޔަ ހަފުތާގައި ޕާކިސްތާނުންވެސް ވަނީ އަފްޣާނިސްތާނުގެ ބައެއް ޕްރޮވިންސްތަކަށް ވައިގެ ހަމަލާތަކެއް ދީފައެވެ. އެ ހަމަލާތަކުގައި 11 ކުޑަކުދިން ހިމެނޭހެން 13 މީހުން މަރުވި ކަމަށް އަފްޣާނިސްތާނުން ބުނެފައިވެއެވެ. ޗައިނާ މެދުވެރިވެގެން ދެ ގައުމުގެ ދެމެދުގައި ސުލްހަ ގާއިމުކުރުމަށް ކުރި މަސައްކަތްތަކުން މިހާތަނަށް އެދެވޭ ނަތީޖާއެއް ފެނިފައެއް ނުވެއެވެ.

އދ. އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ދެ ގައުމުގެ ބޯޑަރު ސަރަހައްދުގައި ހިނގި ކުރިމަތިލުންތަކުގައި އަފްޣާނިސްތާނުގެ 372 އާންމުން މަރުވެ، 397 މީހުން ވަނީ ޒަޚަމްވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450